ފާހިޝް އަމަލްތަކުގަ ތުހުމަތު ކުރެވޭ މީހުން މުޖުތަމަޢަށް ދޫވެފަ! ވަރިހަމަ ކޮށްލެވެން އޮތް ކަމެއްތަ؟

ފާހިޝް އަމަލްތަކުގަ ތުހުމަތު ކުރެވޭ މީހުން މުޖުތަމަޢަށް ދޫވެފަ! ވަރިހަމަ ކޮށްލެވެން އޮތް ކަމެއްތަ؟

Author
ހުސެއިން
12 ޖުލައި 2022 09:17
0

ފަހަކަށް އައިސް ދިވެހި އާންމު މުޖުތަމަށް އެންމެ ބޮޑު ހައިރާން ކަމެއް ގެނުވި އެއް ހާދިސާއަށް ވެގެން ދިޔައީ، ދިވެހިންގެ ގިނަ ބަޔަކާއެކު ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ މީހަކު އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯތަކެއް އާންމުވެ، އަދި މި ވީޑިއޯތައް ބޭނުން ކޮށްގެން ގިނަ ބަޔަކު ބްލެކް މެއިލް ކުރުމަށް ކުރެވިގެން ދިޔަ މަސައްކަތްތަކާއި އަދި އޭގެ ނަތީޖާއެއްގެ ގޮތުން ސިޔާސީ އިސް ބައެއް ފަރާތްތަކަށް އަމާޒުވެގެންދިޔަ ފާޑު ކިޔުންތަކެވެ.

މިގޮތުން އާންމުވެގެންދިޔަ ބައެއް ފޮޓޯތަކާއި ވީޑިއޯތަކުގެ ތެރޭގައި ދިވެހިން ދަންނަ ގިނަ މޫނުތަކެއް ހިމެނިގެން ދިޔައިރު، މީގެ ތެރެއިން ބައެއް ފަރާތްތަކަކީ، ސިޔާސީ އިސް ބޭފުޅުންގެ އާއިލީ ބޭފުޅުންނަށް ވުމުގެ އިތުރުން ސިޔާސީ ބައެއް ޕާޓީތަކުގައިވެސް އިސްކޮށް އުޅޭ ފަރާތްތަކަށް ވުމާއެކު، މިކަމަކީ އެއްވެސް ހައިސިއްޔަތަކުން އާންމު ރައްޔިތުން ބަލައިގަންނަ ކަމަކަށް ވެގެނެއް ނުދިޔައެވެ.

ހަމަ އެއާއެކު، ވީޑިއޯތަކާއި ފޮޓޯތަކުން ފެންނަ ފަރާތްތަކަށް އާންމު ރައްޔިތުންގެ ފާޑު ކިޔުމާއި ފުރައްސާރައާއި ކުރިމަތިލާން ޖެހިފައި ވާއިރު، ފޮޓޯތަކާއި ވީޑިއޯތަކުން އާންމުވި ބައެއް މަޝްހޫރު ފަރާތްތައް މިހާރުވަނީ އާންމު ސޯޝަލް މީޑިއާ ޕްލެޓްފޯމްތައްވެސް ދޫކޮށް، އާންމު ފޯރަމްތަކާ ދުރަށް ގޮސްފައިކަންވެސް މިފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ.

މީގެ އެއް ސަބަބަކަށް ވެގެން ދިޔައީ، އާންމުވެގެންދިޔަ ފޮޓޯތަކާއި ވީޑިއޯތަކުގައި ސިޔާސީ ގޮތުން އިސްކޮށް ހަރަކާތްތެރިވާ ބައެއް މޫނުތަކެއް ހިމެނިގެން ދިއުމާއި ގުޅިގެން އާންމު އުސޫލުން، މި ވީޑިއޯތަކާއި ފޮޓޯތައް ބަޔަކު މީހުން ސިޔާސީ ބޭނުމަށް ސޯޝަލް މީޑިއާގައި ފަތުރާ، ވީޑިއޯތަކާއި ފޮޓޯތަކުން ފެންނަކަމަށް ބުނާ މީހުންނަށް ފުރައްސާރަކޮށް ހަނގާ ކުރުންވެސް ހައްދުން ނެއްޓިގެން ދިއުމެވެ.

ބެލެވޭ ގޮތުގައި މިވީޑިއޯތަކާއި ފޮޓޯތައް އާންމު ކުރުމަށްފަހު އޭގެ ބޭނުން ކޮށްގެން ބަޔަކު މީހުން ބްލެކް މެއިލްކޮށް، ފައިސާގެ ބޮޑެތި އަދަދުތައްވެސް ވަނީ ނަގާފައެވެ. އަދި ބަދުއަޚްލާގީ އަމަލް ހިންގާތަން ރެކޯޑުކޮށް މި ވީޑިއޯތަކުގެ ބޭނުންކޮށްގެން މީހުން ބްލެކްމެއިލް ކުރުމަށް ބަޔަކު މީހުން ރާވައިގެން މިކަން ކުރާކަމަށާއި މިކަމުގައި ހަރަކާތްތެރި ވާ މީހުންގެ މައުލޫމާތު ދެނެގަނެވިފައިވާ ކަމަށްވެސް ފުލުހުންވަނީ ވިދާޅުވެފައެވެ.

އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސްމުހައްމަދު ރިޔާޒު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ

 

ތަހުގީގަށް ޕާސްޕޯޓު ހިފަހައްޓާފަ، އެއްވެސް މީހަކު ހައްޔަރެއް ނުކުރޭ!

ބަންގަލަދޭޝް މީހަކާއެކު ދިވެހި ބައެއް މީހުން އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު އާންމުވެގެން ދިއުމާއެކު، ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސިސްޓަން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރިޔާޒް ވިދާޅުވެފައިވަނީ، ފުޅާދާއިރާގައި މީހުން ބްލެކްމެއިލްކުރުމާއި އެއްޖިންސުން ގުޅުންހިންގުމާއި ގުޅުންހުރި މައްސަލަތައް މާޗްމަހުން ފެށިގެން ފުލުހުންގެ ސަމާލުކަމަށް އައިސްގެން ތަހުގީގުކުރަމުން އަންނަކަމަށެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ރިޔާޒް ވިދާޅުވެފައިވަނީ، ފުޅާދާއިރާއެއްގައި ބްލެމެއިލް ކުރުމާއި، އެއް ޖިންސުން ގުޅުން ހިންގުމާއި ގުޅުންހުރި މައްސަލަތަކަކަކީ ޤާނޫނުން ބޮޑު އަދަބުތަކެއް ކަނޑައެޅިފައިވާ ކުށްތަކެއް ކަމަށާއި، އަދި ފުލުހުންގެ އިދާރާއަށް ހުށައެޅޭ މައްސަލަތައް އިޖްރާއަތާއި އެއްގޮތަށް ކުރިޔަށް ދާކަމަށެވެ.

މިގޮތުން، އެންމެ ފަހުން އާންމުވެގެންދިޔަ، ފާހިޝް އަމަލުތައް ހިންގާ ވޯޑިއޯތައް އާންމު ވެގެން ދިއުމާއެކު، މި ވީޑިއޯތަކުން ފެންނަ ފަރާތްތަކާ ގުޅޭ ތަހުގީގު ކުރިޔަށް ގެންދަވާކަމަށް ފުލުހުން ވިދާޅުވެފައި ވާއިރު، މީގެ ތެރޭގައި ހިމެނޭ ބައެއް ފަރާތްތައް ފުލުހުންގެ މުވައްސަސާއަށް ހާޒިރުކުރިތަން، ސޯޝަލް މީޑިއާގައި އާންމު ވެފައިވާ ބައެއް ވީޑިއޯތަކުންވެސް ވަނީ ފެނިފައެވެ.

އެހެންނަނަމަވެސް، މިހާދިސާތައް ހިގައިގެން ދިޔަތާ މިހާރު މަހަކަށްވުރެ ގިނަ ދުވަސް ފާއިތުވެ، ވީޑިއޯތަކުން ފެންނަ ފަރާތްތަކާއި އަދި ފޮޓޯތަކުން ފެންނަ ގިނަ ފަރާތްތަކަކީ އާންމުން ދަންނަ މޫނުތަކަށް ވާއިރު، މިއަދާ ހަމައަށް މިއިން އެއްވެސް ފަރާތްތެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައެއް ނުވެއެވެ.

އަދި ވަކީން ޚާއްސަކޮށް، ތުހުމަތު ކުރެވޭ ފަރާތްތައް ހިންގާފައިވަނީ އިސްލާމްދީނުގައި ހަރާމް ކުރައްވާފައިވާ ލިވާތުގެ ނުބަައި އަމަލް ކަމަށްވުމާއެކު، އަމަލްތައް ހިންގި ކަމަށް ބުނާ މީހުން ހިފާ ހައްޔަރު ކުރުމަށްވެސް ފާއިތުވެދިޔަ ތަނުގައި އެތައްބަޔަކު ވަނީ އަޑު އުފުލާފައެވެ.

އެހެންނަމަވެސް، މިހާރު އާންމު ވެފައިވާ ވީޑިއޯތަކުގެ ތެރެއިން އެންމެ ފުރަތަމަ ލީކްވި ވީޑިއޯއިން ފެންނަ ކަމަށްބުނާ، މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު އެއް ޖިންސުން ގުޅުން ހިގާކަމަށް ބުނާ ވީޑިއޯގެ މައްސަލާގައި އޭނާ ފުލުސް އޮފީހަށް ހާޒިރު ކުރި ނަމަވެސް، ފުލުހުން އޭނާ ހައްޔަރު ކޮށްފައި ނުވާތީ ފުލުހުންނަށް ވަނީ ގިނަ ބައެއްގެ ފާޑު ކިއުން އަމާޒު ވެފައެވެ.

އެއްޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުގައި ނަޝީދުގެ ކޮއްކޮ ނާޒިމްގެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން

އޭގެ އެއް ސަބަބަކަށް ވެގެން ދިޔައީ، ނާޒިމް ސައްތާރަކީ، ސިޔާސީ ގޮތުން ނުފޫޒުގަދަ މަގާމެއްގައި ހުންނެވި، މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ އެއްބަޑު އެއްބަފާ ކޮއްކޮ ކަމުގައި ވެފައި، އޭނާ ހައްޔަރު ކުރުމަށް އެތައް އަޑު އުފުލަމުން ދަނިކޮށް، ލީކުވެފައިވާ އޯޑިއޯތަކާއި ގުޅޭގޮތުން ޝައްކު އުފައްދަވާ ނަޝީދު މިމައްސަލާގައި ވާހަކަ ދެއްކެވުމެވެ. މިމައްސަލައާއި ގުޅޭގޮތުން ކުޑަމިނުން މަޖިލިސް ފްލޯގައި ބަހުސް ކުރުމަށްވެސް ނަޝީދު ޖާގަ ދެއްވާފައެއް ނުވެއެވެ.

އޭގެ އިތުރުންވެސް، ލީކުވެފައިވާ ފޮޓޯތަކުން ފެންނަ ކަމަށްބުނާ ބައެއް މަޖިލިސް މެމްބަރުންގެ ހިމާޔަތުގައި މަޖިލިސް ފްލޯގައި ނަޝީދު ވާހަކަ ދައްކަވާ، މިއީ މީހުން ބްލެކްމެއިލް ކުރުމަށް ފުލުހުން ހިންގާ ޖަރީމާއެއްގެ ގޮތަށް މިކަން ސިފަކުރުމަށް ނަޝީދު މަސައްކަތް ކުރައްވާ، އެމޭރުމުން ވާހަކަ ދައްކަވާފައި ވުމާއިއެކު، އެއްޖިންސުން ގުޅުން ހިންގާފައިވާކަމަށް ބުނާ މައްސަލާގައި ފުރިހަމަ ތަހުގީގެއް ކުރެވި، މިއީ ހަގީގަތުގައިވެސް ހިންގާފައިވާ ޖަރީމާއެއްގެ ގޮތުގައި ސާބިތު ކުރެވިދާނެކަމާ މެދު މިހާރު ގިނަ ބައެއްގެ ހިތްތަކުގައި ވަނީ ޝައްކު އުފެދިފައެވެ.

 

ފާއިތިވެދިޔަ ތަނުގައިވެސް ހިނގި މިފަދަ ބައެއް މައްސަލަތައް ވާނުވާގައި!

މީގެ ދެ އަހަރެއްހާ ދުވަސް ކުރިން، ސަފާރީއެއްގައި ކެންޔާ އަންހެނަކު ރޭޕްކުރަން އުޅުނުކަމުގެ ތުހުމަތުމަތުކުރެވޭ ދިވެހި ދެ ފިރިހެނަކު ދޫކޮށްލިކަމަށް ތުހުމަތުކުރާ މައްސަލައެއްގައި، އޭރު ފުލުހުންނަށް ވަރަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެގެން ދިޔައެވެ.

ރޯޔަލް ރޭޕްކޭސްގެ ގޮތުގައި މަޝްހޫރުވެގެންދިޔަ މިމައްސާލަގައި އޭރު ޝާމިލްވި ދިވެހި ފިރިހެން މީހާއަކީ، މިހާރުގެ މަޖިލިސް މެމްބަރެއްގެ ފިރިމީހާކަމަށް ވެފައި، އެ މަޖިލިސް މެމްބަރަކީ ނުފޫޒު ގަދަކަމަށް ބެލެވޭ މަޖިލިސް މެމްބަރަކަށް ވުމުގެ ނަތީޖާއެއްގެ ގޮތުން، އެމައްސަލާއިގެ ތަހުގީގު ފުލުހުން އޭރު ފެއްޓެވިނަމަވެސް، އެ ތަހުގީގު ކޮޅެއްގައި ނުޖެހޭނެ ކަމުގައި އޭރުވެސް ގިނަ ބަޔަކު ގަބޫލުކުރިއެވެ.

އޭގެ ދެއަހަރުފަހުން ނަތިޖާއަކީ، އޭރުވެސް ގިނަބަޔަކު ދުށް ގޮތާއި ދާދި އެއްގޮތް ނަތީޖާއެވެ. "ރޯޔަލް ރޭޕް ކޭސް"ގެ ތަހުގީގު އަދިވެސް ވަނީ ވާނުވާއެއްގައެވެ. ކުރިޔަށް ދާކަމެއްވެސް ނުދާކަމެއްވެސް އެގޭކަށް ނެތެވެ.

އެއްޖިންސުން ގުޅުން ހިންގުމަށް ބޭނުން ކޮށްފައިވާ ކޮޓަރި

އެެހެންކަމުން ދާދިފަހުން އާންމުވެގެން ދިޔަ ފާހިޝްއަމަލުތަކުގެ ވީޑިއޯތަކާއި ގުޅޭ ތަހުގީގުތައްވެސް ހަމަ މިބީދައިން ދާނެކަމުގައި ގިނަ ބަޔަކު މިއަދުވެސް ދެކެމުން ދަނީ ސަބަބުތަކެއް ނެތި ކަމުގައި ދެންނެވޭކަށް ނެތެވެ.

އެހެންނަމަވެސް، މިފަދަ ތަހުގީގަކަށް ގިނަ ދުވަސްވެ، މީ ހާދިސާތަކުގެ މަތީން މީހުން ހަނދާންނެތި، ފުލުހުންނަށް އޮތް ޕްރެޝަރ ހަމަޔަކަށް އެޅި، މި ތަހުގީގުތައް ކޮޅެއްގައި ނުޖެހި ދިއުމަކީ އާންމު އުސޫލު ކަމުގައި ވެއްޖެނަމަ، ދެން ދައްކަން އޮތީ ކޮން އިންސާފެއްގެ ވާހަކަ ބާވައެވެ. އަދި މިފަދަ މައްސަލަތަކުގެ ތަހުގީގުތަކަކީ ބަރަވެލި ސްޕީޑުގައި ކުރިޔަށް ތަހުގީގިތަކަކަށްވެ، ދައުލަތުގެ މުވައްސަސާތަކުން މިކަންކަމުގެ މައްޗަށް މިބީދައިން އިހުމާލު ވެއްޖެނަމަ، މިކަންކަމުގެ ނަތީޖާއަކަށް ވެގެން ދާނީ، މުޖުމަތަމަޢުގައި އާންމުވަމުންދާ ފާޙިޝް އަމަލްތަކާއެކު މުޅި މުޖުތަމަޢު ފަސާދަވެގެން ދިއުންކަމީ ކަށަވަރުވެ ޔަގީންވާން އޮތް ކަމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.