ބޯހިޔާވެހިކަމަށް ހައްލު ހޯދައިދިނުމުގެ ގޮތުން މާލެ ސަރަހައްދުން ހިލޭ ގޯތި ދޫކުރުމަކީ އެންމެ ރަނގަޅު އަދި އެންމެ އިންސާފުވެރިކަމާއެކު ކުރެވިދާނޭކަމެއް ކަމުގަައި ނުފެންނަ ކަމަށް ވިދާޅުވެ އެކަން ބައްލަވައިދިނުމަށް ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މިދިޔަ ހަފްތާގައި ސަރުކާރުން ވަނީ ހުޅުމާލެއިން 1000 ގޯއްޗާއި ގުޅިފަޅުން ދޫކުރާ 2000 ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައެވެ. އެކަމާ ގުޅިގެން ސިރާޖު މަޖިލީހަށް ފޮނުވި ސިޓީއެއްގައި ބުނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ ފްލެޓުތަކުގެ ތެރެއިން "އެޗް8″ ކެޓަގަރީގައި ހިމެނޭ މާލޭ ރަށްވެހިންނާއި "އެޗް9″ ކެޓަގަރީގައި ހިމެނޭ މާލޭ ދަފްތަރުގައި ޖެހިފައިވާ ފަރާތްތަކަށް އެ ފްލެޓުތައް ދީފައި ވަނީ ފައިސާ ދައްކާ ގޮތަށް ކަމަށެވެ.
މި ފަހުން މާލެ މީހުންނަށް ހާއްސަކޮށް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން 60 ބިމެއް ވިއްކަން ހުޅުވާލި އިރު އަކަފޫޓެއް ހުރީ 7000ރ. އިން މަތީގައި ކަމަށާއި ނަމަވެސް އެ ގޯތިތަކަށް ވެސް މާލެ ރައްޔިތުންގެ ބޮޑު ޑިމާންޑެއް އޮތް ކަމަށް އެ ސިޓިގައި ބުނެފައި ވެއެވެ.
ދައުލަތުގެ ދަަރަނި 100 ބިލިއަނަށް އަރައި ދަރަނި ނުދެއްކޭނެ ކަމުގެ ބަހުސް އިންތިހާއަށް ބޮޑުވެފައިވާ ހާލަތެއްގައި ހަތަރު ލައްކައެއްހާ މީހުންގެ އާބާދީގެ ތެރެއިން 5000 އާއިލާާ އަށް 48 ބިލިއަން ރުފިޔާގެ އަގު ހުރި ބިން ހިލޭ ދިނުމަކީ ބޮޑު ބޭއިންސާފެއް ކަމުގައި އަޅުގަނޑު ދެކެން.
– ސިރާޖުގެ ސިޓީގައި ބުނެފައި ވެއެވެ.
ސިރާޖު ވިދާޅުވީ ލ.އަތޮޅު ގާދޫގައި ބައިނަލްއަޤުވާމީ ކަނޑުގެ ބަނދަރެއް ހަދަން ވެސް ރިޔާސީ އިންތިޚާބުގައި ރައީސް ސޯލިހް ވައުދުވިއެވެ. ނަމަވެސް އެކަމަކީ ފީސިބަލް ކަމަކަށް ނުވުމުން އެކަން ނުކުރެވޭނެ ކަމަށް މިހާރު ނިންމާފައިވާ ކަމަށެވެ.
ސިރާޖު ވިދާޅުވީ މާލޭ ސަރަހައްދުން 5000 ގޯތި ދޫކުރާއިރު އެއީ ހަމިލިއަން އަކަފޫޓްގެ ބިމެވެ. އަކަފޫޓެއްގެ އަގަކީ އަށްހާސް ރުފިޔާ ކަމަށްވާތީ އެމަގުން ބެލިނަމަވެސް އެއީ 48 ބިލިއަން ރުފިޔާގެ އަގުހުރި ބިންކަން ސިރާޖު ފާހަގަ ކުރިއެވެ.
ސިރާޖު ވިދާޅުވީ ހަމައެކަނި މާލޭ ރައްޔިތުންނަށް ހާއްސަކޮށްގެން ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 60 ގޯތި ބީލަމުގެ އުސޫލުން ވިއްކަން އެޗްޑީސީ އިން ކުރި އިއުލާނުން މާލޭ ސަރަހައްދުގެ ބިމުގެ ޑިމާންޑް ނުހަނު ބޮޑުކަން ވަނީ ސާފުވެފައެވެ. އެހެންކަމުން 5000 ބިން ވިއްކި ނަމަވެސް އެބިން ގަންނާނެ ފަރާތްތައް ލިބޭނެ ކަމަށާއި މާލޭ ސަރަހައްދުގެ ޑިމާންޑަށް ބަލާއިރު ހިލޭ ބިން ދިނުމަށްވުރެ ފްލެޓް އަޅައި ބޯހިޔާވަހިކަމަށް ހައްލު ހޯދުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.
ސިރާޖު ވިދާޅުވީ މާލޭ ރައްޔިތުންނާއި އަދި ރާއްޖޭގެ އެންމެހައި ރައްޔިތުންގެ ބޯހިޔާވަހިކަމަށް ހައްލު ހޯދައިދޭން ޖެހޭނެ ކަމުގައި އޭނާ އަށް ގަބޫލު ކުރެއެވެ. އެހެންކަމުން 5000 އާއިލާއަށް 48 ބިލިއަން ރުފިޔާގެ ބިން އިންސާފުވެރި ކަމާއިއެކީ ބެހޭނެ ކަމަށް ނުދެކޭތީއާއި މިބިންތައް ބީލަމަށް ލައިގެން ވިއްކައިފިނަމަ އަންދާޒާ ކުރެވޭ ފައިސާގެ އަދަދަކީ ކޮބައިކަން މަޖިލީހުން ބަލައިދޭން އެދޭކަމަށް ސިރާޖު ވިދާޅުވިއެވެ.
މާލޭ ރައްޔިތުންނަށް އެއްވެސް އަގަކާ ނުލައި ބިން ދޫކުރަން ސަރުކާރުން ނިންމާފައިވާތީ ބައެއް މީހުން އަންނަނީ އެކަމާ ދެކޮޅު ހަދަމުންނެވެ. އެގޮތުން ވަކި ރަށެއްގެ ބަޔަކަށް އެގޮތަށް ހިލޭ މާލޭން ބިން ދިނުމަކީ އިންސާފެއް ނޫން ކަމަށް އެ މީހުން ބުނެއެވެ.
ކޮމެންޓު ފޮނުވާ