އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލުން ރެކޯޑް ނަތީޖާއަކާ އެކު 9-0 އިން ބޯނަމައުތު ބަލިކޮށް ސީޒަންގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.
ޔާގެން ކްލޮޕް ގެ ލިވަޕޫލް އެންމެ ފަހުން ލީގުގައި ކުޅުނު މެޗުގައި މެންޗެސްޓާ ޔުނައިޓެޑް އަތުން ބަލިވެފައި ވާއިރު، އޭގެ ކުރިން ކުޅުނު ދެ މެޗު ވެސް ނިމުނީ އެއްވަރު ވެގެންނެވެ.
ލިވަޕޫލަށް ލީޑުނަގައިދިނީ ތިން ވަނަ މިނިޓްގައި ލުއިޒް ޑިއާޒް ބޮލުން ޖެހި ގޯލުންނެވެ. ހަ ވަނަ މިނިޓްގައި އޭރިއާބޭރުން 18 އަހަރުގެ ހާވީ އެލިއަޓް ޖެހި ގޯލުން ލިވަޕޫލް ލީޑުފުޅާކުރިއެވެ. މެޗުގެ 28 ވަނަ މިނިޓްގައި އޭރިއާބޭރުން ޓްރެންޓް އަލެކްސަންޑަ އާނޯލްޑް ލިވަޕޫލްގެ ތިން ވަނަ ގޯލު ޖެހިއިރު، 31 ވަނަ މިނިޓްގައި ރޮބާޓޯ ފިރްމީނޯ ވަނީ ލިވަޕޫލްގެ ހަތަރު ވަނަ ގޯލު ޖަހައިފަ އެވެ. ލިވަޕޫލުން ފުރަތަމަ ޖެހި ތިން ގޯލަށް ވެސް ފުރުސަތު ތަނަވަސްކޮށްދިނީ ފިރްމީނޯއެވެ.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ކޯނަރަކުން ހުރަސްވި ބޯޅައެއް ބޮލުން ގޯލަށް ވައްދާލައި ވާޖިލް ވެން ޑައިކް ލިވަޕޫލްގެ ފަސް ވަނަ ގޯލު ޖެހިއެވެ. ދެ ވަނަ ހާފްގެ ކުޅުން ފެށިގެން މިނިޓެއްގެ ތެރޭގައި ބޯންމައުތުގެ ކްރިސް މެފަޕް އަތުން ބައިކޮޅަށް ވަން ގޯލާ އެކު ލިވަޕޫލުން ހަ ވަނަ ގޯލެއް ޖެހިއެެވެ. މި ލަނޑު ބަލައިގަތީ ވީއޭއާރް އިން ބަލައިފައެވެ. މެޗުގެ 62 ވަނަ މިނިޓްގައި ފިރްމީނޯ ލިވަޕޫލްގެ ހަތް ވަނަ ގޯލު ޖެހިއިރު، މިއީ އޭނާ ލިވަޕޫލަށް ޖަހައިދިން 100 ވަނަ ގޯލެވެ.
ލިވަޕޫލްގެ އަށް ވަނަ ގޯލު ޖެހީ ބަދަލަކަށް ދެ ވަނަ ހާފުގައި ކުޅެން އެރި ފަބިއޯ ކަވާލިއޯ އެވެ. މެޗުގެ 80 ވަނަ މިނިޓްގައި ކަވާލިއޯ ވޮލީ އަކުން ޖެހި މި ގޯލަށް ފުރުސަތު ތަނަވަސްކޮށްދިނީ ބަދަލަކަށް ކުޅެން އެރި ކޮސްޓާސް ސިމިކާސްއެވެ. އޭގެ ފަސް މިނިޓް ފަހުން، ސިމިކާސް ނެގި ކޯނަރަކުން ޑިއާޒް ވަނީ ލިވަޕޫލްގެ އަށް ވަނަ ގޯލެއް ޖަހައިފައެވެ. މި މެޗުގައި ލިވަޕޫލްގެ މުހައްމަދު ސަލާހަށް ގޯލު ޖަހަން ލިބުނު އެއްވެސް ފުރުސަތެއްގެ ބޭނުމެއް ނުހިފުނެވެ.
މި ނަތީޖާއާ އެކު ލިވަޕޫލް ވަނީ ޕްރިމިއާ ލީގު ތާރީހުގައި އެންމެ ބޮޑު ތަފާތަކުން މިހާތަނަށް މޮޅުވި މެންޗެސްޓާ ޔުނައިޓެޑާއި ސައުތެމްޓަންގެ ސްކޯއާ އެއްވަރު ކޮށްފައެވެ. ޔުނައިޓެޑުން 1995 ވަނަ އަހަރު އިޕްސްވިޗް ޓައުން 9-0 އިން ބަލިކުރި އިރު މީގެ އަހަރެއް ކުރިން މިނަތީޖާއިން ސައުތެމްޓަން ވެސް ބަލިކުރިއެވެ. އަދި ލެސްޓާ ވަނީ 2019 ގައި މި ނަތީޖާއިން ސައުތެމްޓަން ބަލިކޮށްފައެވެ.