އެއާޕޯޓްގެ ކާގޯ ޑިޕާޓްމަންޓްގެ މުވައްޒަފުންތަކެއް މަސައްކަތުގައި - ފޮޓޯ: ވީއައިއޭ

ކޯވިޑް-19: ވެލާނާ އެއަރޕޯޓުން ބޮޑު ކްލަސްޓާއެއް، ކޮންޓެކްޓް ޓްރޭސިން ކުރިއަށް

ކޯވިޑް-19: ވެލާނާ އެއަރޕޯޓުން ބޮޑު ކްލަސްޓާއެއް، ކޮންޓެކްޓް ޓްރޭސިން ކުރިއަށް

މިމަހުގެ 5 ވަނަދުވަހުން ފެށިގެން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ކާގޯ ޑިޕާޓްމަންޓްގެ 22 މީހަކުގައި ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވާކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާޠިމަތު ނަޒްލާ ރަފީޤު ވިދާޅުވެއްޖެއެވެ.

ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ ވީއައިއޭ ކާގޯ ޑިޕާޓްމަންޓުން އެންމެ ފުރަތަމަ މީހަކު ޕޮޒިޓިވްވީ މިމަހުގެ ފަސްވަނަ ދުވަހު ކަމަށެވެ. އޭގެ ފަހުން 12 ވަނަ ދުވަހު 5 މީހަކު، 13 ވަނަ ދުވަހު 6 މީހަކު، 14 ވަނަ ދުވަހު 7 މީހަކު އަދި 15 ވަނަ ދުވަހު 3 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

ޑރ.ނަޒްލާ ވިދާޅުވީ އެއަރޕޯޓުގެ ކާގޯ ޑިޕާޓްމަންޓުގެ ކްލަސްޓަރ އަކީ ބޮޑު ކްލަސްޓާއެއް ކަމަށް ބަލައި ކޮންޓެކްޓް ޓްރޭސިންގ ފަށާފައި ވާކަމަށާއި، މިހާތަނަށް 27 މީހަކު ކަރަންޓީނު ކޮށްފައިވާ ކަމަށެވެ. އަދި މިއަދު އެއަރޕޯޓުން 136 މީހެއްގެ ސާމްޕަލް ނަގާފައި ވާކަމަށް ނަޒްލާ ވިދާޅުވިއެވެ.

މީގެ ކުރިންވެސް އެއަރޕޯޓުން ވަނީ، އެތަނުގެ އައު ޓާމިނަލްގެ މަސައްކަތްކުރާ ކުންފުންޏެއްގެ 52 މުވައްޒަފުން ކޯވިޑަށް ޕޮޒިޓިވް ވެފައެވެ.

ރާއްޖެއިން ކޮވިޑް-19 ފެނުނުތާ ހަތް މަހަށްވުރެ ގިނަދުވަސް ވެފައި ވާއިރު، ރާއްޖެއިން މިހާތަނަށް 12،204 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *