ޚިޔާލު ތަފާތުވުން އޮންނަ އިވެންޓުތައް ރޭވުމުން ގެއްލުންވަނީ ރައްޔިތުންނަށް: އަނާރާ

ޚިޔާލު ތަފާތުވުން އޮންނަ އިވެންޓުތައް ރޭވުމުން ގެއްލުންވަނީ ރައްޔިތުންނަށް: އަނާރާ

Author
މުޙައްމަދު ޝަޒައިމް
24 ޖޫން 2022 11:04
0

ރައްޔިތުންގެ ތެރޭގައި ޚިޔާލު ތަފާތުވުން އޮންނަ އިވެންޓުތައް ރޭވުމުން އެކަމުގެ ހުރިހާ ގެއްލުމެއް އާޚިރުގައި ވަނީ ހަމަ ދިވެހި ރައްޔިތުންނަށް ކަމުގައި ދީނީ ޢިލްމުވެރިޔާ ޑރ.އަނާރާ ނައީމް ވިދާޅުވެއްޖެއެވެ.

އަރަނާ މިހެން ވިދާޅުވީ މިދިޔަ އަންގާރަ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތާއި ގުޅިގެން ހިނގަދިޔަ ހަމަނުޖެހުންތަކުގައި ދީނީ އިލްމުވެރިންނާއި، އާންމު ރައްޔިތުން ހައްޔަރު ކުރަމުންދަ ދަނޑިވަޅެއްގައި ކަންބޮޑުވުން ފާޅުކުރައްވައި ކުރެއްވި ޓުވީޓެއްގައެވެ.

ރާއްޖޭގެ ގިނަ އަދަދެއްގެ ދީނީ އިލްމުވެރިން ޔޯގާ އިވެންޓު ނުބޭއްވުމަށް ތަކުރާރުކޮށް ސަރުކާރާއި ކަމާއި ގުޅުންހުރި އިދާރާތަކުގައި ދެންނެވި ނަމަވެސް، އަންގާރާ ދުވަހު ވަނީ މިއިވެންޓު ބާއްވަން މަސައްކަތް ކޮށްފައެވެ. އިވެންޓު ބޭއްވުމަށް ރަސްފަންނު ނުދިނުމުން މިއިވެންޓު ބާއްވަން މަސައްކަތް ކުރީ ގަލޮޅު ދަނޑުގައެވެ. ދަނޑުގައި އެހަރަކާތް ހިންގުމަށް ނިންމުމުންވެސް އެއީ ދީނީ ގޮތުން ރަނގަޅު ކަމެއް ނޫންކަމަށް ބުނެ ތަކުރާރުކޮށް އިލްމުވެރިން ދިޔައީ މިކަން ނުކުރުމަށް ސަރުކާރަށް ދަންނަވަމުންނެވެ. ނަމަވެސް ސަރުކާރުން މިކަމަށް އިޖާބަ ދީފައި ނުވެއެވެ.

ދީނީ އިލްމުވެރިޔާ ޑރ.އަނާރާ ވިދާޅުވީ، ދީނީ ގޮތުންނާއި، އަދި އެނޫން ގޮތްގޮތުންވެސް ރައްޔިތުންގެ މެދުގައި ޚިޔާލު ތަފާތުވުން އޮންނަ ހަރަކާތްތައް ރާވައި ހިންގުމުގައި ސަރުކާރުން ވިސްނަން ޖެހޭނެކަމަށެވެ. އެކަމުގެ ސަބަބުން އާޚިރުގައި ދިވެހި ރައްޔިތުންނަށް ލިބޭނެ ގެއްލުން ކުޑަކުރުމަކީ ސަރުކާރުން މަސައްކަތް ކުރަންޖެހޭނެ ކަމެއްކަމަށް އަނާރާ ވިދާޅުވިއެވ.

ރާއްޖޭގެ ހަމަޖެހުމާއި، އަމާންކަން ގާއިމް ކުރުމަކީ ދިވެހި ސަރުކާރުގެ ޒިންމާއެއް ކަމަށާއި، އެކަން ބޭރުގެ ބަޔަކު އައިސް ކޮށްދޭނެކަމަށް ގަބޫލު ކުރުމަކީ ކޮށްގެންވާނެ ކަމެއްނޫންކަމަށް އަނާރާ ވިދާޅުވިއެވެ.

ޚިޔާލު ތަފާތުވާކަންކަމުގަ ވަކިގޮތަކަށް އިވެންޓުތައް ރޭވުމުން، އެކަމުގެ ގެއްލުން އާޚިރުގަ ލިބެނީ ޤައުމާއި ރައްޔިތުންނަށް. ދިވެހިން ޤައުމުދެކެ ވާލޯބި ބޭރުމީހުން ނުވާނެކަން ދަނެ، އެފަދަ ފުރުސަތުނުދީ، ރައްޔިތުން ޙިމާޔަތްކޮށް ސަރުކާރުން އެއްބައިވަންތަކަމަށް މަގުކޮށަންޖެހޭ.

– އަނާރާ ވިދާޅުވިއެވެ.

މިހަރަކާތާއި ގުޅިގެން ދީނީ ދެ ޢިލްމުވެރިޔަކު ވަނީ ހައްޔަރުކޮށްފައެވެ. މި އިލްމުވެރިންނާއިއެކު މިހާތަނަށް 12 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މިހަރަކާތާއި ގުޅިގެން ސަރުކާރުން ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންދާއިރު، ގިނަ ބަޔަކު ބުނަމުންދަނީ މިކަމުގެ ޒިންމާ ނަގަންޖެހޭނީ ފުލުހުން ކަމަށެވެ. މިފަދަ ބޮޑު ހަމަނުޖެހުމަކަށް ފުލުހުން ޖާގަ ނުދިންނަމަ އެވަރުގެ ހަމަނުޖެހުމެެއް ހިންގުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.