ޔޯގާ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތަށް ހުރަސްއެޅިކަމުގެތުހުމަތުގައި ހައްޔަރުކުރި މީހުންގެ ތެރެއިން 6 މީހަކު ދޫކޮށްލައިފިއެވެ.
ފުލުހުން ބުނީ އެ ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި ބައެއް މީހުން ދޫކޮށްލީ ބަލަންޖެހޭ ކަންކަން ބެލުމަށްފަހުކަމަށެވެ. މިދިޔަ މަހުގެ 22ގައި ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތަށް ހުރަސްއަޅައި ހަމަނުޖެހުން ހިންގިކަމަށް ތުހުމަތުކުރާ މައްސަލަ ފުލުހުން އަންނަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހްގީގްކުރަމުންނެވެ.
އެ ހަމަނުޖެހުންތަކާއި ގުޅިގެން ޖުމްލަ 21 މީހަކު ހައްޔަރުކުރިއެވެ. އޭގެ ތެރޭގައި ދީނީ ޢިލްމުވެރިންވެސް ހިމެނެއެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީޕީއެމްގެ ކައުންސިލް މެމްބަރު މުހައްމަދު އިސްމާއިލާއި ޝެއިހު އާދަމް ނިޝާން އަދި ޝެއިހު ފަޒްލޫން މުހައްމަދު ހިމެނިވަޑައިގަންނަވައެވެ. އިސްލާމިކް މިނިސްޓްރީން ވަނީ އެ ޝައިޚުންނަށް ދީފައިވާ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަވެސް ހިފަހައްޓާފައެވެ.
ފުލުހުން ވަނީ ހަމަނުޖެހުންތަކަށް ފުރުޞަތު ލިބުނީ ފުލުހުންގެ ސެކިއުރިޓީ ފެއިލްވުމުންކަމަށް އިއުތިރާފްވެފައެވެ.
އިއްޔެ ދޫކޮށްލި ހަ މީހުންގެ ތެރޭގައިވެސް އެ ދެ އިލްމުވެރީން ނުހިމެނެއެވެ. ޢިލްމުވެރިން ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހާފައިވާތީ ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރާ ހޯމް މިނިސްޓަރަށް ވަނީ އަމާޒުވެފައެވެ.
ކޮމެންޓު ފޮނުވާ