ބަޖެޓް ދިރާސާ ކުރުމުގެ މަސައްކަތް އިދިކޮޅު ފަށައިފި

ބަޖެޓް ދިރާސާ ކުރުމުގެ މަސައްކަތް އިދިކޮޅު ފަށައިފި

Author
މުޙައްމަދު ޝަޒައިމް
15 ނޮވެމްބަރ 2020 07:22
0

އަންނަ އަހަރުން ދައުލަތުން ލާފާކޮށް މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓް ދިރާސާ ކުރުމުގެ މަސައްކަކަތް އިދިކޮޅު ޕްރޮގްރެސިން ކޮންގްރެސް ކޯލިޝަނުން ފަށައިފިއެވެ.

އެކޯލިޝަނުން ބަޖެޓް ދިރާސާކުރުމަށްޓަކައި މަޖިލީހުގައި ހިމެނޭ ދެޕާޓީއަށް ނިސްބަތްވާ މެމްބަރުންނާއި ކޯލިޝަންގެ ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅުންނާއިއެކު މިއަދު ވަނީ ބައްދަލުވުމެއް ބާއްވާފައެވެ. ބަޖެޓް ދިރާސާ ކުރުމުގެ މަސައްކަތް އިދިކޮޅުން ފަށާފައިވާއިރު، ބަޖެޓް ބަހުސް މަރުހަލާ މާދަމާ މަޖިލީހުގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.

އަންނަ އަހަރަށް ދައުލަތުން ލަފާ ކުރާ ބަޖެޓްގެ ގޮތުގައި 34,787,720,151 (ތިރީސް ހަތަރު ބިލިއަން ހަތް ސަތޭކަ އައްޑިހަ ހަތް މިލިއަން ހަތް ސަތޭކަ ވިހި ހާސް އެއް ސަތޭކަ ފަންސާސް އެއް ރުފިޔާ)ގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅާފައެވެ. އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ބޮޑުބަޔަކީވެސް ބޭރުގެ ލޯނާއި އެހީގެ ގޮތުގައި ލިބޭ ފައިސާއަށް ބަރޯސާވެ އެކުލަވާލާފައިވާ ބެޖެޓެކެވެ. ބަޖެޓް މަޖިލީހަށް ހުށަހެޅި ދުވަހު މަޖިލީހުގައި ހިމެނޭ އިދިިކޮޅު މެމްބަރުންގެ ތެރެއިން މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެފައިވަނީ މިބަޖެޓަކީ ދަރަނިބޮޑު ތަރައްްޤީއާއި ދުރު ބަޖެޓެއް ކަމަށެވެ.

އަންނަ އަހަރު ހިންގުމަށް ސަރުކާރުން ނިންމާފައިވާ މަޝްރޫޢުތަކަކީ އިޤްތިޞާދީ ޙާލަތުގައި ނުބައްދަލު ބޮޑެތި މަޝްރޫޢުތަކެއްކަމަށްވުމުން، ކޯވިޑް-19 ގެ ސަބަބުން އަންދާޒާކުރިވަރަށް ދައުލަތަށް އާމްދަނީ ނުލިބިއްޖެނަމަ ކޭޝްފްލޯ މެނޭޖްމަންޓް ދަތިވެ މަޝްރޫޢުތައް ނުހިންގުން އެކަށީގެންވާކަމަށް މަރުކަޒީ ބޭންކު އެމްއެމްއޭގެ ގަވަރުނަރު ޢަލީ ޙާޝިމްވަނީ މިއަދު ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން އެމްއެމްއޭގެ ގަވަރުނަރު ޢަލީ ޙާޝިމް ވިދާޅުވީ، އަންނަ އަހަރު ބަޖެޓްގައި ހިމަނާފައިވާ ކެޕިޓަލް ޚަރަދުގެ ތެރެއިން ޕީއެސްއައިޕީ މަޝްރޫޢުތައް ހިންގުމަށް މައިގަނޑު ގޮތެއްގައި ރޭވިފައިވަނީ ލޯނާ ދައުލަތުގެ އާންމު ބަޖެޓުންކަމަށެވެ. ނަމަވެސް ދައުލަތަށް ލިބޭ ހިލޭއެހީއާއި އާމްދަނީން ރިކަރަންޓް ޚަރަދު ފޫބެއްދުމަށް އަންދާޒާ ކުރެވިފައިވާއިރު، ކެޕިޓަލް ޚަރަދު ހިންގޭނީ އެކަމަށްބޭނުންވާ ފައިނޭންސިންވެސް ކަށަވަރުކުރެވިގެންކަމަށްވެސް ގަވަރުނަރު ފާހަގަކުރެއްވިއެވެ.

ޚާއްޞަގޮތެއްގައި ޕީއެސްއައިޕީ ފަދަ ކެޕިޓަލް ޚަރަދުތައް ހިންގުމަށް ދައުލަތުގެ އާންމު ބަޖެޓުގައި ހިމެނިފައިވާ މިންވަރުގެ ފައިނޭންސިން ހޯދުމަކީ ދަތިވާނެކަމެއްކަމަށް ލަފާކުރެވޭކަމަށްވެސް ގަވަރުނަރު ވިދާޅުވިއެވެ. ސަބަބަކީ ކޯވިޑް-19އާއި ގުޅިގެން ފަތުރުވެރިކަމަށް އައިސްފައިވާ ހީނަރުކަމާއި ގުޅިގެން އަދި ރާއްޖޭގެ ބޭރު ފައިސާގެ ސަޕްލައިވެސް ވަރަށް ބޮޑަށް ދަށްވެފައިވާތީކަމަށްވެސް އެމްއެމްއޭގެ ގަވަރުނަރު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.