ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ ފަރާތުން މާލެ އަތޮޅުގެ ރަށްރަށަށް ތަޖުރިބާ ދަތުރު ފަށައިފިއެވެ.
އާދީއްތަ ދުވަހު މި ދަތުރު ފަށާފައިވަނީ މާލެއަތޮޅު ވެރިރަށް ތުލުސްދޫއިންނެވެ.
މި ތަޖުރިބާ ދަތުރުގައި ގދ. އަތޮޅު ކައުންސިލްގެ ރައީސްގެ އިތުރުން ކައުންސިލް މެންބަރުންނާއި އިދާރީ އިސް މުވައްޒަފުން ބައިބެރިވެރިވެ ވަޑައިގަންނަވައެވެ. ދަތުރުގެ ބައިވެރިން މާލެ އަތޮޅުގެ 9 ރަށަށް ދަތުރުކުރުމަށް ހަމަޖެހިފައި ވާކަމަށް މާލެ އަތޮޅު ކައުންސިލުން މައުލޫމާތު ދެއެވެ.
ރަށްރަށަށް ކުރާ ދަތުރުގައި ރަށު ކައުންސިލް ތަކާއި ސަރުކާރު މުއައްސަސާތަކާއި ބައްދަލުކޮށް ދެފަރާތުގެ ތަޖުރިބާ ހިއްސާ ކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ރަށްރަށުގައި ލޯކަލް ޓުއަރިޒަމް ކުރިއަށްދާގޮތާއި ގުޅޭގޮތުން މަޝްވަރާކުރަމުން ގެންދާކަމަށްވެސް މާލެ އަތުޅު ކައުންސިލުން މައުލޫމާތުދެއެވެ.
ދަތުރުގެ ބައިވެރިން ތުލުސްދޫއަށް ވަޑައިގެން މާލެއަތޮޅު އަތޮޅުކައުންސިލާ ބައްދަލު ކުރެއްވިއެވެ. މި ބައްދަލުވުމުގައި ދެ ކައުންސިލްގެ ތަޖުރިބާ ހިއްސާކޮށް، މިހާރު ކައުންސިލްތަކުން ދެމުންގެންދާ ހިދުމަތްތައް އިތުރަށްފުޅާކޮށް ރައްޔިތުންނަށް ލުއިފަސޭހަ ވާނޭ ގޮތަކަށް ހިދުމަތް ދިނުމުގައި އަމަލު ކުރެވިދާނެގޮތްތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.
މީގެ އިތުރުން ތުލުސްދޫއަށް ދަތުރުގެ ބައިވެރިން ކުރެއްވި ދަތުރުގައި އެރަށުގައި ހުންނަ ކޮކާކޯލާ ފެކްޓްރީއަށް ވަނީ ޒިޔާރަތްކުރައްވާފައެވެ. އަދި މާލެ އަތުޅު ކައުންސިލުން ބޭއްވި ރޭގަނޑުގެ ފަރީއްކޮޅެއްގައި ބައިވެރިވެފައި ވެއެވެ.