ނ. ހެނބަދުއިން ގެއްލިގެން ހޯދަމުންދާ އެރަށު ކުންނާރުގޭ އިބްރާހީމް ރަމީޒް ހޯދުމަށް ހިންގާ އޮޕަރޭޝަން އަދިވެސް ހުއްޓާނުލާ ކުރިއަށްގެންދާކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް)އިން ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފުން ވިދާޅުވީ، ރަމީޒް ހޯދުމުގެ މަސައްކަތް އަދިވެސް ހުއްޓާނުލާ ކުރަމުންގެންދާ ކަމަށެވެ. އަދި އޭނާ ހޯދުމަށް މިހާތަނަށް 7481.699 ސްކޮޔަރ މީޓަރުގެ ސަރަހައްދު ބަލާފައިވާކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ. މިމަހުގެ 6 ވަނަ ދުވަހު ގެއްލިގެން ހޯދަމުންދާ ރަމީޒު ނުފެނިގެން އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އެދުވަހުގެ ރޭ 7 ޖަހާކަށްހާއިރުއެވެ.
ރަމީޒް އެންމެ ފަހުން ފެނުނީ އެރަށުގެ ބަނދަރު ސަރަޙައްދުން، 6 ވަނަ ދުވަހުގެ ހެނދުނު 08:00 ހާއިރުއެވެ. ނަމަވެސް ރަށުގެ ފިހާރައަކުން އޭނާ އެދުވަހު އިރުއޮއްސުނު ވަގުތު ވިޔަފާރިކުރި ކަމަށް ބުނާ މަޢުލޫމާތެއްވެސް ލިބުނު ކަމަށް ރަށު ކައުންސިލްގެ ވަނީ ބުނެފައެވެ. އަދި އެންމެ ފަހުން ފެނުނުއިރު ރަމީޒް ލައިގެން ހުރީ އަޅިކުލައިގެ ޓީޝާޓަކާއި ނޫކުލައިގެ ސޯޓެކެވެ.
އެރަށުގެ ކައުންސިލުން މައުލޫމާތުދޭގޮތުގައި ރަމީޒް ފުރައިގެން ދިޔަ ކަމަށް ބުނާ ކެނޯ އެއަތޮޅު ކެނދިކުޅުދޫގެ ގޮނޑުދޮށުން ފެނިފައިވަނީ މިމަހުގެ 9 ވަނަ ދުވަހުއެވެ.
ރަމީޒް ވަޒީފާ އަދާކުރަމުން ދިޔައީ ދެކުނުގެ ރަށެއްގެ ފެނަކަ އޮފީހުގައި ކަމަށް މަޢުލޫމާތު ލިބެއެވެ. އޭނާ ރަށަށް އައިސްފައިވަނީ ވަޒީފާގައި މައްސަލައެއް ޖެހި، ވަޒީފާއިން ކެނޑިގެންކަމަށްވެސް މަޢުލޫމާތު ލިބެއެވެ. ރަމީޒް ރަށަށް އައިސްފައިވަނި މީގެ ތިން ހަތަރު ދުވަސް ކުރިންނެވެ.
ރަމީޒް ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރުމާއި ގުޅިގެން، އެމްއެންޑީއެފުން ދަނީ ކަނޑުމަގުން އަދި ވައިގެ މަގުންވެސް ރަމީޒް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. މި މީހާގެ އެއްވެސް މަޢުލޫމާތެއް އެނގޭ މީހެއްނަމަ، އެކަން ފުލުހަށް އެންގުމަށް ވަނީ އެދިފައެވެ.