ޔޯގާ ހަރަކާތާއި ގުޅޭގޮތުން ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ދީނީ ޢިލުމުވެރިން ފަތުވާ ނެރުމާއި ގުޅިގެން، އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) އަދާލަތު ޕާޓީއަށާއި، އެޕާޓިގެ ރައީސް އަދި ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲއަށް ފާޑުވިދާޅުވެއްޖެއެވެ.
ބައިނަލްއަޤްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ދީނީ ޢިލްމުވެރިން ހިމެނޭހެން 21 މީހަކު ހައްޔަރުކޮށް އޭގެ ތެރެއިން އެއްބަޔަކު ދޫކޮށްލާފައިވަނިކޮށް މަހެއްހާ ދުވަސް ފަހުން އަދާލަތުގެ ޢިލްމުވެރިން ވަނީ ޔޯގާ ހަރަކާތާއި ގުޅޭގޮތުން ފަތުވާއެއް ނެރެފައެވެ. އެ ފަތުވާ ނެރުމުން އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ ޢިމްރާން ވަނީ އެއީ ވަރަށް ރަނގަޅު ޢިލްމީ މަސައްކަތެއްކަމަށް ވިދާޅުވެ ޓްވީޓް ކުރައްވާފައެވެ.
ޢިމްރާންގެ އެ ޓްވީޓަށް ފާޑުވިދާޅުވެ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) ވަނީ ރިޔާސީ އިންތިޚާބު ކައިރިވާ ވަރަކަށް އެކަހަލަ ޢިލްމީ ކަރުދާސް ނެރޭލެއް ގިނަ ވާނެކަމަށް ވިދާޅުވެފައެވެ.
ރިޔާސީ އިންތިޚާބުތަކާއި ދިމާކޮށް "ލައިގެން ކާނެ އެއްޗެއް" ހޯދަންކުރާ ކަމެއްގެ ގޮތުގައި ދީން ބޭނުންކުރުން މިހާރުން މިހާރަށް ހުއްޓާލަން ވެއްޖެ ނޫންތޯވެސް ވައްޑެ ޢިމްރާނާ ސުވާލުކުރެއްވިއެވެ.
Riyaasee inthihaab kairi vaa varakah mikahala ‘ilmee karudhaas’ nerey leh gina vaane. Riyaasee inthihaab thakaa dhimaakoh ‘laigen kaane echcheh’ hoadhaa kuraa kameh gothugai, dheen beynun kurun mihaaru dhen huttaalan vejje nuntho? https://t.co/H6G44INYpP
— Waddey (@waddey_) July 25, 2022
ވައްޑެ މިހެން ވިދާޅުވެފައިވާއިރު، ޔޯގާ ދުވަހާއި ގުޅިގެން ހިންގި ހަމަނުޖެހުންތަކުގެ ތުހުމަތުގައި ދީނީ ޢިލްމުވެރިން ހައްޔަރުކުރުމުން، އަދާލަތަށާއި، އެޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ ޢިމްރާނަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. ޚާއްޞަކޮށް އެއްޖިންސުން ގުޅުންހިންގިކަމަށް ތުހުމަތުކުރެވޭ މީހުން ހައްޔަރު ނުކޮށް ދޫކޮށްލާފައި ތިބުމުން އަމާޒުވާ ފާޑުކިޔުން އިތުރެވެ.
ޔޯގާ ހަރަކާތާއިި ގުޅޭގޮތުން ޢިމްރާން ނިސްބަތްވެވަޑައިގަންނަވާ އަދާލަތު ޕާޓީގެ ޢިލްމުވެރިން ނެރުނު ފަތުވާގައި ވަނީ ޔޯގާ އާއި ގުޅޭ މައިގަނޑު ތިން ރަޢުޔެއް އޮތްކަމަށެވެ. އޭގެތެރެއިން 2 ރަޢުޔަކީ ޔޯގާ ހަރާމްކަމަށްނިންމާފައިވާ ރަޢުޔުކަމަށާއި، އަނެއް ރައުޔުގައިވާ ޝަރުތުތަކާ އެކު ޔޯގާ ހަދާނަމަ ހަގީގަތުގައި ޔޯގާއަށް ނުވާނެކަމަށް ޢިލްމުވެރިންގެ މަޖިލީހުގެ ފަތުވާގައިވެއެވެ.
އަދާލަތު ޕާޓީން ރަޢުޔެއް ނެރެފާއި މިވަނީ ޔޯގާ ހަމަނުޖެހުން ހިނގައި ބަޔަކުހައްޔަރުކުރިތާ މަހެއް ފާޢިތުވި ފަހުންނެވެ.
މީގެ އިތުރުން އަދާލަތު ޕާޓީން ސަރުކާރު ކޯލިޝަނުގައި އޮވެ، މަޖިލީހުން އެންމެ ގޮނޑިއެއްވެސް ނުލިބި ކޯލިޝަންގެ ބާރުގަދަ ޕާޓީއެއްގެ ގޮތުގައ އޮތުމުން އެމްޑީޕީގެ މެންބަރުންގެ ހިތްހަމަ ނުޖެހުން އަބަދުވެސް ފާޅުކުރަމުން ގެންދެއެވެ.