ކޯވިޑް-19: ރަށްފަޅު ހުރާ އިން ނެގި 249 ރެންޑަމް ސާމްޕަލުން 26 މީހުން ޕޮޒިޓިވް

ކޯވިޑް-19: ރަށްފަޅު ހުރާ އިން ނެގި 249 ރެންޑަމް ސާމްޕަލުން 26 މީހުން ޕޮޒިޓިވް

Author
ޢަލީ އާދަމް
15 ނޮވެމްބަރ 2020 11:30
0

ރަށްފަޅު ހުރާ ކިޔާ ހަދަމުންދާ ރިސޯޓަކުން އިއްޔެ ނެގި 249 ރެންޑަމް ސާމްޕަލުން 26 މީހުން ޕޮޒިޓް ވެފައި ވާކަމަށް ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ އެޗްއީއޯސީން ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު ޑރ. ފާޠިމަތު ނަޒްލާ ރަފީޤު ވިދާޅުވީ އެސެންޓަރުން މިހާރު ރިސޯޓު ތަކާއި، ރިސޯޓު ހަދަމުންދާ ރަށްރަށު ގައި އެކްޓިވް ސަރވަޔަލަންސް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށެވެ. އެގޮތުން ރަށްފަޅު ހުރާއިން އިއްޔެ ނެގި 249 ސާމްޕަލުގެ ތެރެއިން 26 މީހުން ޕޮޒިޓިވް ވުމާއިއެކު އެމީހުން އައިސޮލޭޓް ކުރުމާއި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ކުރިއަށް ދާކަމަށް ނަޒްލާ ވިދާޅުވިއެވެ. އެތަނުގައި 2000 މީހުން މިވަގުތު މަސައްކަތް ކުރަމުންދާކަމަށް ނަޒްލާ ވިދާޅުވިއެވެ.

ރަށްފަޅު ހުރާ އަކީ ދުނިޔޭގެ އެންމެ މަތީ ފަންތީގެ ބްރޭންޑް ކަމަށްވާ "ދަ ރިޓްޒް ކާލްޓަން" އިން އެތަން ހިއްކައިގެން ރިސޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުންދާ ފަޅެކެވެ. މިތަނުގައި ހަތަރު ރަށެއް ހިއްކައި ރިސޯޓު ތަރައްގީ ކުރާނެއެވެ.

ފާއިތުވި ސައްވީސް ގަޑީރު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވީ މީހުން އިތުރުވުމުގެ މައިގަނޑު އެއް ސަބަބެއްގޮތުގައި ފާހަގަ ކުރެވެނީ މި ކްލަސްޓަރ އެވެ. އެގޮތުން އިއްޔެގެ އިރުއޮއްސި 18:00 އިން ފެށިގެން މިއަދުގެ އިރުއޮއްސި 18:00 އާއި ހަމައަށް ޖުމްލަ 50 މީހުން މިވަނީ ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ޖުމްލަ 12،204 މީހަކު ވަނީ ކޯވިޑް-19 އަށް ޕޮޒިވްވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.