ހއ.އަތޮޅުގައި އާރުޓިއެލްގެ ފެރީގެ ޚިދުމަތުން އަގުނަގާނީ އާދީއްތަ ދުވަހުންފެށިގެން

ހއ.އަތޮޅުގައި އާރުޓިއެލްގެ ފެރީގެ ޚިދުމަތުން އަގުނަގާނީ އާދީއްތަ ދުވަހުންފެށިގެން

Author
މުޙައްމަދު ޖިމީ
29 ޖޫން 2022 11:59
0

ދިވެހިރާއްޖެ ހައި ސްޕީޑް ފެރީ ވިއުގައަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން "ރާއްޖެ ޓްރާންސްޕޯޓް ލިންކް" ގެ ޚިދުމަތް ޒޯން 1 ގެ ހއ. އަތޮޅަށް ކަނޑައަޅާފައިވާ އަގުތަކުގައި އަންނަ މަހުގެ 3 ވަނަ ދުވަހު ރަސްމީކޮށް ފެށުމަށް ހަމަޖެހިއްޖެއެވެ.

އެގޮތުން ފުރަތަމަ ފިޔަވަހީގެ ދަށުން "ރާއްޖެ ޓްރާންސްޕޯޓް ލިންކް"ގެ ޚިދުމަތް ޒޯން 1 ގެ ށ. އަތޮޅު ފިޔަވައި ދެން ހިމެނޭ 2 އަތޮޅުކަމުގައިވާ ހދ. އަދި ހއ. އަތޮޅުގެ ރަށްތަކަށް ރަސްމީކޮށް ފެށުނީއެވެ. އަގުނަގައިގެން ރަސްމީކޮށް ޙިދުމަތް ފެށުމުގެ ކުރިން ހއ. އަތޮޅުގެ ރަށްތަކަށް މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން ޖުލައި 2 ވަނަ ދުވަހާއި ހަމައަށް އާރް.ޓީ.އެލްގެ ދަތުރުތައް ކޮށްދިނުމަށް ނިންމާފައިވަނީ މުޅިން ހިލޭކަމަށް އެމްޓީސީސީން ބުންޏެވެ.

އަދި ހިލޭ ދަތުރު ކޮށްދިނުމަށް ކަނޑައަޅާފައިވާ މުއްދަތުގެ މައިގަނޑު މަޤްޞަދަކީ ކަސްޓަމަރުން ޝެޑިއުލަށް އަހުލުވެރިކޮށް މި ޚިދުމަތް ރަނގަޅަށް ތަޖުރިބާކުރުމުގެ ފުރުޞަތު ދިނުމެވެ. ރާއްޖެ ޓްރާންސްޕޯޓް ލިންކުގެ ޚިދުމަތް އަގުނަގައިގެން ކުރުމަށް ރަސްމީކޮށް ފެށުނު ނަމަވެސް، ތިން އަހަރުން ދަށުގެ ކުޑަކުދިންނާއި، އެންސްޕާގައި ރެޖިސްޓަރވެފައިވާ ޙާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހިލޭ ދަތުރުކުރެވޭނެކަމަށް އެމްޓީސީސީން ބުންޏެވެ.

އާރްޓީއެލް ފެރީގެ ޚިދުމަތަށް 3 ޖުލައިއިން ފެށިގެން ޓިކެޓް ބައްލަވައިގަތުމަށް ބޭނުންފުޅުވާ ކަސްޓަމަރުންނަށް، ޖުލައި 1އިން ފެށިގެން އެމްޓީސީސީން އެކަމަށް ޙާއްޞަކޮށްފައިވާ ވެބްސައިޓް އަދި މޯބައިލް އެޕް މެދުވެރިކޮށް
ޓިކެޓް ގަނެވޭނެކަމަށްވެސް އެމްޓީސީސީން ބުންޏެވެ. އަދި ހިލޭ ދަތުރުކުރެވޭ މުއްދަތު ޖުލައި 2ގެ ނިޔަލަށް ހަމަވުމާއެކު، ކައުންސިލް މެދުވެރިކޮށް ޖާގަ ދޫކުރުން ހުއްޓާލެވޭނެކަމަށްވެސް އެމްޓީސީސީން ބުންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.