ރާއްޖެ ޓްރާންސްޕޯޓް ލިންކް އާރްޓީއެލްގެ ޚިދުމަތް ށ.އަތޮޅުގައި ފަށާއި، ޒޯން އެކެއްގެ ރަށްތައް ގުލުވައިލައިފިއެވެ. އާރުޓީއެލްގެ ފެރީ ޚިދުމަތް އެންމެ ފުރަތަމަ ފެށީ ހދ.ގައެވެ. އޭގެ ފަހުން ހއ.ގައި ފެޑިއެވެ. އަދި ށ.އަތޮޅުގައި ފެށީ މިއަދުއެވެ.
ށ.އަތޮޅުގައި މި ޚިދުމަތް މިއަދު ފަށާފައިވާއިރު، ހަތް ރޫޓަކުން އަހުލުވެރި ކުރުމުގެ ދަތުރުތައް ކުރިއަށްދާއިރު މި ދަތުރުތަކަށް އެއްވެސް އަގެއް ނުނެގޭނެކަމަށް ޕްލޭނިން މިނިސްޓްރީން ބުންޏެވެ. އެމްޓީސީސީން ބުނީ، އަންގާރަދުވަހު ށ.އަތޮޅުގައި ޚިދުމަތް ފަށާފައިވަނީ 50 މީހުންގެ ޖާގައިގެ 4 ފެރީއާއެކުއެވެ. ފުރަތަމަ ހަފްތާގައި ޓެސްޓު ދަތުރުތައް ކުރުމަށްފަހު އިތުރު ބަދަލެއް ގެންނަންޖެހޭނަމަ އެބަދަލާއެކު ރަސްމީކޮށް ދަތުރުތައް ފަށާނީ އަންނަ ހަފްތާގެ އަންގާރަ ދުވަހުގައިކަމަށް އެމްޓީސީސީން ވިދާޅުވެއެވެ. ށ.އަތޮޅުގައި 7 ރޫޓަކުން އާރްޓީއެލްގެ ޚިދުމަތް ދޭންވަނީ ފަށާފައެވެ.
ޒޯން އެކެއްގައި ހިމެނޭ ހުރިހާ ރަށަކަށް އާރްޓީއެލްގެ ޚިދުމަތް މިހާރު ފަށާފައިވާއިރު އެމްޓީސީސީއިން ވަނީ ޒޯން 2 އަދި 3 ގައި ހިމެނޭ ރަށްތަކުގައި ޚިދުމަތް ދިނުމަށް ވާންޖެހޭ ތައްޔާރީތައްވެސް ފަށާފައެވެ. މިގޮތުން މިޒޯންތަކުގައި ޚިދުމަތް ފެށުމަށްޓަކައި ބަންނަންޖެހޭ ފެރީތައް ބަނުމަށް ކޮންޓްރެކްޓަރުންނާއި ޙަވާލުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް އެކުންފުނިން ވިދާޅުވެއެވެ. އަދި ހަމައެއާއެކު ރަށްރަށުގައި ޤާއިމުކުރަންޖެހޭ ފެރީ ސްޓޮޕްތަކުގެ މަސައްކަތްވެސް އަންނީ ކުރަމުންނެވެ.
ރާއްޖެ ޓްރާންސްޕޯޓް ލިންކަށް އަހުލުވެރިކުރުމުގެ ދަތުރުތައް ށ. އަތޮޅުގައި މިއަދު ފަށައިފި.
ހަތް ރޫޓަކުން އަހުލުވެރި ކުރުމުގެ ދަތުރުތައް ކުރިއަށްދާއިރު މި ދަތުރުތަކަށް އެއްވެސް އަގެއް ނުނެގޭނެ. #connectingraajje@RTLnetwork @MTCCPlc pic.twitter.com/iPkXPoGmzA
— Min.of National Planning, Housing & Infrastructure (@MoNPHImv) August 30, 2022
ދަތުރުފަތުރުގެ ޤައުމީ ފެރީ ނިޒާމަށް ޢާއްމުންގެ ބޮޑު ތަރުހީބެއް ލިބޭކަމަށް އެމްޓީސީސީން ބުންޏެވެ. އެގޮތުން އެންމެ ގިނަބަޔަކު ދަތުރުކުރަނީ ބޭސްފަރުވާގެ ޚިދުމަތް ހޯދުމަށެވެ. ބައެއް ސަރަޙައްދުތަކުގެ ފެރީތައް އެއްކޮށް ފުލްވާކަމަށްވެސް އެކުންފުނިން ބުނެއެވެ.
. ސަރުކާރުގެ އަމާޒަކީ އަންނަ 2023ގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްވެސް މިނިޒާމުން ގުޅާލުމެވެ.