މޯލްޑިވްސް ނޭޝަނަލް ޕާޓީ، އެމްއެންޕީގެ އެތެރޭގައި އިންތިޚާބުތައް ބާއްވާ ޕާޓީގެ ޤައުމީ ހިންގާ ކައުންސިލްގެ އެކި މަގާމްތަކަށް މީހުން އިންތިޚާބު ކޮށްފިއެވެ.
މިއިންތޚާބު ބާއްވާފައިވަނީ އިއްޔެގެ ހެނދުނު 8:00 އިން ހަވީރު 4:00 ގެ ނިޔަލަށެވެ. މި އިންތިޚާބުގައި ޕާޓީގެ މަގާމްތަކަށް މީހުން އިންތިޚާބު ކުރުމަށްޓަކާ ރާއްޖޭގެ އެކި ރަށްރަށުގައި ޖުމްލަ 54 ވޯޓު ފޮއްޓެއް ބެހެއްޓިފައި ހުއްޓެވެ.
އިއްޔެ ކުރިޔަށްދިޔަ އިންތިޚާބުގައި މަގާމްތަކަށް މީހުން އައްޔަންކޮށްފައިވަނީ އެމްއެންޕީގެ ވިމެންސް ވިންގގެ ލީޑަރުކަމަށާއި، ޔޫތު ވިންގގެ ލީޑަރުކަމަށާއި، ނޮޅިވަރަމް ދާއިރާ (އަޕަރ ނޯތު ރީޖަން) (ހދ) ރައީސްކަމުގެ މަގަމާށާއި، ހޮޅުދޫ ދާއިރާ (ނޯތު ރީޖަން) (ނ) ނާއިބު ރައީސްކަމުގެ މަގާމުގެ އިތުރުން ތުޅާދޫ ދާއިރާ (ނޯތު ރީޖަން) (ބ) ރައީސްކަމަށާއި، ހެންވޭރު ހުޅަނގު (މާލެ ރީޖަން) ރައީސްކަމުގެ މަގާމަށެވެ.
މިމަގާމްތަކަށް ޖުމްލަ 13 ކެނޑިޑޭޓަކު ވާދަ ކޮށްފައި ވެއެވެ.
އެމްއެންޕީގެ އިންތިޚާބީ ކޮމިޓީގެ ރައީސް އަޙްމަދު އަމްޖަދު މީގެ ކުރިން ވިދާޅުވެފައިވަނީ، އިއްޔެ ބޭއްވުނު ޕާޓީގެ އެތެރޭގެ އިންތިޚާބުގައި 185 މަޤާމަކަށް 196 ފަރާތަކުން ކުރިމަތިލީކަމަށާއި، އޭގެ ތެރެއިން 180 މަޤާމަކަށް ކުރިމަތިލާފައިވަނީ ކޮންމެ މަޤާމަކަށް 1 މެންބަރު ކަމަށެވެ.
އެމް.އެން.ޕީގެ އިންތިޚާބީ ޤަވާއިދުގެ 17 ވަނަ މާއްދާގައި ވާގޮތުގެ މަތިން، އެއް މަޤާމަކަށް އެންމެ ކެނޑިޑޭޓެއް ކުރިމަތިލާފައިވާނަމަ، އެމެންބަރަކު އެމަޤާމަކަށް ހޮވޭނެއެވެ. އަމްޖަދު ކުރިން ވިދާޅުވެފައިވަނީ، ޖުމްލަ 180 މަޤާމަކަށް ކުރިމަތިލާފައިވަނީ ކޮންމެ މަޤާމަކަށް 1 މެންބަރު ކަމަށް ވާތީ، އެ 180 މަޤާމަށް ކުރިމަތިލީ މެންބަރުން އިންތިޚާބަކާ ނުލާ ހޮވިފައިފައިވާ ކަމަށެވެ.
އިއްޔެ ބޭއްވިގެންދިޔަ އެމްއެންޕީގެ އެތެރޭގެ އިންތިޚާބުތަކުގެ ދާއިމީ ނަތިޖާ 7 ދުވަހުގެ ތެރޭގައި އިއުލާންކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ދާދިފަހުން އެމްއެންޕީގެ އިސް ތަރުޖަމާންކަމުގެ މަގާމަށް އައްޔަން ކުރެވުނު ޝިދާތާ ޝަރީފް ވިދާޅުވެފައިވަނީ، މިއިންތިޚާބަކީ އެޕާޓީގެ ޑިމޮކްރެޓިކް ހަޔާތުގައި ކުރިމަގަށް އެޅޭ މުހިއްމު ފިޔަވަޅެއް ކަމުގައެވެ.
ކޮމެންޓު ފޮނުވާ