ދައުލަތުން އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓަކީ ރައްޔިތުންގެ ބޮލުގައި ބޮޑު ދަރަންޏެއް އެޅޭގޮތައް، ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނެތް ބަޖެޓެއްކަމަށްވުމުން ބަޖެޓް އަނބުރާ މިއަދުން މިއަދަށް ގެންދެވުމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ގޮވާލައްވައިފިއެވެ.
އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓުގެ މިއަދުގެ ހެނދުނުގެ ބަހުސް ބަރުހަލާގައި މިނިސްޓަރ އަމީރު ވާހަކަ ދައްކަވަމުން ދަނިކޮށް ނިޒާމީ ނުކުތާ ނަންގަވައި ޝިޔާމް ވިދާޅުވީ ހުށަހަޅާފައިވާ ބަޖެޓަކީ ރައްޔިތުންނަށް އެއްވެސް ކުރިއެރުމެއް ލިބޭ ބަޖެޓަކަށް ނުވާއިރު، ބަޖެޓުގައި އޮތީ މުޅިން ދަރަނިކަމަށެވެ. ބަޖެޓުމުގެ ދަރަނި ފޫބެއްދޭނެ ގޮތެއް، ރައްޔިތުންގެ އާންމު ހާލަތު ރަނގަޅު ކުރާނެ ގޮތެއް، ދެއްކުމެއްނެތި ބޮޑުދަރަނި ބަޖެޓެއް ފޮނުވުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއްކަމުގައި ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ ޤައުމާއި ރައްޔިތުންގެ ހައްގުގައި މިނިސްޓަރ އަށްވެސް އަދި ސަރުކާރަށްވެސް ކުރެއްވޭނެ އެންމެ ރަނގަޅު މަސައްކަތަކަށްވާނީ މިހާރު ހުށަހަޅާފައިވާ ބަޖެޓް އަނބުރާ ގެންދެވުންކަމަށެވެ. އަދި ބަޖެޓަށް ބޭނުންވާ ބަދަލުތައް ގެންނަވައި ދަރަނި ކުޑަ ބަޖެޓެއް ހުށަހެޅުމަށް ޝިޔާމް ވަނީ ގޮވާލާފައެވެ.
އަޅުގަނޑު އިއްޒަތްތެރި ވަޒީރަށް ދަންނަވަން މިހާރު މަޖިލީހަށް ހުށަހަޅުއްވާފައި މިވާ ބަޖެޓު މިއަދުން މިއަދަށް މިހާރުން މިހާރަށް އަނބުރާ ގެންދަވަން. ރައްޔިތުންނަށް އެހާ ތަކުލީފު ދޭ ރައްޔިތުންނަށް އެހާ ދަރަނިކުރުވާ ބަޖެޓަކީ ދިވެހި ޤައުމުގައި މިވާނުވާ އެއްވެސް ވަރަކަށް އެގިވަޑައިނުގަނެ، ނުވަަ އެގިވަޑައިގަންނަވަން ބޭނުންފުޅު ނުވެގެން ހުށަހަޅުއްވާފައި އޮތް ބަޖެޓެއް. އަޅުގަނޑުމެންގެ ޕާޓީ ހިމެނޭހެން މިއަދުން މިއަދަށް ބަޖެޓް އަނބުރާ ގެންދެވުމަށް އިއްޒަތްތެރި ވަޒީރަށް ދަންނަވަން.
– ޝިޔާމް ވިދާޅުވިއެވެ.
ބަޖެޓުގެ ބަހުސް މަރުހަލާގައި މެމްބަރުން ދެއްކެވި ވާހަކަތަކާއި ގުޅިގެން މިނިސްޓަރ އަމީރު ވިދާޅުވީ، އަންނަ އަހަރަށް 37 ބިލިޔަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައިވަނީ މިހާރު އޮތް އިޤްތިޞާދީ ހާލަތުން އަރައިގަނެ އިޤްތިޞާދު ކޮޅަށް ޖެހުމުގެ މަޤްސަދުގައި ކަމަށެވެ. ބަޖެޓުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާފައިވާނީ ވީހާވެސް އަވަހަކަށް މި އަޑި ގުދަންތަކުން އަރައިގެނެ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައި ރާއްޖޭގެ އިޤްތިޞާދު އޮތް ހާލަތަށް ދިއުންކަމުގައި މިނިސްޓަރ އަމީރު ވިދާޅުވިއެވެ.
އަންނަ އަހަރު ހިންގުމަށް ސަރުކާރުން ނިންމާފައިވާ މަޝްރޫޢުތަކަކީ އިޤްތިޞާދީ ޙާލަތުގައި ނުބައްދަލު ބޮޑެތި މަޝްރޫޢުތަކެއްކަމަށްވުމުން، ކޯވިޑް-19 ގެ ސަބަބުން އަންދާޒާކުރިވަރަށް ދައުލަތަށް އާމްދަނީ ނުލިބިއްޖެނަމަ ކޭޝްފްލޯ މެނޭޖްމަންޓް ދަތިވެ މަޝްރޫޢުތައް ނުހިންގުން އެކަށީގެންވާކަމަށް މަރުކަޒީ ބޭންކު އެމްއެމްއޭގެ ގަވަރުނަރު ޢަލީ ޙާޝިމް ވަނީ އިއްޔެ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ