އެމްޑީޕީން ވެރިކަމަށް އައުމަށް މަސްވެރިންނަށް ވެފައިވާ ވައުދުތައް ނުފުއްދި، މަޖިލީހުން ހަދާފައިވާ ޤާނޫނުތައް ތަންފީޒު ނުކުރެވޭ ކަމަށާއި، މިއަދު މަސްވެރިކަމުގެ ވާހަކަ ދައްކަން ލަދުގަންނަ ކަމުގައި އުގޫފާރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.
އަންނަ އަހަރުގެ ބަޖެޓުގެ ބަހުސްގައި މިހާތަނަށް ބަޖެޓަށް ވާހަކަ ދެއްކި ސަރުކާރަށް ނިސްބަތްވާ މެމްބަރުންގެ ތެރެއިން ބަޖެޓަށް އެންމެބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދެއްކެވި މެމްބަރު ވަހީދު ވިދާޅުވީ ބަޖެޓުން އުންމީދީ އެއްވެސް މަންޒަރެއް ނުފެންނަކަމަށެވެ. އެމްޑީޕީން ވެރިކަމަށް އައީ މަސްވެރިންނަސްވެސް ބޮޑެތި ވައުދުތައްވެ މަސްވެރިކަމަށް އިންގިލާބީ ބަދަލެއް ގަނައުމަށްކަމަށެވެ.
މަސްވެރިންގެ ހާލަތު ބަދަލުކޮށް، މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދިނުމަށް މަސްވެރިކަމުގެ ޤާނޫނެއް އެކުލަވާލައި، ގޭދޮށު މަސްފެކްޓްރީތަކާއި، މަސްބޭރުކުރެވޭނެ ވަސީލަތްތަކާއި، އާމްދަނީ ހޯދާނެ ގޮތް މަޖިލީހުން ތަނަވަނަސް ކުރިކަމުގައި ވީނަމަވެސް އެކަންކަން ތަންފީޒު ވެގެންދާތަނެއް ނުފެންނަކަމަށް ވަހީދު ވިދާޅުވިއެވެ. އަދި ހުށަހަޅާފައިވާ ބަޖެޓުގައި މަސްވެރިކަމަށް ހެޔޮބަދަލެއް ގެންނަ އެއްވެސް ކަމެއް އަދި އެމްޑީޕީން ވެފައިވާ ވައުދުތައް ތަންފީޒު ކުރުމަށް އެއްވެސްކަމެއް ހިމަނާފައިނުވާކަމަށް ވަހީދު ވިދާޅުވިއެވެ.
މަސްވެރިކަމުގެ ވާހަކަ ދައްކަން މިއަދު އަޅުގަނޑުމެން ލަދުވެސް ގަނޭ. ގޭދޮށު މަސް ޕްލާންޓް ހަދާނެ ވާހަކަ ދެއްކިން. އެނޫންވެސް މަސްވެރިކަމަށް ބޮޑެތި ބަދަލު ގެނައުމަށް މަޖިލީހުން ޤާނޫނީ ބާރުވެރިކަންވެސް ދިނިން. ކޮންކަމެއްތޯވީ.
– މުހައްމަދު ވަހީދު ވިދާޅުވިއެވެ.
ރަށްރަށުގައި "ގޭދޮށު މަސް ފެކްޓަރީ" އާއި މާ ކަނޑުގައި "ކަންނެލި ޖަގަހަތައް" ގާއިމްކުރުމަކީ މިސަރުކާރުން ވެފައިވާ ވައުދެކެވެ. ނަމަވެސް މިހާތަނަށް އައިއިރު މިކަމަށް އެކަށީގެންވާ ހައްލެއް ނުލިބި މަސްވެރިންދަނީ ކަންބޮޑުވުން އިންތިހާއަށް ފާޅުކުރަމުންނެވެ.
ވަހީދު ވިދާޅުވީ ސަރުކާރުގެ އެންމެބޮދު ވައުދަކީ ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް އެކުލަވާލައި، ކައުންސިލްތަކަށް ބަރު ދިނުންކަމަށެވެ. ނަމަވެސް މިބަޖެޓުން ފެނިގެންދަނީ ލާމަރުކަޒީ ނިޒާމާއި ދުރު ބީރައްޓިހި މަންޒަރެއްކަމަށެވެ. ބަޖެޓުން ފެނިގެންދަނީ އިންތިހާއަށް ދަރަނި ބޮޑު ނާއުމީދީ މަންޒަރެއްކަމަށް ވަހީދު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ