ތެލުގެ އަގުބޮޑުވުމުން މާލެ ސަރަހައްދުގެ ޓެކްސީގެ ދަތުރުގެ އަގު ބޮޑުކުރަން ޑްރައިވަރުން މަޝްވަރާކުރަން ފަށައިފިއެވެ.
މާލޭގައި ޓެކްސީ ދަތުރު ކުރާ ބައެއް ފަރާތްތަކުން އާންމުންނާއި ޑްރައިވަރުން ތިބޭ ވައިބާ ގްރޫޕަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ތެލުގެ އަގު 2-3 ފަހަރު ބޮޑުވިނަމަވެސް ޓްރާންސްޕޯޓް މިނިސްޓްރީން ޑްރައިވަރުންނާއި މެދު ވިސްނާފައި ނުވާ ކަމަށެވެ. އެހެން ކަމުން "ފިއުލް ސާޗާޖް" ގެ ނަމުގައި ކޮންމެ ދަތުރަތަކަށް އިތުރަށް ފައިސާ ނަގަން ޑްރައިވަރުން ވަނީ ނިންމާފައެވެ.
ތެލުގެ އަގު ބޮޑުވުމުން ޓެކްސީ ޑްރައިވަރުންގެ ހުރި ކަންބޮޑުވުންތަކާ އެކު، އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ސޮސައިޓީ ފޯ ޔޫތު އެންހޭންސްމަންޓް އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެތައް ފަހަރެއްގެ މަތިން ޓެކްސީ ހިދުމަތުގެ އަގު ރިވިއުކޮށްދޭން ޓްރާންސްޕޯޓް މިނިސްޓްރީގައި އެދުނު ނަމަވެސް މިހާތަނަށް އެކަމަށް އެއްވެސް ހައްލެއް ގެނެސްދީފައި ނުވާ ކަމަށެވެ.
ބަދަލު ގެނެސްފައިވާ އަގުތަކަކީ:
– މާލޭގެ އެތެރޭގެ ދަތުރުތަކަށް 40 ރުފިޔާ
– ހުޅުމާލޭ އެތެރޭގެ ދަތުރުތަކަށް 40 ރުފިޔާ
– ހުޅުމާލޭ ފުރަތަމަ ފިޔަވަހިން ދެވަނަ ފިޔަވައްސަށް 40 ރުފިޔާ
– މާލެއިން ހުޅުމާލެއަށް 85 ރުފިޔާ
– މާލެއިން ހުޅުމާލޭ ދެވަނަ ފިޔަވައްސަށް 95 ރުފިޔާ
– މާލެއިން އެއާޕޯޓަށް 85 ރުފިޔާ
– ހުޅުމާލޭއިން އެއާޕޯޓަށް 85 ރުފިޔާ
– ހުޅުމާލޭ ދެވަނަ ފިޔަވަހިން އެއާޕޯޓަށް 100 ރުފިޔާ
– މާލޭއިން ސީޕްލޭން ފަޅިއަށް 95 ރިފޔާ
– ހުޅުމާލޭއިން ސީޕްލޭން ފަޅިއަށް 95 ރުފިޔާ
– ދެވަނަ ފިޔަވަހިން ސީޕްލޭން ފަޅިއަށް 120 ރުފިޔާ
އެމެސެޖުގައި ބުނެފައިވަނީ ރޭގަނޑު 12 ގެ ފަހުން 6 ޖެހުމާއި ހަމައަށް ކުރާ ކޮންމެ ދަތުރަކަށް އިތުރަށް 5 ރުފިޔާ ނަގާނެ ކަމަށާއި ކުރިއަށް އޮތް 2 އަހަރަށް ތެލުގެ ލީޓަރަކަށް 20 ރުފިޔާ ބޮޑުވިއަސް މިގޮތަށް ދަތުރު ކުރެވޭނެ ކަމަށެވެ.
ތެލުގެ އަގު ބޮޑުވުމާ އެކު، މާލެ ސަރަހައްދުގައި ޓެކްސީގެ ދަތުރުތަކުގެ އަގު ބޮޑުކުރަން ސެންޓަރުތަކުންނާއި ޑްރައިވަރުން މިދިޔަ މާޗު މަހު ވެސް ސަރުކާރުގައި އެދުނެވެ. އެ މައްސަލައިގައި ޓެކްސީ ޑްރައިވަރުންނާއި ޓްރާންސްޕޯޓް މިނިސްޓްރީއާ ދެމެދު ބަހުގެ ހަމަލާތައް ރައްދުކޮށް، މަޝްވަރާ ބައްދަލުވުންތައް ބޭއްވިޔަސް، އެ މައްސަލައިގައި ކޮޅެއް ނުފެނި، މައްސަލަ އޮތީ ހިނދިފައެވެ. އޭގެ ފަހުން ބައެއް ޑްރައިވަރުން ދަނީ އެ މީހުން ބޭނުން އަގެއްގައި ދަތުރުތައް ނަގަމުންނެވެ.