ކޯވިޑްގެ ނުރައްކާތެރި އާލަމީ ވަބާއާއި ދުނިޔެ ހަގުރާމަ ކުރަމުންދާތާ ދެއަރަހެއްހާ ދުވަސް ފާއިތުވެ ދިޔައީއެވެ. ދުނިޔޭ އެންމެ މުއްސަދި ގައުމުތަކުގެ އިގުތިސާދުތައްވެސް އިނދަ ޖައްސާލި މި ކާރީސާއަށް އަދިވެސް ނިމުމެއް އައިސްފައި ނުވިނަމަވެސް، ދުނިޔޭގެ ގައުމުތައް މިހާރު މިވަނީ އެގައުމުތަކުގެ ބޯޑަރުތައް ހުޅުވާލާ، ކޯވިޑް19ގެ ސަބަބުން ދަތުރުފަތުރަށް ކުރިމަތިވެފައި އޮތް ހުރަސްތައް ވަރަށް ބޮޑުތަކުން ނައްތާލާފައެވެ.
އެހެންނަމަވެސް ކޯވިޑް19ގެ ވެކްސިން ދުނިޔޭގެ ގިނަ ގައުމުތަކުގެ އާބާދީގެ ބޮޑު ބަޔަކަށް ދީ، އާބާދީތައް މިބަލިން ރައްކާތެރި ވާން ފަށިތަނާ ކަހަލަ ގޮތަކަށް އަނެއްކާވެސް ދުނިޔެ މިވަނީ ސިއްހީ މިފަދަ އެހެން ކާރިސާއަކާ ދިމާލަށް މިސްރާބު ހިފާފައެވެ.
މިއަހަރުގެ ކުރީ ކޮޅުން ފެށިގެން ދުނިޔޭގެ ބައެއް ގައުމުތަކުން ފެންނާން ފަށާފައިވާ މަކުނު ވިދުރީގެ ނުރައްކާ ބޮޑުވެ، ދުނިޔޭގެ ގައުމުތަކުން ކަންބޮޑުވާ މިންވަރަށް މި ބަލި މިހާރުވަނީ ގައުމުތަކުން ފެންނާން ފަށާފައެވެ.
މިގޮތުން ދުނިޔޭގެ ގިނަ ގައުމުތަކުގެ ސިއްޙީ އިދާރާތަކުގެ ކަންބޮޑުވުމަށް މި ބަލީގެ ހާލަތު އެންމެ ބޮޑަށް އަންނަން ފަށާފައިވަނީ ފާއިތުވެދިޔަ މޭމަހުގެ ތެރޭގައެވެ. ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން އިނގިރޭސިވލާތް، ސްޕެއިން، ޕޯޗުގަލް، ފްރާންސް، އިޓަލީ، ސުވިޑްންގެ އިތުރުން، ޖާމަނީންވެސް މިއަހަރުގެ މޭމަހާއި ހަމައަށް އައި އިރު މިބަލި ވަނީ ފެނިފައެވެ. އެއަށްފަހު އަރަބި ބައްރުގެ ބައެއް ގައުމުތަކާއި ހަމައަށް މިބަލި ފޯރާފައި ވެއެވެ.
މީގެ ތެރޭގައި ޔުނައިޓެޑް އަރަބި އެމިރޭޓްސްގެ އިތުރުން ސައުދީ އަރަބިއާވެސް ހިމެނެއެވެ. އަދި ސިންގޯޕޯރއިންނާއި، އޭޝިއާގެ ބައެއް ގައުމުތަކުންވެސް މިބަލިވަނީ ފެނިފައެވެ. އަދި މަކުނުވިދުރި ކަންބޮޑުވާން ޖެހޭފަދަ މިންވަރަކަށް ފެތުރެން ފެށުމާއެކު، މިހާތަނަށް ހަދާފައިވާ ަބައެއް ދިރާސަތަކުން ދައްކާ ގޮތުގައި، މިހާރު ދުނިޔޭގައި މި ބަލި ޖެހިފައިވާ 16،000 މީހުން އެބަ ތިއްބެވެ.
ބަލި ފެތުރެމުންދަނީ އެއްޖިންސުން ގުޅުން ހިންގާ ފިރިހެނުންގެ މެދުގައި!
އާންމު ގޮތެއްގައި މެދުތެރޭ އަދި ހުޅަނގު އެފްރިކާގެ ސަރަހައްދުތަކުން ފެންނަ ކަމަށް މިހާތަނަށް ފާހަގަ ކުރެވިފައިވާ މި ވައިރަސް އެންމެ ފުރަތަމަ ފެނިފައިވަނީ 1958 ވަނަ އަހަރު، ކޮށިތަކަށްލާ ބަލަހައްޓަމުންދިޔަ ރާމާ މަކުނުތަކެއްގެ ގައިންނެވެ. އިންސާނަކަށް މިބަލި ޖެހުނުކަން އެންމެ ފުރަތަމަ ފާހަގަ ވެފައިވަނީ 1970ވަނަ އަހަރުއެވެ.
އެއަށްފަހު، އެކި ފަހަރުމަތިން އެފްރިކާގެ 10 ގައުމަކުން މި ބަލި ފެނިފައިވެއެވެ. އެންމެ ފަހުން މަކުނު ވިދުރި އައުޓްބްރޭކެއްގެ ގޮތުގައި (އާންމުންގެ މެދުގައި ފެތިރެގެން ދިއުން) ފެތުރުފައިވަނީ 2017ވަނަ އަހަރުއެވެ. އެފަހަރު 172 މީހުންނަށް މި ބަލި ޖެހުނުކަމަށް ޝައްކުރެވި، މީގެ ތެރެއިން 61 މީހަކަށް މިބަލި ޖެހުނުކަން ޔަގީން ކުރެވިފައި ވެއެވެ. މީގެ ތެރެއިން ހަތަރުބައި ކޮށްފަ ތިން ބައިގެ މީހުންނަކީ އުމުރުން 21 އަހަރާއި 40 އަހަރާ ދެމެދުގެ ފިރިހެނުންނެވެ.
އަދި މި ބައްޔަކީ ފާއިތުވެދިޔަ ޒަމާންތަކުގައި އާންމުކޮށް ފެތުރޭ ބައްޔެއްގެ ގޮތުގައި ފާހަގަވެގެން ގޮސްފައި ނުވާއިރު، މަނުކުވިދުރި އަކީ މިއަހަރުގެ ކުރީ ކޮޅާއި ހަމައަށްވެސް އާންމުގެ މެދުގައި، ގިނަބަޔަކު ދަންނަ ބައްޔެއްގެ ގޮތުގައި ފާހަގަވެގެން ގޮސްފައިވާ ބައެއްޔެއްވެސް ނުމެ ނޫންމެއެވެ. ފާއިތުވެދިޔަ ތަނުގައި އެފްރިކާ ބައްރުގައި ނުހިމެނޭ ގައުމުތަކުން މި ބަލި ފެނިފައވަނީ ވަަރަށްވެސް މަދުންނެވެ. އަދި މިގޮތުން ފެނިފައިވާ ކޭސްތައްވެސް ގުޅިފައި ވަނީ ދަތުރުފަތުރާއި ނުވަތަ އެ ގައުމަކަށް އެތެރެކޮށްފައިވާ ކޮންމެވެސް ޖަނަވާރަކާއެވެ.
އެހެންނަމަވެސް މިއަހަރުގެ ކުރީކޮޅުން ފެށިގެން، މަކުނުވިދުރި ބައްޔެއްގެ ގޮތުގައި ފެތުރެން ފަށާފައިވަނީ ޔޫރަޕްގެ ގައުމުތަކުންނެވެ. ފާއިތުވެދިޔަ ޒަމާންތަކުގައި ޔޫރަޕް ބައްރުން އާންމުކޮށް ފެނިގެން ގޮސްފައި ނުވާ ބައްޔެއް އެ ގައުމުތަކުން އާންމުގެ ތެރޭގައި ފެތުރެން ފެށުމާއި ގުޅިގެން މިބަލި ފެތުރެމުންދާ ގޮތްތަކާއި ގުޅޭގޮތުން އެގައުމުތަކުގައި މިހާރުވަނީ ދިރާސާތައްވެސް ހަދާން ފަށާފައެވެ.
މިގޮތުން ހަދަމުންދާ ބައެއް ދިރާސާތަކުން ދައްކާފައިވާ ގޮތުގައި، ބައްޔަށް ޕޮޒިޓިވް ވާ ގިނަ މީހުންނަކީ ކޮންމެވެސް ވަރަކަށް އެއް ޖިންސުން ގުޅުން ހިންގަމުންދާ މީހުންނެވެ. މީގެ ތެރޭގައި ގިނައީ އެއް ޖިންސުން ގުޅުން ހިންގަމުންދާ ފިރިހެނުންނެވެ. މިހާރު ދުނިޔޭގައި މި ބަލި ޖެހިފައިވާ 16،000 މީހުން ތިބި ކަމަށްވެސް މިގޮތުން ކުރެވެމުންދާ ތަހުގީގުތަކުން ވަނީ ދައްކާފައެވެ.
އެއްޖިންސުން ގުޅުންހިންގާ މީހުންގެ މެދުގައި މިބަލި ފެތުރެމުން ދިޔަނަމަވެސް، މިއީ ޖިންސީ ގުޅުމުން ފެތުރެމުންދާ ބައްޔެއްކަން އަދި ޔަގީން ކުރެވިފައެއް ނުވެއެވެ. އަދި ބަލި ފެތުރެމުންދާކަމަށް ބެލެވެނީ އެކަކުގެ ހަން އަނެކަކުގެ ގައިގައި ޖެހުމުންކަމަށް ވަނީ ބެލެވިފައެވެ.
އެހެންނަމަވެސް، މަނުކުވިދުރިއަކީ ހެލްތު އިމަޖެންސީއެއްކަމުގައި މިހަފްތާގައި އިއުލާން ކުރައްވަމުން ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޮސް އަދަނޮމް ގެބްރެޔެސުސް ވިދާޅުވެފައިވަނީ، މިހާރު ދުނިޔޭގައި ފެތުރެމުންދާ މަނުކުވިދުރި ފެތުރެމުންދަނީ އެއްޖިންސުން ގުޅުން ހިންގަމުންދާ ފިރިހެނުންގެ މެދުގައިކަން ފާހަގަ ކުރެވިފައިވުމާއެކު، ރަގަޅު ސްޓްރަޓަޖީތައް ބޭނުންކޮށްގެން ބަލި ފެތުރެމުންދާ މީހުންގެ މެދުގައި ބަލި ފެތުރުން ހުއްޓުވިދާނެ ކަމުގައެވެ.
މާނައަކީ، ބައިނަލްއަގުވާމީ ހެލްތު އިމަޖެންސީއެއްގެ ގޮތުގައި މިހާރު ބަލައިގަންނަން މަޖުބޫރު ވެފައިވާ، މަކުނުވިދުރި ބަލި ކޮންޓްރޯލް ކުރުމަށްޓަކާ ދޭން އޮތް އެންމެ ރަގަޅު ފަރުވާއެއްގެ ގޮތުގައި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއަށްވެސް މިހާރު ފެންނާން އޮތީ ޖިންސީ ފާޙިޝް އަމަލްތަކާއި އިންސާނުން ދުރުހެލިވެ ތިބުމެވެ.
ފަރުވާއަކީ ފާހިޝައަމްލަތަކާ ދުރުހެލިވުން!
އިސްލާމްދީނުގައި ނަހީ ކުރައްވާފައިވާ، ހުތުރުކަން ބޮޑު، ބޮޑެތި ފާފަތަކަށް އަރައިގަތުމަކީ ފާއިތުވެދިޔަ ތަނުގައިވެސް ދުނިޔޭގައި ފެތުރިފައިވާ ނުރައްކާތެރި ބަލިތަކަށް އިންސާނުން ހުށަހެޅިގެން ދިއުމަށް މެދުވެރިވާ އަސްލު ސަބަބުކަން ތާރީޚުން ފެންނާން އެބައޮތެވެ.
މީގެ އެންމެ ފުރިހަމަ ދިރިހުރި މިސާލެއްގެ ގޮތުގައި މިއަދާއި ހަމައަށްވެސް ފެންނާން އޮތް އެއް ބަޔަކީ އެއިޑްސް ބައެއްޔެވެ. މިބަލީގައި ފާއިތުވެިޔަ 40 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ދުނިޔޭގެ އެތައް މިލިއަން މީހުން ދުނިޔެ ދޫކޮށްފައި ވާއިރު، މިއީ މިއަދާއި ހަމައަށްވެސް ފަރުވާއެއް ހޯދިފައިނުވާ، ޖިންސީ ގުޅުމުން އެކަކު ގައިން އަނެކަކުގެ ގަޔަށް ވާސިލްވާ ބައްޔެކެވެ.
މިއަދު ދުނިޔެއަށް ކުރިމަތިވަމުންދާ މަކުނުވިދުރިވެސް ފެތުރެން މެދިވެރިވާ ހަގީގީ ސަބަބަކަށް ވެގެން މިދަނީ، މާތްވެގެންވާ އިސްލާމް ދީނުގައި ހަރާމް ކުރައްވާފައިވާ، ނުބައިކަން ބޮޑު، ފާހިޝް އަމަލެއް ކަމުގައިވާ ލިވާތެވެ.
މިހާރު ދުނިޔޭގައި ފެތުރެމުންދާ މަކުނު ވިދުރިއާއި ގުޅޭގޮތުން ޑޮކްޓަރުން މިހާރު ވިދާޅުވަމުން ގެންދަވަނީ، ދުނިޔޭގެ ގައުމުތަކުގައި މިބައްޔަށް ޕޮޒިޓިވް ވަމުންދާ މީހުންގެ ކިބައިން އެންމެ ފުރަތަމަ ފެންނަން ފަށާ، މިބަލީ އަލާމާތްތަކުގެ ތެރޭގައިވެސް ހިމެނެނީ ފިރިހެނުންގެ ޖިންސީ ގުނަވަނާއި ފުރަގަސްފަރާތުގައި ފޮޅުތައް ނަގާ އެ ބިހިތައް ގައިގެ އެތައް މިތަނަށް ފެތުރިގެން ދިއުން ކަމުގައެވެ.
އެހެންކަމުން، މިއީ ހަގީގަތުގައިވެސް މުޖުތަމަޢު މިއަދު ނުހަނު ބޮޑަށް ސަމާލުކަން ދޭން ޖެހިފައިވާ ބޮޑު މައްސަލައެކެވެ. އަދި ދާދިފަހުން އާންމު ވެގެން ގޮސްފައިވާ ވީޑިއޯތަކުން ފެންނާން ހުރި، ލިވާތު ކޮށްފައިވާ މީހުން މުޖުތަމަޢުން އެކަހެރިކޮށް، ސިއްޙީ ބޮޑު ނުރައްކަލަކަށް އާންމު މުޖުތަމަޢު ހުށަހެޅިގެން ނުދާނޭކަމުގެ ޔަގީންކަން ސިއްހީ އިދާރާތަކުން ހޯދާންވެސް ޖެހިފައިވާ ނުރައްކާތެރި މައްސަލައެއް ކަމުގައިވެސް ދަންނަވާން ޖެހެއެވެ.