ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީއަށް ބަދަލުނުކޮށްފިނަމަ ސަރުކާރަށް އޮތް ތައީދު ވަރަށް ބޮޑަށް ގެއްލޭނެކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީއަށް ބަދަލުކުރުމަށް ތާއީދުކުރައްވާ ހަމައެކަނި ސިޔާސީ ލީޑަރަކީ ރައީސް ނަޝީދެވެ. ދެން ތިއްބެވި ސިޔާސީ ލީޑަރުން ތާއީދުކުރައްވަނީ ރިޔާސީ ނިޒާމަށެވެ. ބަރުލަމާނީއަށް ތާއީދު ހޯދުމަށް ރައީސް ނަޝީދު ކުރިއަށް ގެންދާ ސިލްސިލާ ޖަގަހަ ޖަލްސާގެ ތެރެއިން ރޭ ބެއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވަނީ އެންމ ެފަހުގެ ރިޔާސީ އިންތިޚާބުގެ ތަފްސީލަށް ފަޑައިގެންފައެވެ.
ނަޝިދު ވިދާޅުވީ، 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި 233،889 މީހުން ވޯޓު ދިންއިރު، އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ޕީޕީއެމަށް ލިބިވަޑައިގެންނެވީ 42 ޕަސެންޓު ނުވަތަ 98،233 ވޯޓެވެ. އެއީ އެމްޑީޕީއާއެކު މަސައްކަތްކުރަން ތިބި ބައެއް ނޫން ކަމަށްވާތީ، އެ އަދަދުން ޖުމްލަ ވޯޓު ދިން މީހުންގެ އަދަދު ކެނޑުމުން ބާކީ ލިބުނީ 135،000 ވޯޓުކަން ފާހަގަކުރެއްވިއެވެ.
ދާދި ބޭއްވި އިންތިހާބުގައި ޖުމްހޫރީ ޕާޓީން 12-16 ޕަސެންޓް ވޯޓު އަދި މި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރުއެމާއި އަދާލަތު ޕާޓީ އެއްކޮށްލައިގެން ހަ ޕަސެންޓް ނުވަތަ ހަތްހާހެއްހާ ވޯޓު ހޯދާކަމަށް ނަޝީދު ވިދާޅުވި އެވެ. އެހެންވެ، އެ ވޯޓުތައް ކަނޑައި، އެމްޑީޕީއަށް އެކަނި ނެގެން އޮންނަނީ 112،000 ވޯޓު ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝިދު ވިދާޅުވީ، ނިޒާމީ ވޯޓަކަށް ނުދާނަމަ ބައި ލައްކައެއްހާ ވޯޓު މަދުވުމުން މި ސަރުކާރަށް ލިބޭނީ 65،000 ވޯޓު ކަމަށާއި އެއީ ވޯޓުލާ މީހުންގެ ޖުމްލަ 27 ޕަސެންޓް ކަމަށެވެ. ނަޝިދުގެ ވާހަކަފުޅުގައި ބަރުލަމާނީ ނިޒާމަކީ މާ ނަޒާހަތްތެރި ނިޒާމަކަށް ވެގެންދާނެ ކަމަށާއި، ބުއްދިވެރިކަމާއެކު އަމަލުނުކޮށްފިނަމަ ގެއްލުންވާނެކަމަށެވެ.
ރައީސް ނަޝީދު އެމްޑީޕީ ކޮންގްރެސްއަށް ހުށައަޅަން ނިންމެވި ބަރުލަމާނީ އިސްލާހުތައް އަނބުރާ ގެންދިއުމަށް ރައީސް ޞާލިޙް ވަނީ ގޮވާލައްވާފައެވެ.
ރައީސް ސާލިހު ވިދާޅުވީ މިވަގުތަށް ރާއްޖެއަށް މުހިންމީ، ގައުމަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުން ކަމަށާއި، މިވަގުތަކީ ނިޒާމު ކަނޑައެޅުމަށް މަސައްކަތް ކުރައްވަންވީ ވަގުތު ނޫން ކަމަށެވެ.
ރައީސް ސާލިހު ވިދާޅުވީ އަދި ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެނައުމަށްވުރެ އަދި އޮތީ މާ ޅަފަތުގައި ކަމަށެވެ. އަދި ނިޒާމާއި ގުޅޭގޮތުން ރައްޔިތުން ކައިރިއަށް ގޮސް މިކަމުގައި ވާހަކަދައްކާ، ރައްޔިތުންނަށް ނިޒާމު އޮޅުންފިލުވައިދީ، މިކަމާއި ގުޅޭގޮތުން ބަހުސް ކުރެވި، ރާއްޖެއަށް ބަރުލަމާނީ ނިޒާމް ގެނައުމަށް އޭގެ ފަހުން މަސައްކަތް ކުރެއްވިދާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާލުވީ އެމަނިކުފާނަށް ގަބޫލުކުރެއްވެނީ މިހާރު އޮންނަ ގޮތަށް ރައްޔިތުންގެ ސީދާ ވޯޓަކުން، ރައްޔިތުންގެ ފުރިހަމަ އަގުބަލިއްޔަތަކުން ހޮވޭ ރައީސަކާއެކު އެކުލެވޭ ސަރުކާރަކަށް ހިންގުމުގެ ބާރު އޮތުން ކަމަށެވެ. އަދި ދެވަނަ ކަމަކަށް ރައްޔިތުން އިންތިހާބުކުރާ މަންދޫބުންގެ މައްޗަށް އެކުލެވޭ ރައްޔިތުންގެ މަޖިލީހަކުން ގާނޫނު ހެދުމުގެ ބާރު އޮވެފައި މިނިވަންކަމާއެކީގައި ޝަރީއަތްކުރެވޭ ގޮތަށް ޖުޑިޝަރީ އޮތުމާއި، ތިންބާރު ވަކިކުރެވިފައި އޮތް މިފަދަ ނިޒާމެއް އެއީ އެމަނިކުފާނު ގަބޫލުކުރައްވާ ނިޒާމް ކަމަށް ރައީސް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ