ބަދުއަހުލާގީ އަމަލުތައް ފެންނަ ވީޑިއޯތައް ދައުރު ކުރާތީ އެޗްއާރުސީއެމްގެ ކަންބޮޑުވުން!

ބަދުއަހުލާގީ އަމަލުތައް ފެންނަ ވީޑިއޯތައް ދައުރު ކުރާތީ އެޗްއާރުސީއެމްގެ ކަންބޮޑުވުން!

ބަދުއަހުލާގީ އަމަލުތައް ހިންގާ މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމުކުރުން މި ދުވަސްވަރު އިތުރުވަމުން ދާތީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން މިއަދު ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެޗްއާރްސީއެމުން މިކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިމިވަނީ ބަންގަލްދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގީރް އާއިއެކީ ގިނަ ބަޔަކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކާއި ފޮޓޯތައް މީސް މީޑިއާގައި އާންމުވަމުންދާ ދުވަސްވަރެއްގައިކަން ފާހަގަ ކޮށްލެވެއެވެ.

އެގޮތުން އެޗްއާރްސީއެމުން ނެރުނު ބަޔާނެއްގައި ބުނީ މި ދުވަސްވަރު މީޑިއާގައި ދައުރުކުރަމުންދާ ބަދުއަހުލާގީ އަމަލުތައް ދައްކުވައިދޭ ވީޑިއޯތައް އާންމުކުރުން އިތުރުވަމުންދާއިރު، މިއީ ޖިނާއީ ކުށަކަށްވުމުގެ އިތުރުން، ކުށްކުރި ކަމަށް ތުހުމަތުކުރެވޭ ފަރާތްތައް ކަމަށް ބުނެ އެކިއެކި ފަރާތްތަކުގެ ވަނަވަރު އާންމުކޮށް މީސް މީޑިއާގައި ދައުރުކުރުމަކީ ބައެއްގެ އަބުރާއި ކަރާމާތަށް އަރައިގަތުމުގެ އަމަލެއް ކަމަށެވެ.

އެގޮތަށް ކަންތައް ކުރުމުގެ ސަބަބުން އަދުލު އިންސާފު ގާއިމު ކުރުމުގައި ވެސް ހުރަސްތަކަކާ ކުރިމަތިވާނެ ކަމަށް ގަބޫލު ކުރެވުމުގެ އިތުރުން، އެއީ އާއިލާތަކާއި މުޖުތަމައުގެ މެދުގައި ހަމަނުޖެހުމާއި ފިތުނަފަސާދަ އުފެދި، އާއިލާތައް ރޫޅި ދިއުމުގެ ބިރު ވަރަށް ބޮޑަށް އޮތް ކަމެއް ކަމަށް ބުންޏެވެ.

މިފަދަ ވީޑިއޯތައް އާންމުކުރާ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަކީ ކުޑަކުދިން ވެސް ބޭނުންކުރާ ޑިޖިޓަލް ޕްލެޓްފޯމްތަކެއް ކަމަށް ވުމުން، އުމުރާ އެކަށީގެންނުވާ އަދި ފާހިޝް އަމަލުތައް ދައްކުވައިދޭ މަންޒަރުތަކަށް ކުޑަކުދިންނާއި ނާޒުކު ހާލަތްތަކުގައި ތިބި ފަރާތްތައް ދަނީ ހުށަހެޅުމުންނެވެ. އެހެންކަމުން މިއީ ރައްކާތެރިކަމާ އެކު ހެދިބޮޑުވުމުގެ ހައްގަށް ހުރަސްއެޅިގެންދާނެ ކަމެއް ކަމުގައި ދެކެމެވެ.

– އެޗްއާރުސީއެމްގެ ބަޔާނުގައި ވެއެވެ.

މިފަދަ މައްސަލަތަކުގައި އަދި އެހެން މައްސަލަތަކުގައި ވެސް ވީޑިއޯއެއް ނުވަތަ މައުލޫމާތެއް ލިބިފައިވާނަމަ އެފަދަ ކަންކަން ތަހުގީގު ކުރުމުގެ ބާރު އޮތް އިދާރާތަކަށް އެ މައުލޫމާތު ހިއްސާކޮށް އިދާރާތަކުންނާއި މުއައްސަސާތަކުން މައްސަލަތައް އެކަށީގެންވާ އަވަސްމިނެއްގައި ތަހުގީގުކޮށް އަޅުއްވަން ޖެހޭ ފިޔަވަޅުތައް އެޅުއްވުމަކީ މުޅި މުޖުތަމައުގެ ހަމަޖެހުމަށާއި ހާއްސަ ރައްކާތެރިކަން ބޭނުންވާ ފަރާތްތަކަށް އެފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރުމަށް ނުހަނު މުހިންމު ކަމެއް ކަމަށްވާތީ އެގޮތުގެ މަތިން އަމަލު ކޮށްދެއްވުމަށް ވެސް އެޗްއާރުސީއެމުން ވަނީ އިލްތިމާސް ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *