ރައީސް ޔާމީންގެ ތަރައްޤީގެ އެންމެބޮޑު ބިނާ ބްރިޖަށް 4 އަހަރު!

ރައީސް ޔާމީންގެ ތަރައްޤީގެ އެންމެބޮޑު ބިނާ ބްރިޖަށް 4 އަހަރު!

Author
މުޙައްމަދު ޝަޒައިމް
30 އޮގަސްޓް 2022 11:58
0

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގެ ޒަޢާމަތުގައި ތަރައްޤީ ކުރި ސިނަމާލެ ބްރިޖަށް މިއަދު ވަނީ ހަތަރު އަހަރު ވެފައެވެ.

ސިނަމާލެ ބްރިޖުމަތިން ދުއްވާތާ 1،460 ދުވަސް، 35،040 ގަޑިއިރު ނުވަތަ 48 މަސް މިއަދަށް ހަމަވީއިރު ބްރިޖަކީ މާލެ ސަރައްދުގެ ތަރައްޤީއާއި ކުރިއެރުމުގެ އެންމެ ބޮޑު އެއް ބިނާކަމަށް ވަނީ ވެފައެވެ. ކަނޑު މަގުން ކުރަމުންދިޔަ ދިގު ދަތުރުތައް ބްރިޖާއެކު ނިމުމަކަށް ގެނެސް ތަރައްޤީގެ ބޮޑު ހިއްސާއަކަށް ބްރިޖު ވަނީ ވެފައެވެ. މާލެއިން ހުޅުމާލެ އަށް ކަނޑުމަގުން ކުރި 30 މިނެޓުގެ ދަތުރު، ބްރިޖު ހުރަސްކޮށް، 10 މިނެޓުގެ ކުރު ދަތުރަކަށް ވަނީ ބަދަލުވެފައެވެ.

ބުރިޖަށް ހަތަރު އަހަރު ފުރުމުގެ މުނާސަބަތުގައި ވާހަކަދައްކަވަމުން ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވާންގް ލިޖިން ވިދާޅުވީ ސިނަމާލެ ބުރިޖަކީ ދެގައުމުގެ އެކުވެރިކަމުގެ ރަމްޒެއް ކަމަށާއި އަދި ބުރިޖުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް އޭގެ ފައިދާކުރާ ކަމަށެވެ.

އަދި، އާއްމުންނަށް ބްރިޖު ހުޅުވާލި ފަހުން މިއަދާ ހިސާބަށް 100 މިލިއަން ދަތުރުކޮށްފައިވާ ކަމަށާއި ބުރިޖަކީ ރާއްޖޭގެ ރައްޔިތުންގެ ދަތުރުތަކަށް ވެސް ގެނުވި ފަސޭހަކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޗައިނާގެ ސީ.ސީ.ސީ.ސީ ސެކަންޑްހާބަރ އިންޖިނިއަރިން ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫޢުގެ މަސައްކަތް އެއްކޮށް ނިންމާ ބްރިޖު ހުޅުވާފައި ވަނީ މި މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ ތާރީޙަށްވުރެ، 25 ދުވަސް ކުރިންނެވެ. ސިނާމާލޭ ބްރިޖް ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ދިވެހިރައްޔިތުންނާއި މުޚާތަބުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ހުޅުމާލެ ހިއްކަން ފެށިއިރު އޮތް އެންމެ ބޮޑު ގޮންޖެހުމަކަށް ވީ ހުޅުމާލެ އާއި މާލެއާ ދޭތެރޭގައި ދަތުރު ފަތުރު ކުރުން ކަމަށެވެ. އަދި އެ ދޭތެރޭގައި ބްރިޖެއް އަޅަން ޖެހޭކަން އެމަނިކުފާނަށް ވިސްނިވަޑައިގަތް ކަމަށާއި، ނަމަވެސް ދިވެހި ދަޢުލަތުގެ މާލިއްޔާގައި އެވަރުގެ ތަނަވަސް ކަމެއް ނެތް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ސިނަމާލޭ ބްރިޖު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތަށްފަހު ރައީސް ޔާމީނާ ޗައިނާ ސަރުކާރުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ޙާއްސަ މަންދޫބު ވަނީ ސިނަމާލޭ ބްރިޖުގެ މައިގޭޓުވޭގައި ޗައިނާއާއި ރާއްޖޭގެ ދިދަ މައުންޓްކޮށްދެއްވާފައެވެ. އެއަށްފަހު ރައީސް ޔާމީނާއި، މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އިއްޒަތްތެރިންވަނީ ބްރިޖު ހުރަސްކޮށް މާލެއިން ހުޅުލެއަށް ދަތުރުކުރައްވާފައެވެ.

ސިނަމާލެ ބުރިޖުގެ މަސައްކަތް ނިމި ބްރިޖް ހުޅުވީ 30 އޮގަސްޓް 2018 ގައެވެ. ސިނަމާލެ ބުރިޖް ރަސްމީކޮށް ހުޅުވާލިރޭ، ރެކޯޑް ޢަދަދަކަށް އެސަރަޙައްދަށް މީހުން އެއްވިއެއްވުމުންވެސް، ރައީސް ޔާމީން ގެނެސްދެއްވާ ޒަމާނީތަރައްޤީ ދިވެހިރައްޔިތުން ބަލައިގަންނަމިންވަރު ހާމަވާކަން ގިނަބަޔަކު ފާހަގަކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.