ނިޒާމީ ވޯޓު ނުނެގިޔަސް 47،000 މެންބަރުންގެ ވޯޓު ނުގެއްލޭނެ: ރައީސް

ނިޒާމީ ވޯޓު ނުނެގިޔަސް 47،000 މެންބަރުންގެ ވޯޓު ނުގެއްލޭނެ: ރައީސް

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށްޓަކައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ބޭނުންވާ ގޮތަށް ވޯޓު ނުނެގުނު ކަމުގައި ވީނަމަވެސް، އެމްޑީޕީއަށް އެޕާޓީ ތެރެއިން ބޮޑު އިންސައްތައެއްގެ ވޯޓު ނުގެއްލޭނެކަމަށް އެމްޑީޕީގެ އެންމެ އިސްލީޑަރު ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހު މިހެން ވިދާޅުވީ މިއަދު މެންދުރު ފަހު އެމްޑީޕީގެ ކޮންގްރެސްގައި ބަރުލަމާނީ ނިޒާމު ގެނައުމަށް ރައީސް ނަޝީދު ހުށަހަޅުއްވާފައިވަ ގަރާރާއި ގުޅޭގޮތުން ނޫސްވެރިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ރައީސް ޞާލިހު ވިދާޅުވީ އެމްޑީޕީއަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ނިޒާމީ ވޯޓާއި ނުލައި ކުރިއަށް ދިޔަ ނަމަވެސް ރައީސް ނަޝީދު ވިދާޅުވާ އަދަދަށް ވޯޓު ނުގެއްލޭނެކަމަށެވެ.

ވެރިކަން ކުރުމުގެ ނިޒާމާ މެދު އެމްޑީޕީގެ މެންބަރުންގެ ތެރެއިން ގާތްގަނޑަކަށް 42 ޕަސެންޓް މެންބަރުން ހިތްހަމަނުޖެހޭ ހާލަތުގައި އެ މެންބަރުންނަށް އެ ކަމުގެ ވޯޓެއް ދޭން ފުރުސަތު ނުދީފިނަމަ ސަރުކާރަށް އެ ވޯޓުތައް ގެއްލިގެން ދާނެ ކަމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީއަށް ކާމިޔާބު ކުރެވޭނެ ކަމަށް ލަފާ ކުރެވެން އޮތީ ވޯޓުލާ ރައްޔިތުންގެ 48 ޕަސެންޓް ކަމަށް ނަޝީދު ވިދާޅުވި އެވެ. އެއީ، ނަޝީދު ވިދާޅުވި ގޮތުން، 112،000 ވޯޓެވެ. އެމްޑީޕީގެ މެންބަރުންގެ ތެރެއިން 42 ޕަސެންޓް މެންބަރުން ނީޒާމީ ވޯޓަކަށް އެދޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނަޝީދު މަސައްކަތް ކުރައްވަމުން ގެންދަވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ފުރޮޅައިލެއްވުމަށެވެ. އެގޮތުން ނިޒާމީ ވޯޓަކަށް ދިއުމަށް ރައްޔިތުންގެ ކައިރީގައި އެހުމަށް ކޮންގްރެސްއަށް ނަޝީދު ވަނީ ހުށަހެޅުމެއްވެސް ހުށަހަޅުއްވައިފައެވެ. ނަމަވެސް އެކަމާ ސީދާ ދެކޮޅަށް ރައީސް ސޯލިހާއި އެމްޑީޕީގެ ގިނަ މެންބަރުން ނުކުންނަވާފައިވާ އިރު، ހުށަހަޅުއްވާފައިވާ ގަރާރު އަނބުރާ ގެންދަވަންވެސް ރައީސް ސޯލިހު ވަނީ އެދިވަޑައިގެންފައެވެ.

މިއަދަކީ ކޮންގްރެސްގެ ފަހު ދުވަހެވެ. އަދި ނިޒާމީ ވޯޓުގެ މައްސަލައިގެ ބަހުސް މިއަދު މެންދުރުފަހު ކުރިޔަށް ގެންދާން ވެސް ވަނީ އެޖެންޑާކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *