ރާއްޖޭގައި މިއަދު ފެންނަ ޒަމާނީ ކަންކަމަށް އިޔާދަވެ ތަރައްޤީގެ ކަންކަމުގައި ރާއްޖެ ހޯދާ ބަދަލުތައް ގެނައީ އެމްޑީޕީން ކަމުގައި އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ 17 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ އެޕާޓީގެ އާންމު މެމްބަރުންނާއި، ތާއީދު ކުރާ މީހުންނަށް ފޮނުވައި ކުރެއްވި ޓުވީޓުގައެވެ. ރައީސް ނަޝީދު ވިދާޅުވީ ރާއްޖެ ބަދަލު ކުރި ޕާޓީ އަކީ އެމްޑީޕީ ކަމަށެވެ. ޚާއްސަކޮށް ޓެކްސްގެ ނިޒާމް ތަޢާރަފްކޮށް ދައުލަތުގެ އާމްދަނީ އިތުރުކޮށް، ރައްޔިތުންނަށް އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށް ދިނީ އެމްޑީޕީން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީގެ އަހަރީ ދުވަހު ޕާޓީގެ އެންމެ މެމްބަރުންނާއި ތާއީދު ކުރައްވާ އެންމެ ބޭފުޅުންނަށް ވަރަށް މަރުހަބާ. ދިވެހި ރާއްޖެ ބަދަލު ކުރި ޕާޓީއަކީ، އެމްޑީޕީ. ޚާއްސަކޮށް ޓެކްސްގެ ނިޒާމް ތަޢާރަފްކޮށް ދައުލަތުގެ އާމްދަނީ އިތުރުކޮށް، ރައްޔިތުންނަށް އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށް ދިނީ އެމްޑީޕީ.
– ރައީސް ނަޝީދު ވިދާޅުވިއެވެ.
މަލްޓީ ޕާޓީ ސިސްޓަމް ރާއްޖެއަށް ތާއާރަފުވެ ފުރަތަމަ ރަޖިސްޓްރީ ކުރި ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ އުފަންވެފައިވަނީ 2005 ވަނަ އަހަރުގެ ޖޫންމަހުގެ 26 ވަނަދުވަހުއެވެ.
މަލްޓި ޕާޓީ ސިސްޓަމް ރާއްޖެއަށް ތައާރަފުވެ ސިޔާސީ ޕާޓީ ރަޖިސްޓްރީކުރުމަށް ހުޅުވާލުމުން އެންމެ ފުރަތަމަ ރަޖިސްޓްރީ ކުރި ޕާޓީއަކީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އެވެ. އެއަށްފަހު ދެވަނަ ރަޖިސްޓްރީކުރީ އޭރުގެ ރަޢީސް، ރައީސް މައުމޫން އަބްދުލްޤައްޔޫމް އުފެއްދެވި ދިވެހިރައްޔިތުންގެ ޕާޓީ (ޑީ.އާރް.ޕީ)އެވެ. އެހެންނަމަވެސް އެޕާޓީ ދެބައިވެ ފަހުންވަނީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) އުފެދިފައެވެ. އަދި ފީޕީއެމްގެ ތެރެއިން އިތުރު ޕާޓިއެއް އުފެއްދި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީ.އެން.ސީ)ގެ ނަމުގައި ރަޖިސްޓްރީކޮށް އަންނަނީ ހިންގަމުންނެވެ.
އިލެކްޝަން ކޮމިޝަންގެ ދަފްތަރު ދައްކާ ގޮތުން މިވަގުތުވެސް 11 ސިޔާސީ ޕާޓީއެއް ރަޖިސްޓްރީކޮށް ރާއްޖޭގައި އަންނަނީ ހިންގަމުންނެވެ. ރާއްޖޭގައި މަލްޓި ޕާޓީ ސިސަމްޓަމް ތައާރަފުވި ފަހުން މިހާތަނަށް ބޭއްވި ތިން އިންތިޙާބުވެސް ކާމިޔާބުކޮށްފައިވަނީ އެކި ޕާޓީތައް ގުޅިގެން އުފެއްދި ކޯލިޝަން ސަރުކާރުތަކުންނެވެ.