މިދިޔަ މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން ހައްޔަރުކުރި ދީނީ އިލްމުވެރިޔާ ޝައިހް ފަޒްލޫން މުހައްމަދުގެ ބަންދުގެ މުއްދަތު ތިން ވަނަ ފަހަރަށް އިތުރު ކޮށްފިއެވެ.
ޝައިހް ފަޒްލޫން ހައްޔަރު ކުރީ މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ފުރަތަމަ ބަންދު ކުރީ ހަތް ދުވަހުގެ މުއްދަތަށެވެ. އޭގެ ފަހުން އިތުރު ފަސް ދުވަހުގެ ބަންދެއް ދިނެވެ.
އެ މުއްދަތު މިއަދު ހަމަވާތީ ބަންދު އިތުރު ކުރަން ކޯޓަށް ހާޒިރު ކުރުމުން އިތުރު 16 ދުވަހު ފުލުހުންގެ ބަންދުގައި ބެހެއްޓުމުގެ އަމުރު ކްރިމިނަލް ކޯޓުން ވަނީ ދީފައެވެ. ބަންދު މަޖިލީހުގައި ފުލުހުން މިއަދުވެސް އެދުނީ ޝަރީއަތް ނިމެންދެން ޝެއިހް ފަޒްލޫން ބަންދު ކުރުމުގެ އަމުރަކަށެވެ.
ފަޒްލޫންގެ ބަންދުގެ މުއްދަތު ހަމަވުމުން، މިދިޔަ މަހުގެ 30 ވަނަ ދުވަހު ކޯޓަށް ހާޒިރު ކުރުމުން ކްރިމިނަލް ކޯޓުން ވަނީ، އިތުރު ހަތް ދުވަހަށް އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފައެވެ.
ޔޯގާ ޑޭ އާއި ގުޅިގެން ހިނގި ހަމަނުޖެހުން ތަކާއި ގުޅިގެން ފުލުހުން 21 މީހަކު ހައްޔަރު ކޮށްފައި ވާއިރު، އޭގެ ތެރެއިން ބައެއް މީހުން މިހާރު ވަނީ ދޫކޮށްލާފަ އެވެ. ހައްޔަރު ކުރި ބައެއް މީހުން ބަންދުގައި ދެ މަސް ދުވަހު ބެހެއްޓުމަށްވެސް ކޯޓުން ވަނީ އަމުރު ކޮށްފައެވެ.
ކޮމެންޓު ފޮނުވާ