ލައިސަންސް ހިފެހެއްޓުމުން ވެސްޓަން ޔޫނިއަންގެ ޚިދުމަތް މެދުކެނޑިއްޖެ

ލައިސަންސް ހިފެހެއްޓުމުން ވެސްޓަން ޔޫނިއަންގެ ޚިދުމަތް މެދުކެނޑިއްޖެ

Author
މުޙައްމަދު ޖިމީ
13 އޮގަސްޓް 2022 10:26
0

ދުނިޔޭގެ އެންމެ ދުވަސްވީ ފައިސާ ޓްރާންސްފާގެ ޚިދުމަތްދޭ ރާއްޖޭގެ ލޯކަލް އޭޖެންޓްކަމަށްވާ ވިލާ ކުންފުނިން ހިންގާ އައިލެންޑް ފައިނޭންޝަލް ސާވިސަސްއަށް އެމްއެމްއޭ އިން ދޫކޮށްފައިވާ ލައިސަންސް ހިފެހެއްޓުމުން މަނީ ޓްރާންސްފާގެ ޚިދުމަތް މެދުކެނޑިއްޖެއެވެ.

ރާއްޖޭގެ ވެސްޓަން ޔޫނިއަންގެ ޚިދުމަތަކީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނާއި ގިނަ ޢަދަދެއްގެ ދިވެހިންވެސް ބޭނުން ކުރަމުން އަންނަ ޚިދުމަތެކެވެ.

އެމްއެމްއޭއިން ކޮށްފައިވާ އިއުލާނުގައި ވަނީ އައިލެންޑް ފައިނޭންޝަލް ސާވިސަސް ޕްރައިވެޓް ލިމިޓެޑަށް އެ އޮތޯރިޓީން ދޫކޮށްފައިވާ، ރެމިޓަންސް ހިދުމަތް ދިނުމަށް ބޭނުންވާ ޕޭމަންޓް ހިދުމަތް ދިނުމުގެ ލައިސަންސް ވަކި ގޮތެއް އަންގަންދެން މި މަހުގެ 8 އިން ފެށިގެން ހިފަހައްޓާފައިވާކަމަށެވެ. ނަމަވެސް ލައިސަންސް ހިފެހެއްޓި ސަބަބެއް އެމްއެމްއޭއިން ނުބުނެއެވެ.

އެނގިފައިވާގޮތުގައި ލައިސަންސް ހިފަހައްޓަފައިވަނީ އެކުންފުނިން ރަނގަޅުކުރުމަށް ދިން ކަންކަން މުއްދަތު ހަމަވިއިރުވެސް ރަނގަޅުކޮށްފައި ނުވާތީއެވެ. ވެސްޓަން ޔޫނިއަންގެ ވެބްސައިޓުގައި ވަނީ އެމްއެމްއޭއިން އައިލެންޑް ފައިނޭންޝަލްސްގެ ހުއްދަ ހިފެހެއްޓީ "އިންޓާނަލް އަޕްޑޭޓްތަކެއް" ގެންނަން ކަމަށް ބުނެފައެވެ.

މިހާރު އަމަލުކުރާ ގައުމީ ޕޭމަންޓް ސިިސްޓަމްގެ ގާނޫނުގެ ދަށުން 12 ހާލަތެއްގައި ލައިސެންސް ހިފެހެއްޓުމުގެ ބާރު އެމްއެމްއޭއަށް ލިބެއެވެ. އެގޮތުން އެ އޮތޯރިޓީން ކަނޑައަޅާ ގައިޑްލައިންތަކާއި އިރުޝާދުތަކަށް ނުވަތަ އަންގާ އެންގުމަކަށް އަމަލު ނުކުރުން ހިމެނެއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.