ކުޑަހުވަދޫގައި ހިތް ހުއްޓުނު މީހަކު މާލެ ގެންގޮސް ނުދީގެން، އަމިއްލަ އެއަރލައިނެއް ކަމަށްވާ މަންޓާ އެއަރއާއި ދެކޮޅަށް މިއަދުވެސް އެރަށުގައި މުޒާހިރާ ކުރަން ފަށައިފިއެވެ.
ފާއިތުވެދިޔަ ހޯމަ ދުވަހުން ފެށިގެން، ކުޑަހުވަދޫގެ ރައްޔިތުން އިހުތިޖާޖުކުރަމުން ދަނީ މަންޓާ އެއަރގެ މެނޭޖްމަންޓާއި ދެކޮޅަށެވެ. މިމުޒާހިރާތައް ފެށެން މެދުވެރިވީ އެރަށުގައި ހިތްހުއްޓުނު މީހަކު އެމަޖެންސީ ހާލަތުގައި މާލެ ގެންދިއުމަށް މަންޓާ އެއަރލައިނުން ދެކޮޅު ހެދިކަމަށް ބުނެއެވެ. އަދި މުޒާހިރާ ކުރި ފަރާތްތަކުން ވަނީ ފުރަތަމަ ދުވަހު، އެއަރޕޯޓުގައި ތިބި މީހުންނަށް އެތަނުން ނުނިކުމެވޭނެހެން ޓިނުޖަހާ އެއަރޕޯޓު ބަންދުވެސް ކޮށްފައެވެ.
އެދުވަހުވަނީ އެއަރޕޯޓު ސަރަހައްދުގައި މުޒާހިރާ ކުރި މީހުންނާ ފުލުހުންނާ ދެމެދު ކުރިމަތިލުން ހިގާފައިވެއެވެ. މުޒާހިރާ އެދުވަހު ފުލުން ކޮންޓްރޯލް ކޮށްފައިވަނީ ކަރުނަ ގޭހުގެ ބޭނުން ކޮށްގެންނެވެ.
ހޯމަ ދުވަހު ފުލުހުންނާއި ކުޑަހުވަދޫ ބައެއް ރައްޔިތުންނާދެމެދު ހަމަނުޖެހުން ހިގުމަށްފަހު މުޒާހިރާތައް މެދު ކެނޑި ދިއުމަށްފަހު މިއަދު އަނެއްކާވެސް އެރައށުގެ ރައްޔިތުންވަނީ މަންޓާ އެއަރގެ މެނޭޖްމަންޓާއި ދެކޮޅަށް އަޑު އުފުލަން ފަށާފައެވެ. ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ކުޑަހުވަދޫ ރައްޔިތުން މުޒާހިރާ ކުރަމުންދަނީ އެކި ޝިއާރުތައް ލިޔެފައިވާ ލިޔުންތަކާއެކު ލައުޑް ސްޕީކަރުތައް ބޭނުން ކޮށްގެންނެވެ.
އިހުތިޖާޖުގައި ބައިވެރިވާ ބައެއް ފަރާތްތަކުން ވަނީ، މަންޓާ އެއަރގެ ސީއީއޯއާ ދެކޮޅަށްވެސް އަޑުއުފުލާފައެވެ. އަދި އޭނާ ހައްޔަރުކުރުމަށްވެސް ބައެއް ފަރާތްތަކުންވަނީ އަޑު އުފުލާފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު އަލުން މުޒާހިރާތައް ފަށާފައިވަނީ، އެރަށުގެ ރައްޔިތުންނަށް މަންޓާ އެއަރގެ ސީސީއޯއި ބައްދަލު ކުރުމުގެ ފުރުސަތު ނުލިބިގެންނެވެ. އަދި އެމީހުން ބުންމުންދަނީ ސީއީއޯ ޚަލީލްއާއި ބައްދަލު ނުވަނީސް މުޒާހިރާތައް ހުއްޓާ ނުލާނޭ ކަމުގައެވެ.
މަންޓާ އެއަރއިން ބުނެފައިވަނީ، މުޒާހިރާ ކުރާ ފަރާތްތަކުން ދައްކަމުންދަނީ ހަގީގަތާއި ޚިލާފް ވާހަކަތަކެއް ކަމުގައެވެ. އެ އެއަރލައިންގެ ފަރާތުން އިއްޔެ ބޭއްވި ނޫށްވެރިންގެ ބައްދަލުވުމެއްގައި ސީއީއޯ ޚަލީލް ވިދާޅުވެފައިވަނީ، ކުޑަހުވަދޫން ބަލިވިމީހާގެ ބަލީގެ މައުލޫމާތު ލިބުމާއެކު އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކޮށްފައިވާ ކަމުގައެވެ. އަދި އޭނާ ތުހުމަތު ކުރައްވާފައިވަނީ ކުރިޔަށްދާ އިހުތިޖާޖްގެ ފަހަތުގައިވަނީ ސިޔާސީ މަގުސަދުތަކެއް ކަމުގައެވެ.