އެއްޖިންސުން ގުޅުން ހިންގާ މީހުންގެ މެދުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ މަނުކުވިދުރިއަށް ޓެސްޓު ކުރެވޭނޭ ގާބިލްކަން ހޯދާ، އެކަމަށް އައިޖީއެމްއެޗް ލެބޯޓްރީ ތައްޔާރު ކުރަމުންދާ ކަމުގައި އެޗްޕީއޭއިން ހާމަ ކޮށްފިއެވެ.
ބައެއް މީޑިއާތަކަށް އެޗްޕިއޭއިން މައުލޫމާތު ދީފައިވާ ގޮތުގައި މަކުނުވިދުރި ފަދަ، ގައިންގަޔަށް އަރާ ބަލިތައް ޓެސްޓު ކުރުމަށްޓަކާ ލެބޯޓްރީތައް ހުންނަން ޖެހެނީ ވަކި މިންގަޑަކަށް ކަމަށާއި، އަދި ޓެސްޓު ކުރުމަށް ބޭނުންވާ ސެޓަޕް ބެނުންވާ އިތުރު ތަކެއްޗާއި އަދި ފުރިހަވާންޖެހޭ އިތުރުކަންކަންވެސް ފުރިހަމަ ކުރަމުންދާކަމަށެވެ.
އެހެންނަމަވެސް ރާއްޖޭގައި މަކުނުވިދުރިއަށް ޓެސްޓު ކުރުމަށް ފަށާނޭ ދުވަހެއް އެއްވެސް ފަރާތަކުން މިހާތަނަށް ހާމަ ކޮށްފައެއް ނުވެއެވެ.
މަކުނުވިދުރިއަށް ޓެސްޓްކުރެވޭނެ އިންތިޒާމް ޤާއިމުކުރުމަށް ކުރާ މަސައްކަތުގެ ދަށުން ޑަބްލިއުއެޗްއޯއިން ރާއްޖެއަށް މިއަދު 250 ޓެސްޓް ކިޓް ހަދިޔާކޮށްފައިވާއިރު، އިތުރު ކިޓްތައް މޮބިލައިޒް ކުރުމުގެ މަސައްކަތްވެސް ޑަބްލިއުއެޗްއޯއާ ގުޅިގެން ކުރަމުން އަންނަކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ. އަދި ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އިތުރު ޓެސްޓިން ކިޓްތައް ރާއްޖެއަށް ލިބޭނެ ކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.
ޓެސްޓް ކިޓް ހަދިޔާކުރުމުގެ އިތުރުން، ލެބޯޓްރީގައި މަސައްކަތްކުރާ މުވައްޒަފުންނަށް މޮންކީޕޮކްސް ޕީ.ސީ.އާރް ޓްރެއިނިންގއެއް ފާއިތުވެދިޔަ ހަފްތާގައި ހެލްތު މިނިސްޓްރީން ވަނީ ކުރިޔަށް ގެންގޮސްފައެވެ. ޑަބްލިއުއެޗްއޯގެ އެހީތެރިކަމާއެކު ކުރިއަށްގެންދިޔަ މި ތަމްރީނަކީ ވަރޗުއަލްކޮށް ކުރިއަށްގެންދިޔަ ތަމްރީނެކެވެ. މި ތަމްރީނުގައި ރާއްޖޭގެ ބޮޑެތި މައި ހޮސްޕިޓަލްތަކުގެ ލެބްތަކުގައި މަސައްކަތްކުރާ މުވައްޒަފުން ބައިވެރިވެފައި ވެއެވެ. ތަމްރީން ނިމުމާއެކު ބައްޔަށް ޓެސްޓްކުރުމުގެ ކަންކަން ހަމަޖެހިގެންދާނެކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެފައި ވެއެވެ.
ދުނިޔޭގައި މަންކީޕޮކްސް ބަލި ފެންނަމުންދާ ހާލަތަށް ބަލާއިރު ރާއްޖެއަށް އެ ބަލި އައުމުގެ ފުރުސަތު އެބައޮތްކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ވިދާޅުވެއެވެ. ނަމަވެސް ކޯވިޑް-19 ފަދަ ބައްޔަކާ އަޅާ ބަލާއިރު މިފަދަ ބައްޔެއް ފެތުރުމުގެ ފުރުސަތު ބޮޑީ ވަރަށް ގައިގޯޅިކޮށް އެކުގައި އުޅޭ މީހުންގެ މެދުގައި ކަމަށްވުމުން މި ބަލި ފެތުރޭ ގޮތާއި މިންވަރު ތަފާތުވާނެކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ. އަދި މަންކީޕޮކްސް ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ވީހާވެސް އަވަހަށް ސިއްހީ ހިދުމަތްތެރިއަކަށް ދެއްކުމަށާއި ބަލި ކަށަވަރު ކުރެވެންދެން ވަގުތުން އެހެން މީހުންނާއި ގައިގޯޅިވުމުން ދުރުވެ އެކަހެރިވުމަކީ ވަރަށް މުހިންމު ކަމެއްކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ.
މުޖްތަމައުގައި މި ބަލި ފެތުރުމުގެ ފުރުސަތު ކުޑަކަމުގައިވީނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށްވެސް އެ.ޗް.ޕީއޭ އިން ވަނީ އެދިފައެވެ. އެގޮތުން ގިނަ ގިނައިން އަތްދޮވުމާއި މާސްކު އަޅައިގެން އުޅުމާއި ގިނަ މީހުން އެއްވާ ތަންތަނަށް ނުދިއުމަށް ވަނީ އެދިފައެވެ.
ކޮމެންޓު ފޮނުވާ