ލޯކަލް ލައުންސިލް އިންތިޚާބު މާރިޗް މަހުގެ 6 ގައި ބާއްވަނީ

ލޯކަލް ލައުންސިލް އިންތިޚާބު މާރިޗް މަހުގެ 6 ގައި ބާއްވަނީ

Author
މުޙައްމަދު ޖިމީ
18 ނޮވެމްބަރ 2020 09:36
0

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަންނަ އަހަރުގެ މާރިޗު މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

މިއަހަރުގެ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވަން ކުރިން އިޢުލާންކުރި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އެއް އަހަރު ދުވަހަށް ފަސްކުރީ ކޯވިޑް-19އާއި ގުޅިގެން އިޢުލާންކުރި ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތާއި ގުޅިގެންނެވެ. މިއާއެކު އިންތިޚަބު ފަސްކުރުމަށް ވަގުތީ ޤާނޫނެއްވެސް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤްކުރެއްވިއެވެ. އެޤާނޫނު ރަސްދީޤްކުރާތާ 1 އަހަރު ދުވަހުގެ ތެރޭގައި އިންތިޚާބު ބާއްވަން އިލެކްޝަންސް ކޮމިޝަނަށް ލާޒިމްކުރެއެވެ. އެހެންކަމުން އެބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤް ކުރެއްވި ތާރީޚުން ބަލާނަމަ އަންނަ އަހަރުގެ މެއި މަހުގެ 10 ގެ ކުރިން އިންތިޚާބު ބާއްވާ ނިންމަންޖެހެއެވެ.

ރޭ ރާއްޖެޓީވީގައި ވާހަކަފުޅު ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ، އަންނަ އަހަރުގެ މާރިޗް މަހުގެ 6 ވަނަ ދުވަހު އިންތިޚާބު ބޭއްވުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށާއި، ނަމަވެސް އެއީ މުޅިން ފައިނަލް ތާރީޚް ނޫންކަމަށެވެ. އެހެންކަމުންެ ތާރީޚާބަށް ބަދަލު އައުމަކީ އެކަށީގެންވާކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމިޝަނުގައި ވަކި ގޮތަކަށް ނިންމީއެއް ނޫން. އެނިންމުން ނިންމާނީ ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތެއް ނެތް ކަމަށް އިއުލާނުކުރާތާ އެ މުއްދަތުގައި އަޅުގަނޑުމެން އެ ތާރީޚު އިއުލާނުކުރާނަން.

-އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް

ޝަރީފް ވިދާޅުވީ އިންތިޚާބު ބޭއްވުމަށް ޤާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން މިހާރު ކުރައްމުން އަންނަކަމަށާއި، ރަމަޟާން މަހުގެ ކުރިން އިންތިޚާބު ބޭއްވުމަށް ބޭނުންފުޅުވާކަމަށެވެ. އީސީގެ ރައީސް ވިދާޅުވީ އިންތިޚާބު ބާއްވާނީ ޤާނޫނު ބުނާގޮތަށް ކެމްޕެއިންކުރުމުގެ ފުރުޞަތު ހުރިހާ ކެނޑިޑޭޓުންނަށްވެސް ދެއްވާނެކަމަށެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރަންޖެހުމުން 3 އަހަރު ދުވަހުގެ މުއްދަތަކަށް އިންތިޚާބުކޮށްފައިވާ ކައުންސިލް މެންބަރުންގެ ދައުރު ވަނީ އިންތިޚާބު ބޭއްވެންދެން އިތުރުކޮށްފައވެ. މިގޮތަށް އިތުރުކުރީ އިންތިޚާބުތަކާއި ބެހޭ ވަގުތީ ޤާނޫނުންނެވެ. އިންތިޚާބާގުޅޭ ކަންކަން ކުރިއަށްގެންދިޔުން އެންމެ ރަނގަޅު ކަމަށް ދައުލަތުގެ ކަމާބެހޭ ފަރާތުން ކަނޑައަޅާތާ ހަތް ދުވަހުގެ ތެރޭގައި، އިންތިޚާބާގުޅޭ މަސައްކަތްތައް ރަސްމީކޮށް ފަށާނެ ތާރީޚަކާއި، އިންތިޚާބު އަލުން ބާއްވާނެ ތާރީޚެއް އިލެކްޝަންސް ކޮމިޝަނުން އިޢުލާނުކުރަންވާނެކަމަށްވެސް މި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން އިންތިޚާބުގައި ވާދަކުރުމަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ލިސްޓަށް ބަދަލެއް ނުގެނެވޭނެކަމަށާއި އިންތިޚާބުގައި ވާދަކުރާ ސިވިލް ސާރވިސް މުވައްޒަފުންގެ ސަސްޕެންޝަން އުވާލުމާއިއެކު އެމީހުން ކުރިން ތިބި މަޤާމަށް ރުޖޫއަވާނެކަމަށްވެސް މި ޤާނޫނުގައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.