ބައިނަލްއަޤްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތަށް ހުރަސްއަޅައި ހަމަނުޖެހުން ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ބަންދަށް މުއްދަތު އިތުރުކޮށްފިއެވެ.
މި މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރެއިން ބަންދުގައި ބެއިތިއްބުމަށް މުއްދަތު ޖަހާފައިވަނީ ޝައިޚް އާދަމް ނިޝާންއާއި، ކުރީގެ މަޖިލިސް މެންބަރު އަދި ޕީޕީއެމްގެ ހަރަކާތު ކޮމިޓީ ޗެއަރ މުޙައްމަދު އިސްމާޢީލްގެ އިތުރުން ޕީޕީއެމްގެ އެކްޓިވިސްޓް މުހައްމަދު ރައްޒާންގެ ބަންދަށެވެ.
އެގޮތުން ކުރީގެ މެމްބަރު މުހައްމަދު އިސްމާޢީލާއި ޕީޕީއެމްގެ އެކްޓިވިސްޓް މުހައްމަދު ރައްޒާންގެ ބަންދަށް ފަސް ދުވަސް ޖަހާފައިވާއިރު ޝައިޚް އާދަމް ނިޝާންގެ ބަންދަށް ކްރިމިނަލް ކޯޓުން ހަތް ދުވަސް ވަނީ ޖަހާފައެވެ. މީގެ އިތުރުން ރޭ ވަނީ ޝައިޚް ފަޟްލޫން ބިން މުޙައްމަދު ވެސް ހައްޔަރު ކޮށްފައެވެ. އޭނާ ވެސް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައިވާއިރު އަދި ބަންދާ މެދު ގޮތެއް ނުނިންމައެވެ.
ހައްޔަރުކުރި މީހުންގެ މައްޗަށް ކޮށްފައިވާ ތުހުމަތަކީ، މާރާމާރީ ހިންގައި، އެތަނުގައި ހުރި ތަކެއްޗަށް ގެއްލުންދީ، އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ހަމަނުޖެހުން ހިންގައި، ފުލުހުންނާ ކުރިމަތިލައި، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅާފައިވާކަމުގެ ތުހުމަތެވެ. މިގޮތުން ހަރަކާތްތެރިވި ފުލުހުންގެ ބަހާއި، ސީސީޓީވީ ފުޓޭޖުގެ އިތުރުން އިންޓެލިޖެންސް ރިޕޯޓު ވަނީ ހެކީގެ ގޮތުގައި އެ މީހުންނާ ދެކޮޅަށް ވަނީ ހުށަހަޅައިފައެވެ.
ޔޯގާ ދުވަސް ފާހަގަކުރިޔަ ނުދިނުމަށްޓަކައި ގަލޮޅު ދަނޑުގައި ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގައި މީގެ ކުރިން ވަނީ ހަ މީހަކު ހައްޔަރު ކޮށްފައެވެ. އޭގެ ތެރެއިން ހަތަރު މީހެއްގެ ބަންދަށް ދެ މަސް ދުވަސް އިތުރުކޮށްފައިވާއިރު ދެ މީހެއްގެ ބަންދަށް ވަނީ ފަސް ދުވަސް އިތުރުކޮށްދީފައެވެ.
ކޮމެންޓު ފޮނުވާ