ބްރިޖް ޕްލެޓްފޯމް ފުންކޮށްފި

ބްރިޖް ޕްލެޓްފޯމް ފުންކޮށްފި

Author
މުޙައްމަދު ޝަޒައިމް
27 އޮގަސްޓް 2022 02:23
0

ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ބްރިޖްގެ މަސައްކަތް ކުރަމުންދަނިކޮށް ވިލިމާލޭ ފަރަށް އަރާފައިވާ ޕްލެޓްފޯމް ފުންކުރެވިއްޖެކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރކްޗަރއިން ވިދާޅުވެއްޖެއެވެ.

ޕްލެޓްފޯމް ފުންކުރުމުގެ މަސައްކަތް މިދިޔަ ބުރާސްފަތި ދުވަހު ނިމޭނެކަމަށް ހައުސިންގ މިނިސްޓްރީއިން ކުރިންލަފާކުރިނަމަވެސް އެމަސައްކަތް މެދުކަނޑާލަންޖެހުނީ މޫސުން ގޯސްވުމާއި ގުޅިގެންނެވެ.

ހައުސިންގ މިނިސްޓްރީއިން ވިދާޅުވީ ޕްލެޓްފޯމް ފުންކޮށް މިހާރު ނިމިފައިވާކަމަށެވެ. މިމަސައްކަތް ނިމިފައިވަނީ މިއަދު މެންދުރު ކުރިންކަމަށް އެމިނިސްޓްރީއިން ވިދާޅުވެއެވެ. މިއާއެކު ޕްލެޓްފޯމް ފަރަށް އެރުމާއި ގުޅިގެން ފަރަށް ލިބިފައިވާ ގެއްލުން ދެނެގަތުމުގެ މަސައްކަތް އީޕީއޭގެ ޓީމުން ފަށާނެކަމަށް އީޕީއޭއިން ވިދާޅުވެއެވެ.

ޕްލެޓްފޯމް ފަރަށް އެރިނަމަވެސް ބްރިޖްގެ މަސައްކަތް ތާވަލާއެއްގޮތަށް ކުރިއަށްދާނެކަމަށް އެފްކޮންއިން މީގެކުރިންވަނީ ހާމަކޮށްފައެވެ. ބްރިޖް ޕްލެޓްފޯމަކީ ގްރޭޓަރމާލޭ ކަނެކްޓިވިޓީ ބރިޖްގެ ސަރވޭއާއި ބޯހޯލް ތޮރުފުމުގެ މަސައްކަތްކުރުމަށް ބޭނުންކުރަމުންދިޔަ ޕްލެޓްފޯމެކެވެ. ޕްލެޓްފޯމް ފަރަށް އެރުމާއި ގުޅިގެން އޭގެ ބައިތައް ހަލާކުވެ ވިލިމާލެއަށްވަނީ ލައްވެފައެވެ. ޕްލެޓްފޯމް ފަރަށް އެރުމައި ގުޅިގެން ވިލިމާލޭ ފަރަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަމުގެ ކަންބޮޑުވުން ތިމާވެއްޓާއި ބެހޭ ޖަމިއްޔާތަކާއި މުވައްސަސާތަކުންވަނީ ފާޅުކޮށްފައެވެ.

ޕްލެޓްފޯމް އެތަނުން ނެގުމަށް ސަރުކާރުގެ އިދާރާތަކުން އެކަށީގެންވާ މަސައްކަތެއް ނުކުރާތީ ތިމާވެއްޓާ ގުޅޭ ޖަމިއްޔާތަކުގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައިވެއެވެ. އަދި އެ ޕްލެޓްފޯމް ނަގަން އެކަށީގެންވާ މަސައްކަތް ނުކުރާ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ވެސް ހުށަހެޅިއެވެ.

ވިލިމާލެ ފަރަށް އެ ޕްލެޓްފޯމް އެރީ، އޭގެ ނަގިލި ކަނޑައިގެން ގޮސްގެންނެވެ. އެ ހާދިސާގައި ބިދޭސީ ތިން މީހަކަށް އަނިޔާވެގެން ވިލިމާލެ ހޮސްޕިޓަލްގައި ފަރުވާ ދީފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.