ރައީސް ތަޢުޒިޔާ އަބޭގެ ޢާއިލާއަށް

ރައީސް ތަޢުޒިޔާ އަބޭގެ ޢާއިލާއަށް

Author
މުޙައްމަދު ޝަޒައިމް
08 ޖުލައި 2022 04:16
0

ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޖަޕާނުގެ ބޮޑުވަޒީރު ކިޝީޑާ ފުމިއޯއަށް ތަޢުޒިޔާ ގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަޢުޒިޔާގެ މެސެޖުގައި، މިއަދު ހެނދުނު ހިނގި ހާދިސާގައި ލިބިވަޑައިގެންނެވި ޒަޚަމްތަކަށް ފަރުވާދެމުން ގެންދަނިކޮށް ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އަވަހާރަވެއްޖެކަމުގެ ޚަބަރު އަޑުއެއްސެވީ ފުން ހިތާމަޔާއި އެކުގައި ކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭއަކީ ޖަޕާނަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި ވަރުގަދަ ސިޔާސީ ޝަޚުސިއްޔަތެއްކަން ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން އެމަނިކުފާނުގެ ބޮޑުވަޒީރުކަމުގައި ދިވެހިރާއްޖެ އާއިއެކު އޭގެ ކުރިން ދުވަހަކުވެސް ގުޅުން ބަދަހިވެފައި ނުވާ މިންވަރަށް އިޤުތިޞާދީ އަދި ސިޔާސީ ގުޅުންތައް ބަދަހިވެގެން ދިޔަކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވިއެވެ.

މި މެސެޖުގައި ، ހިތާމައިގެ މިދަނޑިވަޅުގައި ޝިންޒޯ އަބޭގެ ޢާއިލާއަށާއި، ޖަޕާނުގެ ސަރުކާރަށާއި، އެކުވެރި ރައްޔިތުންނަށް، ދިވެހި އެންމެހައި ރައްޔިތުންގެ ނަމުގައި ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ފޮނުއްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

އުމުރުފުޅުން 67 އަހަރުގެ އަބޭގެ ހަށިގަނޑަށް ދެ ވަޒަން އަރާފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ. އަދި، ވަގުތުން ހެލިކޮޕްޓަރުގައި ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފެށިއެވެ. ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފެށި އިރު އަބޭ އޮންނެވީ ކޯމާއެއްގައި ކަމަށް އޮފިޝަލުން ބުނެއެވެ.

އަބޭއަށް ހަމަލާ ދީފައި ވަނީ އަބޭގެ ފުރަގަހުގައި ހުރި މީހެކެވެ. ޓުޓްސޫޔާ ޔަމަގާމީ ކިޔާ މި މީހާ އަބޭއަށް ހަމަލާ ދިނުމަށް ބޭނުންކޮށްފައި ވަނީ އަމިއްލަ ތައްޔާރުކޮށްފައިވާ ބަޑިއެއް ކަމަށް ޖަޕާނުގެ ފުލުހުން ބުނެއެވެ. 41 އަހަރުގެ ޔަމަގާމީވަނީ ވަގުތުން ހައްޔަރު ކޮށްފައި ކަމަށް ވެސް ފުލުހުން ބުނެއެވެ.

ޝިންޒޯ އަބޭއަކީ، ޖަޕާނު ސަރުކާރަށް އެންމެ ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޮޑުވަޒީރެވެ. އެގޮތުން ދެ ފަހަރެއްގެ މަތިން 11 އަހަރު ވަންދެން، ޖަޕާނުގެ ބޮޑުވަޒީރުކަން ޝިންޒޯ އަބޭވަނީ ކުރައްވާފައެވެ. މަޤާމުން އިސްތިއުފާ ދެއްވީ 2020ވަނަ އަހަރުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.