ބްރިޓިޝް ފެޝަން ކައުންސިލް، ބީއެފްސީގެ އެމްބެސެޑަރަ ފޯ ޕޮޒިޓިވް ޗޭންޖަށް، އިންޑިއާގެ މަޝްހޫރު ތަރި ޕްރިޔަންކާ ޗޯޕްރާ ޖޯނަސް ހަމަޖެއްސުމުން ޑޭވިޑް ބެކަމްގެ މަރުހަބާ ކިޔައިފިއެވެ.
އެމްބެސެޑަރަ ފޯ ޕޮޒިޓިވް ޗޭންޖަށް އޭނާ ހަމަޖެއްސުމުން، އެކަން އިއުލާންކޮށް ޕްރިޔަންކާ ވަނީ އިންސްޓަގްރާމްގައި ޕޯސްޓެއް ކޮށްފައެވެ. މި ޕޯސްޓަށް ރަތް ކުލައިގެ ހިތަކާ އެކު ކޮމެންޓު ކުރަމުން އިންގިރޭސި ފުޓްބޯޅަ ލެޖެންޑް، ޑޭވިޑް ބެކަމް ބުނީ ބީއެފްސީ އާއިލާއަށް އޭނާއަށް މަރުހަބާ ކިޔާ ކަމަށެވެ. އަދި އެކަމަށް ޕްރިޔަންކާ ވަނީ ބެކަމް އަށް ޝުކުރު އަދާކޮށްފައެވެ.
އިނގިރޭސި ފުޓްބޯޅައިގެ ރަންތަރި ޑޭވިޑް ބެކަމް އާއި އޭނަގެ އަންހެނުން، ސްޕައިސް ގާލްސްގެ ތަރި ވިކްޓޯރިއާ ބެކަމް އަކީ އިނގިރޭސި ފެޝަން އިންޑަސްޓްރީގެ އެންމެ ކުރީގައި ނަންވިދާލާ، އެ އިންޑަސްޓްރީގެ ނުފޫޒުގަދަ ދެ ތަރިންނެވެ.

ބީއެފްސީން ބުނީ އެމްބެސެޑަ ފޮ ޕޮޒިޓިވް ޗޭންޖަށް ޕްރިޔަންކާ ހަމަޖެއްސީ އޭނާ އަކީ ގިނަ ބަޔަކު ނަމޫނާއަކަށް ބަލާ މަޝްހޫރު މީހަކަށްވާތީ އޭނާއާ ގުޅިގެން ކުރެވޭ މަސައްކަތްތަކުން ހެޔޮ ނަތީޖާ ތަކެއް ނެރެވޭނެތީ ކަމަށެވެ. މީގެ އިތުރުން ޔުނިސެފްގެ ގުޑްވިލް އެމްބެސަޑަރެއްގެ ގޮތުގައި ވެސް ޕްރިޔަންކާ ނަމޫނާ މަސައްކަތްތަކެއް ކުރަމުން ގެންދާކަން އެ ކައުންސިލުން ފާހަގަ ކުރެއެވެ.
އެމްބެސެޑަރެއްގެ ގޮތުގައި ޕްރިޔަންކާގެ މައިގަނޑު ޒިންމާއަކަށް ވާނީ އެކި ބައްޓަމުގެ މީހުންގެ މެދުގައި އޮންނަ ތަފާތުކުރުންތައް ނައްތާލައި، ބޮޑީ ޝޭމިން ގެ ކަންކަމަށް އާނމުން ހޭލުންތެރިކޮށް، ފެޝަންގެ އިންޑަސްޓްރީ ކުރިއަށް އޮތް ޖީލު ތަކަށް ބައްޓަން ކޮށްދިނުމެވެ.
ކުރިއަށް އޮތް އަހަރެއްހާ ދުވަހު ލަންޑަނުގައި ދިރިއުޅެން ވިސްނާފައި ވާ ޕްރިޔަންކާ ގަބޫލުކުރާ ގޮތުގައި މި ފުރުސަތު އޭނާއަސް މި ލިބުނީ ވަރަށް ރަނގަޅު ދަނޑިވަޅެއްގަ އެވެ. އަދި މިއީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށް ވެސް އޭނާ ދެކެއެވެ. ދެހާސް ވަނަ އަހަރުގެ މިސް ވޯލްޑް ޕްރިޔަންކާ، ފިރިމީހާ ނިކް ޖޯނަސްއާ އެކު ހަފުތާއެއްހާ ދުވަސް ކުރިން ލަންޑަނަށް ދިޔައީ "މެޓްރިކްސް 4″ ގެ މަންޒަރުތަކެއް ޝޫޓް ކުރުމަށް ޖަރުމަނުގަ އުޅެފައެވެ.

ޕްރިޔަންކާގެ ފިލްމަކަށް ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ "ވައިޓް ޓައިގާ" އާއި "ވީ ކޭން ބީ ހީރޯސް" އެވެ. ވައިޓް ޓައިގާ ގައި އޭނާ ކުޅެފައިވާ ރޯލަށް އަންނަ އަހަރުގެ އޮސްކާއަށް އޭނާ ނޮމިނޭޓް ވެދާނެ ކަމުގެ އަޑުތަށްވެސް ތުންތުން މަތިން އަންނަނީ ފެތުރެމުންނެވެ.
ކޮމެންޓު ފޮނުވާ