ރައްޔިތުންގެ ބާރު ވެރިކަމުގައި ދެމެހެއްޓޭނީ ރާއްޖޭގައި ރިޔާސީ ނިޒާމެއް އޮވެގެން ކަމުގައި ޖުމުހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބުރާހިމް ވިދާޅު ވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވެފައިވަނީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް، ރައީސް ސާލިހުގެ އިތުރުން، ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި އަދި އެހެނިހެން ސިޔާސީ އިސްބޭފުޅުންވެސް ދެކޮޅު ހައްދަވާ އެބޭފުޅުން އަމިއްލަފުޅު ޚިޔާލު މިމައްސަލާގައި ހާމަ ކުރައްވަން ފައްޓަވާފައި ވަނިކޮށެވެ.
މިހާރު އުފެދިފައިވާ ބަރުލަމާނީ ރިޔާސީ ބަހުސްގައި ގާސިމްގެ ޚިޔާލު ހާމަކުރައްވަމުން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ރައްޔިތުންގެ އަތުގައި އޮތް ވެރިކަމުގެ ބާރު އެގޮތުގައި ދެމެހެއްޓޭނީ، ރިޔާސީ ނިޒާމެއް އޮވެގެ ކަމުގައެވެ. ގާސިމް ވިދާޅުވެފައިވާ ގޮތުގައި ރައީސާއި، މަޖިލިސް މެންބަރުންނަކީ ސީދާ ރައްޔިތުންގެ ވޯޓުން ހޮވާ މަގާމުތަކެއް ކަމަށާއި، ބަރުލަމާނީ ނިޒާމެއްގައި ޤައުމު ހިންގަން ހަވާލުވާ ބޮޑުވަޒީރަކީ ރައްޔިތުން ސީދާ އިންތިޚާބު ކުރާ ފަރާތެއް ނޫން ކަމުގައެވެ.
ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ތާއީދު ނުކުރައްވާކަން ގާސިމް އިބުރާހިމް ހާމަ ކުރައްވާފައިވާއިރު، ބަރުލަމާނީ ނިޒާމަކަށް ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލިހަށް އެޕާޓީގެ ރައީސް ނަޝީދު ހުށަހަޅުއްވާފައިވާ ގަރާރާއި ރައީސް ސާލިހުވަނީ ދެކޮޅު ހައްދަވާފައެވެ.
އަދި މީގެ އިތުރުން، ރާއްޖޭގައި ވެރިކަން ކުރަމުންދާ ރިޔާސީ ނިޒާމު އުވާލާ، ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ނަޝީދު އެމްޑީޕީގެ ކުރިޔަށް އޮތް ކޮންގްރެސްއަށް ގަރާރެއް ހުށަހަޅުއްވާ، އަދި މިމަސައްކަތަށް ތާއީދު ހޯދުމަށް އެމްޑީޕީގެ ހަރުގޭގައި ޖަލްސާތައްވެސް ބާއްވަން ފަށާފައި ވަނިކޮށް، ފޮރިންގ މިނިސްޓަރ ޝާހިދުވެސް ވަނީ ތާއީދުކުރައްވާނީ ރައްޔިތުންގެ ސީދާ ވޯޓަކުން ދައުލަތާއި ސަރުކާރުގެ ވެރިޔާ ހޮވުމަށް ކަމަށް ވިދާޅުވެފައެވެ.
ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުުރުމަށް ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ނިޒާމު ބަދަލުކުރުމަށް އެމްޑީޕީގެ ކޮންގްރެސްގެ ތާއީދު ހޯއްދުވުމަށް ނަޝީދުވަނީ ކުރިޔަށް އޮތް ކޮންގްރެސްއަށް ގަރާރެއް ހުށަހަޅުއްވާފައެވެ.
މިގަރާރުގައި ނަޝީދު ހިމަނުއްވާފައިވަނީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް އެމްޑީޕީގެ ކޮމްގްރެސް އިގުރާރު ވުމަށެވެ.
އަދި މިގޮތަށް އެމްޑީޕީގެ ކޮންގަރެސްއިން ފާސް ވެއްޖެނަމަ، ރައްޔިތުންގެ މަޖިލިހުގެ އަދަދު 87 މެމްބަރުންނަށްވުރެ އިތުރު ނުކުރުމަށާއި އޭގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 5 އަށް ހަމަޖެއްސުމަށް ގާނޫނޫނު އަސާސީއަށް ބަދަލު ގެނައުމަށް އިގުރާރުވުންވެސް މި ގަރާރުގައި ހިމަނުއްވާފައި ވެއެވެ.
އެއަށްފަހު އިއްޔެ ބޭއްވެވި ނޫސްވެރިންގެ ބައްދަލު ވުމެއްގައި، ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް، ބޮޑުވަޒީރު ސަރުކާރު ހިންގައި، ރައީސުލްޖުމްހޫރިއްޔާ ދައުލަތުގެ އެންމެ އިސް ވެރިއެއްގެ ގޮތުގައި ހުންނެވުމަށް ނަޝީދު ބޭނުންފުޅުވާ އިސްލާހު ވަނީ އާންމު ކުރައްވާފައެވެ.
ނަޝީދު އާންމު ކުރެއްވި އިސްލާހުގައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަވާ ބޭފުޅަކަށް ލިބިވަޑައިގަންނަވާނެ ބާރުތައް ތަފްސީލްކޮށް ދެއްވާފައެވެ. އެގޮތުން ރައީސްއަށް ލިބިވަޑައިގަންނަވާ ބާރުތަކުގެ ތެރޭގައި މިނިވަން މުއައްސަސާތަކަށް ބޭފުޅުން އައްޔަން ކުރެއްވުމާއި، އަސްކަރިއްޔާގެ އެންމެ އިސްވެރިޔާގެ މަޤާމު ރައީސްއަށް ދެއްވުން ހިމެނެއެވެ.
ކޮމެންޓު ފޮނުވާ