މަޤާމުތަކަށް އިންތިޚާބުކުރާއިރު، ދީނަށް އިޚްތިރާމްކޮށް، އަޚުލާގު ރަނގަޅުމީހުން ހޮވަންޖެހޭ: އަނާރާ

މަޤާމުތަކަށް އިންތިޚާބުކުރާއިރު، ދީނަށް އިޚްތިރާމްކޮށް، އަޚުލާގު ރަނގަޅުމީހުން ހޮވަންޖެހޭ: އަނާރާ

Author
މުޙައްމަދު ޝަޒައިމް
28 ޖޫން 2022 04:25
0

ތަފާތު އެކި އެމަޤާމުތަކަށް މީހުން އިންތިޚާބު ކުރަން ރައްޔިތުން ވޯޓުދެއްވާއިރު، އެމީހަކީ ދީނަށް އިޚުތިރާމު ކުރާ އަހުލާގު ރަނގަޅު މީހެއްތޯ ބެލުން މުހިންމު ކަމުގައި ޑރ. އަނާރާ ނަޢީމު ވިދާޅުވެއްޖެއެވެ.

އަނާރާ މިހެން ވިދާޅުވީ، ރައްޔިތުންގެ ވޯޓުން އިންތިޚާބު ކުރާ ބައެއް މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ފަރާތުން މިފަހުން ފެންނަމުންދާ އިސްލާމީ އަދި އަޚުލާގީގޮތުން ދަށް ފެންވަރުގެ އަމަލުތަކާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ބައެއް މެމްބަރުންނަށް ތުހުމަތުކުރެވޭ އެއްޖިއްސުން ގުޅުން ހިންގުމުގެ މައްސަލަތަކާއި، ބަދު އަޚުލާގީ އެކި މައްސަލަތައް ފުލުހުން މިހާރުވެސް ދަނީ ތަހުގީގް ކުރަމުންނެވެ.

ދައުރުވަމުންދާ އެކި ފޮޓޯތަކާއި، ވީޑިއޯތަކަށް އިޝާރާތް ކުރައްވައި އަނާރާ ކުރެއްވި ޓުވީޓުގައި ވިދާޅުވީ އިންތިޚާބީ މަޤާމުތަކަށް މީހުން ކަނަޑައެޅުމުގެ ބާރަކީ ރައްޔިތުންގެ އަތުގައި އޮތް ބާރެއްކަމަށެވެ. ރައްޔިތުން އިންތިޚާބުކުރާ މެމްބަރުންނަކީ އިސްލާމް ދީނާއި، އަޚުލާގިއްޔާތުގެ ތެރެއިން ނަމޫނާ ދެއްކޭވަރުގެ ވަރަކަށް ވުމަކީ އޭގެ ނަތީޖާ މުޅިމުޖުތަމައަށްވެސް ކުރާނެ ކަމެއްކަމަށް އަނާރާ ވިދާޅުވިއެވެ.

މަޤާމުތަކަށް ގެންނަން މީހުންނަށް ވޯޓުދޭއިރު، ވޯޓުން ހޮވާ މީހަކީ ދީނަށް ޙުރުމަތްތެރިކޮށްހިތާ މީހެއްތޯއާއި ރަނގަޅު އަޚްލާޤެއްގެ މީހެއްތޯ ބެލުން ވޯޓުލާ ކޮންމެ މީހަކަށްމެ ކޮންމެހެން ލާޒިމެވެ. ނޫންނަމަ މުޖްތަމަޢުގެ ފޭރާމުގެ ބާކީއޮތްބައިވެސް ނެތިގެން ހިނގައިދާނެ.

– އަނާރާ ވިދާޅުވިއެވެ.

ތަފާތުއެކި މަޤާމުތައް ފުރުއްވާ ރައްޔިތުންގެ ވޯޓުން އިންތިޚާބުވާ ބޭފުޅުންގެ އަމަލުތައް ހުންނަ ގޮތުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވަމުންދާއިރު، މިކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅޭކަމީވެސް މުޅި މުޖުތަމައުގެ އޮތް ބޮޑު ކަންބޮޑުވުމެކެވެ. ޚާއްސަކޮށް އެކި މީހުންގެ މައްސަލަތައް ބެލުމުގައި ތަފާތުކުރުން ގެންގުޅޭކަމީ ގިނަ ބައެއްގެ ކަންބޮޑުވުން އޮތް ކަމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.