ކޯވިޑްގެ ބަލިމަޑުކަމަށްފަހު، ހައްޖުގެ އަޅުކަމުގައި މިލިޔަނެއްހާ މުސްލިމުން، އުފާވެރި ދުވަހެއް!

ކޯވިޑްގެ ބަލިމަޑުކަމަށްފަހު، ހައްޖުގެ އަޅުކަމުގައި މިލިޔަނެއްހާ މުސްލިމުން، އުފާވެރި ދުވަހެއް!

Author
މުޙައްމަދު ޝަޒައިމް
08 ޖުލައި 2022 10:53
0

ކޯވިޑް ބަލިމަޑުކަން ކުރިމަަތިވި ފަހުން މިހާތަނަށް ބާއްވާ އެންމެ ބޮޑު ހައްޖުގެ އަޅުކަން ސައުދީ އަރަބިއްޔާގައި ވަނީ ފަށައިފައެވެ. މި އަހަރު އެއް މިލިއަން މީހުން ހައްޖުގެ އަޅުކަމުގައި ބައިވެރިވެއެވެ.

ޙައްޖު ދުވަހަކީ ޙައްޖު މަހުގެ 9ވަނަ ދުވަހެވެ. ޙައްޖުގެ އަޅުކަމަކީ އިސްލާމްދީނުގެ 5ވަނަ ރުކުނެވެ. ހައްޖަކީ ކުޅަދާނަވެގެންވާ ކޮންމެ މުސްލިމަކު އުމުރުން އެއް ފަހަރު އަދާކުރުން ވާޖިބު އަޅުކަމެކެވެ.

މިއީ އިސްލާމީ އުއްމަތް އެއް ބިމަކަށް ޖަމާވެ އަޅުކަމުގައި ހޭދަކުރާ އެންމެ ބޮޑު ޖަމާޢަތެވެ. އެތައް މިލިއަން މުސްލިމުން އަރާފާތު ބިމަށް ޖަމާވެ، ދުޢާކުރުމާއި ތަކުބީރުކުރުމާއި އަޅުކަމުގައި ހޭދަކުރާ އެންމެ މާތް ދުވަހެވެ. މުސްލިމް އުއްމަތައް އަންނަ އެންމެ މާތް ދުވަހެވެ. އެއީ ދަރުމަޔާއި ސަވާބުން ފުރިގެންވާ ދުވަހެވެ. އަރަފާތު ދުވަހު ރޯދަ ހިފާ މީހާގެ ރޯދަ، ފާއިތުވި އަހަރާއި އަންނަން އޮތް އަހަރުގެ ކައްފާރާއެއްގެ ގޮތުގައި ވެއެވެ.

ކޯވިޑް ބަލިމަޑުކަމުގެ ކުރިން 2019 ވަނަ އަހަރު 2.5 މިލިއަން މީހުން އެ އަޅުކަމަށް ސައުދީ އަރަބިއްޔާއަށް ޖަމާވިއެވެ. މި އަހަަރު ހައްޖުގެ އަޅުކަން އަދާކުރުމުގެ ހުއްދަ ދިނީ ޝަަރުތުތަކަކަށް ބެލުމަށް ފަހު އެވެ. އެގޮތުން އުމުރުން 65 އަހަރު ފުރިފައި ނުވުމާއި، ކޯވިޑާ ދެކޮޅަށް ވެކްސިން ފުރިހަމަކޮށްފައި ވުމާއި، ސައުދީ އަރަބިއްޔާއަށް އެތެރެވުމުގެ 72 ގަޑިއިރު ކުރިން ހެދި ކޮވިޑް ޓެސްޓެއްގެ ނެގެޓިވް ނަތީޖާ ހުށަހަޅަން ޖެހެއެވެ.

އެތައް މިލިއަން ބަޔަކު ހުއްދައަށް އެދި ހުށަހެޅި އިރު، އެއް މިލިއަން މީހުން ހޮވާފައި ވަނީ އޮންލައިންކޮށް ބޭއްވި ގުރު ނެގުމަކުންނެވެ.

އަރަފާތު ދުވަސް ހަނދާންކޮށްދެނީ މާތް ރަސޫލާގެ ޙައްޖަތުލް ވަދާޢުއެވެ. ޚުތްބަތުލް ވަދާއުގައި، މުސްލިމް ޢުއްމަތަށް އެތައް ނަސޭހަތެއް ދޫކުރެއްވިއެވެ. ކީރިތި ޤުރުޢާނުގެ އަލް މާއިދާ ސޫރަތުގެ 3ވަނަ އާޔަތްވެސް ބާވައިލެއްވުނީ މާތްވެގެންދާ ޙައްޖު ދުވަހު، އެ މާތް ބިމުގައެވެ. މި އާޔަތުގެ މާނައިގައިވެއެވެ.

މިއަދު ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށްޓަކައި ތިޔަބައިމީހުންގެ ދީން ފުރިހަމަ ކޮށްދެއްވައި ތިމަރަސްކަލާނގެ ނިޢުމަތް ފުރިހަމަކޮށްދެއްވައިފީމެވެ. އިސްލާމް ދީނަކީ ތިޔަބައިމީހުން ދިރިއުޅުމަށް ތިމަންރަސްކަލާނގެ ރުއްސަވާ ދީންކަމުގައި ލައްވައިފީމެވެ.

ކޯވިޑްގެ ޙާލަތާއި ގުޅިގެން ޙައްޖުގެ އަޅުކަމަށް ދެވޭ މީހުންގެ އަދަދު ސަޢުދީ ސަރުކާރުން ވަރަށް ބޮޑަށް މަދުކޮށްފައި އޮތުމަަށްފަހު، މި އަހަރު އަނެއްކާވެސް މި ފުރުޞަތު ހުޅުވާލިއެވެ. އެގޮތުން ޙައްޖުގެ އަޅުކަމަށް އެތައް މިލިއަން މުސްލިމުންނެއްވަނީ އަރަފާތު ބިމަށް ޖަމާވެފައެވެ. ޙައްޖުގެ އަޅުކަމުގައި މިއަހަރު 453 ދިވެހިން ބައިވެރިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.