އެމްޑީޕީގެ ކޮންގްރެސް ހުޅުމަށް މިރޭ ބޭއްވި ޚާއްސަ ޖަލްސާގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ރައީސް ޞާލިހުގެ ކިބައިން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ދީއްލާލުމަށް އަނެއްކާވެސް އެދިވަޑައިގެންފިއެވެ.
ބަރުލަމާނީ ނިޒާމަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް ރައީސް ނަޝީދު ކެމްޕެއިން ކުރަމުންދާ މިދަނޑިވަޅުގައި އެމްޑީޕީގެ ކޮންގްރެސްގައިވެސް މިކަން ވަނީ އެޖެންޑާކޮށްފައެވެ. މިރޭ ރައީސް ނަޝީދަށް ޖަލްސާގައި ވާހަކަ ދައްކަން ލިބުނު ފުރުސަތުގައިވެސް ވަނީ ނިޒާމު ބަދަލު ކުުރަންޖެހޭ ސަބަބާއި ގުޅޭގޮތުން ތަފްސީލީ ގޮތެއްގައި ވާހަކަ ދައްކަވާފައެވެ.
ވަކިން ޚާއްސަކޮށް ޖަލްސާގައި ރައީސްގެ ނަންފުޅު ވިދާޅުވުމަށްފަހު ރައީސް ނަޝީދު ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކޮށްގެން ނޫންގޮތަކަށް އެމްޑީޕީއަށް ކާމިޔާބު ނުވާނެކަމަށް ވިދާޅުވެފައެވެ. ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު މީގެ ދެތިންރޭ ކުރިން ޖެހި ހިސާބަކީ އެމްޑީޕީގެ ކުރިމަގަށް ބަލައި ވަރަށް ދިރާސާ ކުރުމަށްފަހު ޖެހި ހިސާބެއްކަމަށެވެ. މިއަދު ގަބޫލު ކުރަންޖެހޭ ހަގީގަތަކީ އެމްޑީޕީއަށް ވެރިކަމުގައި ދެމިތިބެވެން އޮތީ ބަރުލަމާނީ ނިޒާމު ގެނެގެން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވަނީ ވެރިކަމުގެ ނިޒާމުގެ ބަދަލު ކުރުމަށް އެމްޑީޕީގެ އެތައް މެމްބަރުން ބޭނުންވާކަމަށް ވިދާޅުވެފައެވެ. މިއަދު އެމްޑީޕީގެ ކޮންގްރެސްއިން ނިންމަންވީ އެންމެ މުހިންމު ނިންމުމަކީވެސް ނިޒާމު ބަދަލު ކުރުންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު މިހެން ވިދާޅުވި ނަމަވެސް އެމްޑީޕީ ކޮންގްރެސްއަށް ނަޝީދު ހުށަހަޅުއްވާފައިވާ ޤަރާރަށް ތާއީދު ނުކުރާނެކަމަށް ރައީސް ޞާލިހު ވަނީ ވިދާޅުވެފައެވެ. އެމްޑީޕީގެ ކޮންގްރެސްގައި، އެޕާޓީގެ މެންބަރުންނާ މުޚާޠަބުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ މީގެ 17 އަހަރުކުރިން އެމްޑީޕީ އުފެއްދުމަށް ކުރި މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އެމްޑީޕީ އުފެއްދުމަށް މަސައްކަތްކުރި ކޮންމެ މީހަކުވެސް ދެކޭގޮތުގައި މިއީ އެމީހުން އުފެއްދި އެމީހުންގެ ޕާޓީކަމަށާ، އެޕާޓިއަށްވުރެ ވަކިބޮޑު ސިޔާސީ މިލްކިއްޔާތެއް ދިވެހިން އުފައްދާ، ދިރުވައި އާލާކޮށް ދަމަހައްޓާފައި ނެތްކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި އެމްޑީޕީއަކީ ދިވެހިންނަށް އިންސާފާއި ހަމަހަމަކަމާއި، ޙައްގުތަށް ލިއްބައިދިނުމަށް ރޯކުރި ޑިމޮކްރަސީގެ ދަންމަރުކަމަށް ސިފަކުރެއްވިއެވެ. ޒަމާނާއި ވަގުތު ގެނެސްދޭ އޮޔާއި ވައިގެ ސަބަބުން މިދަންމަރު ކަނިވެ، ނިވުނަ ނުދިނުމަށް އިލްތިމާސްކުރައްވައި ރައީސް ވިދާޅުވީ އެކަން އެހެން ވިޔަދިނުމަކީ އެމްޑީޕީގެ މެންބަރުންނަށް އޮތް އިޚްތިޔާރެއްވެސް ނޫންކަމަށެވެ. އެމްޑީޕީ އުފެދިގެންއައީ ޤަބޫލުކުރާ ހަމަތަކަކާއި އުސޫލުތަކަކާއި ގެންނަން ބޭނުންވާ ބަދަލުތަކެއްގެ މައްޗަށްކަމަށާއި، އެއް ކަމަކީ ޖަލުގެ ތޭރިތަކުގެ ބިއްދޮށުން އޭރު އިވެމުންދިޔަ ރުއިމުގެ އަޑުކަމަށް ރައީސް ވިދާޅުވިއެވެ. އަދި އަނެއްކަމަކީ އަނިޔާވެރިކަން ހައްދު ފަހަނައަޅައި ދިޔުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ކުރެވޭ އިޝާރާތަކުން، ބުނެވޭ ބަހަކުން، ނުވަތަ ހީވާހީވުމަކުންވެސް މީހާގެ އަޖަލު، އޭނާގެ ދޮރުގާ ޓަކި ޖަހާފާނެ. އެކަމަށް ވަކި އިރެއް ހިނދެއް – މެންދުރެއް އަދި މެންދަމެއްގެ ތަފާތެއް ނެތް. ވަންނާކަށް ވަކިގެއެއް، ދައްކާކަށް ކޯޓުއަމުރެއް، ފުރިހަމަ ކުރާކަށް ޤާނޫނީ ޢިޖުރާއަތެއް އޭރަކު ނޯވޭ. މިއީ އެދުވަހުގެ ޙާލަތު އޮތްގޮތް. ނައްތާލަން ބޭނުންވީ މިދެންނެވި ބިރުވެރިކަން. ބޭއިންސާފާ ލާއިންސާނިއްޔަތާ އަނިޔާ. ހަމައެކަނި މިބަދަލަށް ބެލި ނަމަވެސް އެމްޑީޕީ އަށް – މިޕާޓީއަށް ނިސްބަތްވާ ކޮންމެ މެމްބަރަކަށް ޙައްގުވާ ތަޢުރީފުގެ ކޮޅެއްނެތް.
– ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި އެއް ތަނެއްގައި ހިފަހައްޓާ، ޖަމާކޮށް "ގުދަންކުރެވިފައިވާ" ޒަމާންވީ ސިޔާސީ އަދި އިދާރީ ބާރުތައް ދޫކޮށްލުން، އެއީ އެމްޑީޕީ އުފެދުނު އެއް މަޤްސަދުކަމަށް ވިދާޅުވިއެވެ. ބޭސްފަރުވާއާ ފޮތް ފަންސުރަށް ސަލާންޖެހުން ނައްތާލުމަކީ އެމްޑީޕީން ގެންނަން ބޭނުންވި ބަދަލުކަމަށާއި، ފުލުސް ކޯޓުނެތް، މިނިވަން އިންސާފުވެރި ޖުޑީޝަރީއެއް ރައްޔިތުންނަށް ހޯދައިދިނުމަކީވެސް އެޕާޓިން ގެންނަން ބޭނުންވި އެންމެ ބޮޑު އެއް ބަދަލުކަމަށެވެ.
އެމްޑީޕީއަށް 17 އަހަރު ވެފައިވާއިރު، އެޕާޓިއަށް އާދެވިފައި މިހާރު ތިބީ ކިހާ ހިސާބަކަށްތޯވެސް ރައީސް ސުވާލުކުރެއްވިއެވެ. ލައްކަ އުނދަގުލާ ދައްޗާ ތުރާލާއެކު، ގިނަ ކަންކަން ހާސިލްވިއިރު، އަދިވެސް ބޭނުންވި ކިތަންމެކަމެއް ނުކުރެވި އެބަހުރިކަމަށް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. އެއީ ޕާޓީގެ އެތެރޭގެ ހިންގުން ކަމަށް ވިޔަސް، ޤައުމަށް ގެންނަށް ބޭނުންވާ ހެޔޮ ބަދަލުތައް ކަމަށް ވިޔަސް އަދި ކުރަން އޮތް މަސައްކަތް ގިނަވެފާ ބޮޑުކަމަށް ރައީސް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ