އިންޑިއާގެ ވެރިކަންކުރާ، ހިންދޫންގެ ހައްދު ފަހަނައަޅާފައިވާ ބީޖޭޕީއަށް ނިސްބަތްވާ ހަމައެކަނި މަޖިލިސް މެމްބަރު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
އޭނާ މަގާމުން މިއަދު އިސްތިއުފާ ދެއްވުމާއެކު، މިހާރު ބީޖޭޕީގައި، އިންޑިއާގެ މައިނޯރިޓީ މުސްލިމް އާބާދީ ތަމްސީލުކުރާނެ މަޖިލިސް މެމްބަރަކު ނުހުންނާނެއެވެ. އިންޑިއާގެ ގާނޫނުހަދާ މަޖިލިހުގައި ބީޖޭޕީގެ 395 މެމްބަރުން ތިބެއެވެ.
ބީޖޭޕީގެ ސަރުކާރުގެ މިނިސްޓަރ އޮފް މައިނޯރިޓީ އެފެއާރޒް މުޚުތާރު އައްބާސް ނަޤުވީ އަންގާރަދުވަހު މަގާމުން އިސްތިއުފާ ދެއްވާފައިވަނީ، އޭނާގެ ދައުރުގެ މުއްދަތު ހަމަވުމުގެ އެއް ދުވަސް ކުރިންނެވެ.
އިންޑިއާގެ ގާނޫނު ހަދާ މަޖިލިހުގައި ތިއްބަވަނީ 800 ވަރަކަށް މެމްބަރުންނެވެ.
"ރަޖްޔާ ސަބާ (ގާނޫނުހަދާ މަޖިލުހުގެ މަތިގޭ)ގައި އަހަރެން ކުރަންހުރި މަސައްކަތް ވަނީ ނިމިފައި، އެހެންނަމަވެސް އަހަރެން ކުރަމުން އަންނަ ސިޔާސީ އަދި އިޖުތިމާޢީ މަސައްކަތް ނިމުމަކަށް ނާންނާނެ،" އިންޑިއާގެ ލޯކަލް ނޫހެއް ކަމުގައިވާ އެންޑީޓީވީގައި ވާހަކަ ދައްކަވަމުން ބުރާސްފަތު ދުވަހު ނަޤުވީ ވިދާޅުވެފައި ވެއެވެ. އެހެންނަމަވެސް، އިންތިޚާބުގައި އަލުން ވާދަ ނުކުރައްވާ ސަބަބެއް އޭނާ ހާމަ ކުރައްވާފައެއް ނުވެއެވެ.
ނަޤުވީ މެމްބަރުކަމުން އިސްތިއުފާ ދެއްވާފައިވަނީ، އިންޑިއާގައި މުސްލިމުންނާއި ހިންދޫންނާ ދެމެދު ހަމަނުޖެހުން ހިގާ ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެއްގައެވެ.
އިންޑިއާގެ ބީޖޭޕީގެ ކުރީގެ އިސް ތަރުޖަމާ ނުޕުރު ޝަރުމާ ރަސޫލާއަށް ފުރައްސާރަ ކުރުމާއި ގުޅިގެން އިންޑިއާއަށް މުސްލިމް ގައުމުތަކުގެ ފާޑުކިއުން އަމާޒުވެފައި ވާއިރު، ފާއިތުވެދިޔަ ހަފްތާތަކުގައި ވަނީ އިންޑިއާގައިވަނީ ބޮޑެތި ހަމަނުޖެހުންތައް ހިގާފައެވެ. ނުޕުރު ޝަރުމާ ރަސޫލާއަށް ފުރައްސާރަ ކުރުމާއި ގުޅިގެން އުފެދިފައިވާ ހަމަނުޖެހުންތައް އިތުރަށް ގޯސްވެގެން ގޮސްފައިވަނީ، ފާއިތުވެދިޔަ ހަފްތާގައި، މުސްލިމުންގެ ދެމީހަކުވެގެން، ހިންދޫންގެ ފަހާ މީހަކު މަރާލުމާއި ގުޅިގެންނެވެ.
އިންޑިއާގެ 1.3 ބިލިއަން މީހުންގެ ބޮޑު އާބާދީގެ %80 އަކީ ހިންދޫންނެވެ. މުސްލިމުން ނިސްބަތަކީ އެންމެ %14 އެވެ. އިންޑިއާގައި 200 މިލިއަން މުސްލިމުން ދިރިއުޅެމުންދާއިރި، އެގައުމަކީ އިންޑޮނޭޝިއާ އަދި ޕާކިސްތާން ފިޔަވާ ދުނިޔޭގައި 3 ވަނައަށް އެންމެ ބޮޑު މުސްލިމް އާބާދީއެއް އޮތް އޮތް ގައުމެވެ.