ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 2 ހޮސްޕިޓަލަކާއި 3 ކްލިނިކެއް ތަރައްޤީކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މަސައްކަތް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ބުނީ ހުޅުމާލޭގައި އަޅަން ނިންމާފައިވާ ދެ ހޮސްޕިޓަލް ތަރައްޤީކުރަނީ 71،127.92 (ހަތްދިހަ އެއްހާސް އެއްސަތޭކަ ހަތްދިހަ ދޭއް ޕޮއިންޓް ނުވެއް ދޭއް) އަކަފޫޓްގެ ބިމެއްގައާއި، 67،522.01 ( ފަސްދޮޅަސް ހަތް ހާސް ފަސްސަތޭކަ ބާވީސް ޕޮއިންޓް ސުމެއް އެކެއް) އަކަ ފޫޓުގެ ބިމެއްގައިކަމަށެވެ.
އޭގެތެރެއިން އެއް ހޮސްޕިޓަލް އިމާރާތްކޮށްދޭނެ ބަޔަކު ހޯދަން މިދިޔަ ޖެނުއަރީ މަހު އިޢުލާން ކުރުމަށްފަހު، ކުރިމަތިލި ފަރާތްތަކުގެ ފޯމުތައް އިވެލުއޭޓްކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް އެޗްޑީސީން ބުންޏެވެ. އަދޮމީގެއިތުރުން ހިޔާ ފްލެޓުތަކުގެ އެންމެ ތިރީގައި ކޮމާޝަލް ޔުނިޓްތަކުގެ ގޮތުގައި ކަނޑާއަޅައިފައިވާ ޔުނިޓުތަކުގައި 3 ކްލިނިކަކާއި 4 ބޭސްފިހާރައެއްވެސް ޤާއިމްކުރުމަށް ހަމަޖެހިފައިވާކަމަށްވެސް އެކުންފުނިން ބުންޏެވެ. މިއާއިއެކު ސިއްހީ ޙިދުމަތްދޭ 7 ތަނެއް ހިޔާ ސަރަހައްދުގައި ޤާއިމްވާނެއެވެ.
ހިޔާ ފްލެޓްގެ 12 ވަނަ ޓަވަރުގެ އެންމެ ތިރީ ފަންގިފިލާގައި ފުރަތަމަ ކްލިނިކް މިމަހުގެ 15 ވަނަ ދުވަހު ވަނީ ހުޅުވައިފައެވެ. ހިޔާ ސަރަހައްދުގައި މީހުން ދިރިއުޅެން ފެށިތާ ގިނަ ދުވަސްތަކެއްވެފައިވާއިރު، އެތަނުގައި އުޅޭ މީހުންނަށް ބޭނުންވާ ޒަރޫރީ ހިދުމަތްތައް އެތަނުން ލިބޭނެ މަގުފަހިކުރުމަށް އެޗްޑީސީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ސްކޫލުތަކާއި، މިސްކިތްތަކާއި ފިހާރަތައް މިހާރު ދަނީ އެސަރަހައްދުގައި ޤާއިމްކުރަމުންނެވެ.
ކޮމެންޓު ފޮނުވާ