ޔޯގާ ހަރަކާތަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ދެ ޝައިޚުން ހައްޔަރުކޮށްގެން ގެންގުޅުން ބަލައި ނުގަނެވޭނެކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ވިދާޅުވެއްޖެއެވެ.
މިދިޔަ މަހު ބައިނަލްއަޤްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަސް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގިކަމުގެ ތުހުމަތުގައި ވަނީ އައްޝައިޚް އާދަމް ނިޝާން ބިން ޢަލީ އާދަމް އާއި އައްޝައިޚް ފަޒްލޫން ބިން މުޙައްމަދު ބަންދުކޮށްފައެވެ. އަދި ޝައިޚުންގެ ބަންދުގެ މުއްދަތު އަންނަނީ އިތުރުކުރަމުންނެވެ.
މިކަމާއި ގުޅިގެން ޝައިޚް ޢަލީ ޒާހިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޔޯގާ އާ ދެކޮޅަށް އަޑުއުފުލި ދެޝެއިޚުން ހަމަނުޖެހުމުގައި ބައިވެރިވެފައި ނުވަނީސް ރަޙުމްކުޑަ ގޮތަކަށް ހައްޔަރު ކޮށްގެން ވާނުވާގަ ބައިތިއްބުން ޤަބޫލެއް ނުކުރެވޭނެކަމަށެވެ. ދީނީ ކަމެއްގައި ޙައްޤަކާ ނުލައި ޢިލްމުވެރިއަކަށް އަނިޔާވެރިވުމަކީ ހުރިހާ ޢިލްމުވެރިންނަށް އަނިޔާކުރުން ފަދަ ކަމެއްކަމަށް ޝައިޚް ޢަލީ ޒާހިރު ވިދާޅުވިއެވެ.
ޔޯގާ އާ ދެކޮޅަށް އަޑުއުފުލި ދެޝެއިޚުން ހަމަނުޖެހުމުގައި ބައިވެރިވެފައި ނުވަނީސް ރަޙުމްކުޑަ ގޮތަކަށް ހައްޔަރު ކޮށްގެން ވާނުވާގަ ބައިތިއްބުން ޤަބޫލެއް ނުކުރެވޭ. ދީނީ ކަމެއްގައި ޙައްޤަކާ ނުލައި ޢިލްމުވެރިއަކަށް އަނިޔާވެރިވުމަކީ ހުރިހާ ޢިލްމުވެރިންނަށް އަނިޔާކުރުން ފަދަ ކަމެއް.
— Dr.Ali Zahir bin Saeed Gasim (@alizahirsaeed) July 20, 2022
ޔޯގާ ހަމަނުޖެހުންތަކާއި ގުޅިގެން ދީނީ ޢިލްމުވެރިންހައްޔަރުކުރުމުން ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. ޚާއްޞަކޮށް، އެއްޖިންސުން ގުޅުންހިންގިކަމަށް ތުހުމަތުކުރެވޭ ބަޔަކު ހައްޔަރުނުކޮށް ދޫކޮށްލާފައި، ޔޯގާ ހަރަކާތާއި ގުޅިގެން ދީނީ ޢިލްމުވެރިން ހައްޔަރުކުރުމުން އަމާޒުވާ ފާޑުކިޔުން އިތުރެވެ. މިކަމާއި ގުޅިގެން ސަރުކާރާއ ހޯމް މިނިސްޓަރަށްވެސް ގިނަ ދީނީ ޢިލްމުވެރިން އަންނަނީ ފާޑުވިދާޅުވަމުންނެވެ. އަދި އެކަން ކުށްވެރިކޮށްފައިވެސްވެއެވެ.
ޔޯގާ ހަމަނުޖެހުމާއި ގުޅިގެން ދެ ދީނީ އިިލްމުވެރިން ހިމެނޭހެން ޖުމުލަ 21 މީހުން ހައްޔަރުކޮށްފައިވާއިރު އޭގެތެރެއިން ހަ މީހަކު ވަނީ ދޫކޮށްލާފައެވެ. ޔޯގާ ހަމަނުޖެހުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަކަމަށް ފުލުހުންނާއި ސަރުކާރުން ބުނެފައިވެއެވެ. އަދި އެ މައްސަލަ ބެލުމަށް ވަޒީރުންގެ މަޖިލީހުގެ ސަބްކޮމިޓީއެއްވެސް ރައީސް ވަނީ އުފައްދަވާފައެވެ.
ކޮމެންޓު ފޮނުވާ