ލަންކާގެ ދާޚިލީ މައްސަލަތުގެ މެދަށް ދިވެހި ދައުލަތުން ވަނުމަކީ ބަލައިގަނެވޭނެ ކަމެއްނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.
ލަންކާގެ މަސްރަހު ވަރަށް ބޮޑަށް ހޫނުގެ އެޤައުމުގެ ރައްޔިތުން ހައިހޫނުކަމުގައި ގިނަ ދުވަސްތަކެއް ހޭދަކަމުންދާ ދަނޑިވަޅެއްގައި ލަންކާގެ ރައީސަށް ރާއްޖެއިން ވަނީ ހިމާޔަތްދީފައެވެ. ރޭ ދަންވަރުގެ ވަގުތެއްގައި އަސްކަރީ ބޯޓެއްގައި ގޮޓާބަޔަ ރާއްޖެ ވަޑައިގަނެފައިވަނީ ރައީސް ނަޝީދުގެ ހުއްދައާއި އެކުކަމަށް ބައިނަލް އަގުވާމީ މީޑީއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.
މިކަމާއިމެދު ގިނަ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވީ ލަންކާއަކީ ގިނަ އަދަދަކަށް ދިވެހި އުޅޭ ޤައުމަކަށްވާއިރު، އެޤައުމުގައި ދިރިއުޅޭ ދިވެހި ރައްޔިތުންގެ ރައްކާތެރިކަމާއި ސަލާމާތަށް އެއްވެސް ވަރަކަށް ބެލުމެއްނެތި، މައްސަލައިގެ މެދަށް ދިވެހި ދައުލަތުން ވަނުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫންކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ.
ލަންކާގައި ތިބި އެތަކެއް ހާސް ދިވެހިރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަަމަށް އެއްވެސް ބެލުމެއްނެތި ލަންކާގެ ދާޚިލީ މައްސަލަތުގެ މެދަށް ދިވެހި ދައުލަތުން ވަނުމަކީ ބަލައިގަނެވޭނެ ކަމެއްނޫން.
– އަލީ ހުސެއިން ވިދާޅުވިއެވެ.
ގޮޓާބަޔަ ރާއްޖެ ވަޑައިގަތް މައްސަލައިގައި ދިވެހި ސަރުކާރު އަދި އޮތީ ހިމޭނުންނެވެ. އެކަމަކު ސީއެންއެން އިން ބުނާގޮތުން ގޮޓާބަޔަ ދަތުރުކުރެއްވި ލަންކާގެ އަސްކަރީ މަތިންދާބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަން ފުރަތަމަ ހުއްދަ ނުދިނަސް އެ ކަން އެހެން ގޮތަކަށް ބަދަލުވެ، ރާއްޖެ އިން ގޮޓާބަޔަ އަށް މަރުހަބާ ކިޔާފައި ވަނީ ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު އެ ކަމުގެ ތެރެއަށް ވަދެވަޑައިގަތުމުންނެވެ. ނަޝީދު އެ މައްސަލައިގައި އަދި ހުންނެވީ ހިމޭނުންނެވެ.
ސްރީލަންކާގެ ބޭރު ފައިސާގެ ރިޒާވް ހުސްވެ، އެ ޤައުމުގެ އިޤްތިޞާދު ފުން ވަޅުގަނޑަކަށް ވެއްޓިފައި މި ވަނީ ރާޖަޕަކްސަގެ ޢާއިލީ ވެރިކަމުގެ ނާގާބިލު ކަމުން ކަމުގައި ސްރީލަންކާގެ ގިނަ ރައްޔިތުން ދެކެއެވެ. އެ ޤައުމުން ތެލާއި ކާބޯތަކެތީގެ ބާވަތްތައް ހުސްވެ، އެ ތަކެތި ހޯދުމަށް އެ ޤައުމުގެ ރައްޔިތުން ދަނީ ބޮޑެތި ތަކުލީފުތަކެއް އުފުލަމުންނެވެ. މިކަމާ ގުޅިގެން ހުކުރު ދުވަހު ފެށި ސިލްސިލާ މުޒާހަރާތަކާ އެކު މުޒާހަރާގެ ބައިވެރިން ވަނީ ރިޔާސީ ގަނޑުވަރާއި ބޮޑުވަޒީރުގެ ގެކޮޅަށް ވެސް ވަދެ އެ ތަންތަން ހިސާރު ކޮށްފައެވެ.
ސްރީލަންކާގެ ހާލަތު ގޯސްވެ ކުރިމަތިވި ފާޑުކިޔުންތަކާއި މުޒާހަރާތަކާ ގުޅިގެން ރައީސް ގޮތަބަޔާ ރާޖަޕަކްސްގެ ބޭބޭފުޅު މަހިންދަ ރާޖަޕަކްސް ވަނީ މޭ މަހުގެ ތެރޭގައި ބޮޑުވަޒީރުގެ މަޤާމުން އިސްތިޢުފާ ދެއްވާފައެވެ. އޭނާ މި ވަގުތު ހުންނެވީ ކޮލަމްބޯގައެވެ. އަދި، ކުރީގެ މާލީ ވަޒީރު ކަމުގައިވާ ބަސިލް ރާޖަޕަކްސަ ފިއްލަވައިގެން ޤައުމު ދޫކޮށް ވަޑައިގަންނަވަން އުޅެނިކޮށް ވަނީ ހުއްޓުވާފައެވެ.