ނ. ހެނބަދޫއިން ގެއްލިގެން ހޯދާ މީހާ އަދިވެސް ނުފެންނަ ކަމަށާއި، އޭނާ ހޯދުމުގެ މަސައްކަތް އިތުރަށް ފުޅާ ކޮށްފައި ވާކަމަށް އެމްއެންޑިއެފްއިން ރޭ ބުނެފިއެވެ.
އެމްއެންޑީއެފްއިން ރޭ ކުރި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ނ.ހެނބަދޫން ރޭ މީހަކު ގެއްލިގެން އުޅޭކަމުގެ މަޢުލޫމާތު ލިބިގެން އެ މީހާ ހޯދުމުގައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން ފުލުހުންނާ ގުޅިގެން އަދިވެސް މަސައްކަތް ކުރަމުން ދާ ކަމުގައެވެ.
މިގޮތުން، ގެއްލުނު މީހާ ހޯދުމަށް ނ.ހެނބަދޫއާއި ކެނދިކުޅުދޫ، އަދި ކައިރީގައިވާ ރަށްތަކުގެ ގޮނޑުދޮށްތަކާއި ކަނޑުގެ ސަރަހައްދު އިއްޔެގެ ހެނދުނު ކޯސްޓްގާޑުގެ ސިފައިން ބަލާފައިވާއިރު، އެމްއެންޑީއެފް ޑޯނިއަރ މަތިންދާބޯޓުގައި ވައިގެމަގުން އެ ހިސާބުގެ ކަނޑުގެ ސަރަހައްދު ވެސް ބަލާފައި ވާކަމަށް ވެސް އެމްއެމްޑީއެފްއިން ރޭ ވިދާޅުވެފައި ވެއެވެ.
ފުލުހުން މީގެ ކުރިން ބުނެފައި ވާގޮތުގައި، އުމުރުން 28 އަހަރުގެ އިބްރާހީމް ރާމިޒް އެންމެ ފަހުން ފެނިފައިވަނީ މިމަހުގެ 7 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަމުގައެވެ. ފެނުނުއިރު ލައިގެންހުރީ އަޅިކުލައިގެ ޓީޝާޓަކާއި ނޫކުލައިގެ ސޯޓެކެވެ. އަދި އެދުވަހު ވަގުތެއްގައި އޭނާ ކެނޯ އެއްގައި އެކަނި ކަނޑުމައްޗަށް ނުކުތީކަމަށް ބެލެވޭކަމަށް އޭނާގެ އާއިލާއިން ފުލުހުންނަ މައުލޫމާތު ދީފައި ވެއެވެ.
އިބްރާހީމް ރާމިޒް ފެނިއްޖެނަމަ ނުވަތަ އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ކެނދިކުޅުދޫ ޕޮލިސް ސްޓޭޝަންގެ 9311499 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކޮށްދެއްވުމަށްވެސް ފުލުހުން އެދިފައި ވެއެވެ.
ކޮމެންޓު ފޮނުވާ