ސިނަމާލެ ބުރިޖުގައި ދަތުރުކުރާ ވެހިކަލްތަކުން ޓޮލް ފީ ނަގަން ސަރުކާރުގެ ވިސްނުމެއް ނެތް ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ އަޑުގެ "އަހަށޭ ބުނާނަން" ޕްރޮގްރާމެއްގައި މިނިސްޓަރ ނަހުލާ ރޭ ވިދާޅުވީ ބްރިޖް ބޭނުން ކުުރުމުގައި ފީ އެއް ނެގުމުގެ ވިސްނުމެއް އަދި ނެތް ކަމަށެވެ. ދަތުރުފަތުރު ކުރެވޭނެ ފަސޭހަ ނިޒާމެއް އޮންނަން ޖެހޭ ކަމަށާ ރައްޔިތުންނަށް އެ އިންތިޒާމް ހަމަޖައްސައި ދިނުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ.
ވިސްނުމުގައެއް ނެތް ބްރިޖް ބޭނުން ކުރުމުގައި ފީ އެއް ނަގާކަށް އަދި ހަމަ ގައިމު ވެސް. އެހެންވީމަ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ފަސޭހައިން ދަތުރުކުރެވޭނެ ނިޒާމެއް ރައްޔިތުންނަށް އެބައޮންނަން ޖެހޭ. އަދި މި ކަހަަލަ ކަންތައްތައް ގެނެސް ދިނުމަކީ އެއިރަކު އޮންނަ ސަރުކާރެއްގެ ވަރަށް ބޮޑު ޒިންމާއެއް.
– މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހެދި ބްރިޖުން ފީ ނަގަން އެ ސަރުކާރުން ޕްލޭނެއް ހަދައި ޓޮލް ނިޒާމެއް ގާއިމުކުރަން އުޅުނީ މަރާމާތަށް ބޮޑު ޚަރަދެއް ހިނގާނެތީ އެވެ. ޗައިނާގެ ސީސީސީސީން ހެދި ބްރިޖު ހިލޭ މަރާމާތުކުރާ ގޮތަށް އެ ގައުމުގެ ސަރުކާރުން ނިންމީ ދެ އަހަރަށެވެ. އެކަމަކު މި މުއްދަތު، ފަސް އަހަރަށް އިތުރުކޮށްފައިވާ ކަމަށާއި އަންނަ އަހަރަށް ލަފާކުރި ދައުލަތުގެ ބަޖެޓުގައި ބްރިޖުގެ މަރާމާތަށް ހިނގާނެ ޚަރަދު ހިމަނާފައި ނުވަނީ އެހެންވެ ކަމަށް ފިނޭންސް މިނިސްޓްރީއާ ހަވާލާދީ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.
ބްރިޖު ހުޅުވި ދުވަސްވަރަކީ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ކަމަށްވުމުން ބްރިޖުން ފީނެގުން ފަސް ކުރި އެވެ. ބްރިޖުން ފީ ނަގަން ޓޯލް ސިސްޓަމެއް ގާއިމް ކުރަން މިދިޔަ އަހަރު ވެސް ބަޖެޓުގައި ފައިސާ ވެސް ހިމެނި އެވެ. ނަމަވެސް، މި ސަރުކާރަށް ދެ އަހަރު ވެގެން ދިޔައިރު ވެސް ފީ ނަގާނެ ޓޯލް ނިޒާމެއް ގާއިމްކޮށްފައެއް ނުވެ އެވެ.
ކޮމެންޓު ފޮނުވާ