ށ. އަތޮޅުގެ އާރްޓީއެލް ދަތުރުތައް އަންގާރަ ދުވަހު ފަށަނީ!

ށ. އަތޮޅުގެ އާރްޓީއެލް ދަތުރުތައް އަންގާރަ ދުވަހު ފަށަނީ!

Author
މުޙައްމަދު ޝަޒައިމް
28 އޮގަސްޓް 2022 07:26
0

ޒޯން އެކެއްގައި ހިމެނޭ ށ.އަތޮޅުގައި ފެރީގެ ޚިދުމަތް އަންނަ އަންގާރަ ދުވަހު ފެށުމަށް ތައްޔާރުވެއްޖެއެވެ.

އެމްޓީސީސީން މިހާރުވަނީ މިޒޯންގެ ދަތުރުތައް ފެށުމަށް ބޭނުންވާ ފެރީތައް ށ.އަތޮޅަށް ފޮނުވާލާފައެވެ. މުޅި ރާއްޖެ ހައިސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށްޓަކާ ފަށާފައިވާ ރާއްޖެ ޓްރާންސްޕޯޓް ލިންކްގެ ޚިދުމަތުގެ ދަށުން ފުރަތަމަ ޒޯންގެ ހުރިހާ ރަށެއްގެ ޚިދުމަތް އަންނަ އަންގާރަ ދުވަހުން ފެށިގެން ލިބޭނެކަމަށް އެމްޓީސީސީއިން ބުނެއެވެ. އެމްޓީސީސީން ބުނީ ޒޯން އެކެއްގެ މިހާރު ޚިދުމަތް ނުފެށި އޮތް ށ.އަތޮޅުގައި އަންގާރަ ދުވަހު ޚިދުމަތް ފެށުމަށް ތައްޔާރުވެފައިވާކަމަށެވެ. އެގޮތުން ޚިދުމަތް ދިނުމަށް ބޭނުންވާ 4 ފެރީ މިހާރުވަނީ ށ.އަތޮޅަށް ފޮނުވާލާފައެވެ.

ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އެމްޓީސީސީގެ މެރިން ޓްރާންސްޕޯޓްގެ ޖެނެރަލް މެނޭޖަރ އިސްމާޢިލް ފާރިޤް ވިދާޅުވީ އަންގާރަ ދުވަހުން ފެށިގެން ހަފްތާއެއްގެ މުއްދަތަށް ކުރިއަށްގެންދާނީ ޓެސްޓު ދަތުރުތައްކަމަށެވެ. އެގޮތުން 7 ރޫޓަކުން ދަތުރުތަކަށް އޮތް ޑިމާންޑާއި ދިމާވާ ދަތިތައް ބެލުމަށްފަހު ހަފްތާއެއްފަހުން ރަސްމީކޮށް ޚިދުމަތް ފެށިގެންދާނެކަމަށެވެ.

ށ.އަތޮޅުގެ ދަތުރުތަކާއެކު ޒޯން އެކެއްގައި ހިމެނޭ ހއ. އަތޮޅާއި ހދ.އަތޮޅާއެކު ތިން އަތޮޅުގެ ހުރިހާ ރަށެއް ޓްރާންސްޕޯޓް ލިންކް މެދުވެރިކޮށް ގުޅާލެވުނީއެވެ. ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް ފުރަތަމަ ޒޯންގެ ދަތުރުތަކުގެ މަސައްކަތް މިހާރު ނިމިފައިވާއިރު އެމްޓީސީސީން އަންނަނީ ޒޯން ދޭ އަދި ތިނެއްގައި ހިމެނޭ ރަށްތައް ގުޅާލުމަށް ބޭނުންވާ ފެރީތައް ބަނުމަށް ކޮންޓްރެކްޓަރުންނާއި ޙަވާލުކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ.

އާރްޓީއެލް ފެރީގައި ބޭނުންކުރާ އެޕްލިކޭޝަނުން ޢާއްމުން ދުރާލާ ޓިކެޓުތައް ނަގާކަން އެމްޓީސީސީން ފާހަގަކުރެއެވެ. އެމްޓީސީސީގެ އަމާޒަކީ މިޚިދުމަތުގެ ދަށުން ރާއްޖޭގެ ހުރިހާ ރަށެއް ގުޅާލާ ދަތުރުފަތުރުގެ ފަހި ނިޒާމެއް ޤާއިމުކޮށްދިނުން ކަމަށް އެކުންފުނިން ބުނެއެވެ. 2023ގެ ނިޔަލަށް މީގެ ދަށުން ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުތައް ފެށިގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.