ހުޅުމާލޭ ސްކޫލެއްގެ ފިރިހެން ކުއްޖަކާއި ބެހުނު ކަމަށް ބުނެ އޭނާގެ ފިރިހެން ޓީޗަރަކަށް ރޭ ބަޔަކު އަނިޔާކޮށްފިއެވެ.
ރޭ ހިނގި ހާދިސާގައި އަނިޔާކޮށްފައިވަނީ ހުޅުމާލޭގެ ގާޒީ ސްކޫލްގެ ޓީޗަރަކަށެވެ. އެ މީހާއަށް ބަޔަކު އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް މިހާރު ވަނީ އާންމުވެފައެވެ. އާންމުވެފައިވާ ވީޑިއޯގައި ބަޔަކު އަތާއި ފައިން އެ މީހާއަށް ވަރަށް ބޮޑަށް އަނިޔާ ކުރެއެވެ.
އަދި ގާޒީ ސްކޫލްގެ އެތައް ދަރިވަރަކަށް އެެ ޓީޗަރު ޖިންސީ ގޯނާކުރި ކަމަށް އެ މީހުން ތުހުމަތު ކުރެއެވެ. ވީޑިއޯއިން އިވޭ އަޑުތައް ބަލާއިރު ޓީޗަރަށް އަނިޔާ ކުރަނީ ދަރިވަރުންގެ ބެލެނިވެރިން ކަމަށް ބެލެވެއެވެ.
ކުއްޖަކާއި ބެހުނު ކަމަށް ބެލެނިވެރިން ޓީޗަރުގެ މައްޗަށް ކުރާ ތުހުމަތާއި ގުޅޭ ގޮތުން ފުލުހުން ފުރަތަމަ އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ. ނަމަވެސް ފުލުހުން ފުރަތަމަ މިމައްސަލައިގައި މީޑިއާއަށް މައުލޫމާތު ދެއްވިތާ ދެގަޑިއެއްހައިރު ފަހުން ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ އަނިޔާ ލިބުނު މީހާގެ މައްޗަށް ތުހުމަތު ކުރެވޭ ޖިންސީ ގޯނާގެ މައްސަލައެއް ފުލުހުން ތަހްގީގު ކުރަމުން އެބަގެންދާ ކަމަށެވެ. އެމައްސަލަ ހުށަހެޅުނީ މިމަހުގެ 15 ވަނަ ދުވަހު ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
ޓީޗަރު ކަންތައް ކުރިގޮތް ކިޔައިދޭން އެއްވެފައި ތިބި މީހުން ޑިމާންޑް ކުރަމުންދާ މަންޒަރު ވީޑިއޯ އިން ފެނެއެވެ. ޓީޗަރު ބެހުނީ ކިތައް ކުދިންނާތޯ އެއްވެފައި ތިބި މީހުން ސުވާލު ކުރަން ފެށުމުން އޭނާ ބުނީ ބެހުނީ އެންމެ ކުއްޖަކާއި ކަމަށެވެ.