ރައްޔިތުންގެ ޝަކުވާއަކީ ބަޖެޓު ދިނުމުން ކޮމިޝަންތަކުން ކުރީ ކޮންކަމެއްތޯ: މޫސަ

ރައްޔިތުންގެ ޝަކުވާއަކީ ބަޖެޓު ދިނުމުން ކޮމިޝަންތަކުން ކުރީ ކޮންކަމެއްތޯ: މޫސަ

Author
މުޙައްމަދު ޝަޒައިމް
15 ނޮވެމްބަރ 2020 11:18
0

މިނިވަން ކޮމިޝަންތައް އުފެދުނު ފަހުން މިހާތަނަށް ދައުލަތުން ދިން ބަޖެޓުތަކުން ކުރީ ކޮންކަމެއްތޯ ރައްޔިތުން ސުވާލު އުފައްދަވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބް ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ދައުލަތުން ލަފާ ކުރާ ބަޖެޓު ކޮމިޓީ މަރުހަލާގައި މިނިވަން ކޮމިޝަންތަކުން ބަޖެޓް ކުޑަވެގެން ކުރަމުންދާ ޝަކުވާތަކަށް އަމާޒުކޮށް މޫސަ ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދު ރަނގަޅު ހާލަތުގައި އޮވެ މިނިވަން ކޮމިޝަންތަކުން އެދުނު މިންވަރަށް ބަޖެޓް ދިނުމުން ކުރެވިފައިވާ މަސައްކަތާއި، ނެރެފައިވާ ނަތީޖާތަކާއިމެދު ރައްޔިތުން ސުވާލު އުފައްދާކަމަށެވެ.

މިއަދު ބަޖެޓް ނުލިބި ކޮމިޝަންތަކުން ޝަކުވާ ކުރާއިރު، ކޮމިޝަންތަކަށް ބަޖެޓް ދީގެން ވީކޮންކަމެއްތޯވެސް ރައްޔިތުން ސުވާލު އުފައްދަވާކަމަށް މޫސަ ވިދާޅުވިއެވެ. ގިނަ މައްސަކަލަތަކެއް ކޮމިޝަންތަކުގައި ތާށިވެ ނުބެލިވާ މައްސަލަތަކާއި، މައްސަލަތައް ލަސްވާކަމުގެ ޝަކުވާއަކީ އޭރުވެސް އަދި މިހާރުވެސް ރައްޔިތުން ކުރާ ޝަކުވާކަމަށް މޫސަ ވިދާޅުވިއެވެ.

ބަޖެޓް އެކުލަވަލާ ކޮމިޓީން މިނިވަން ކޮމިޝަންތަކައި ބައްދަލުކޮށް ކުރަމުންދާ ޝަކުވާގައި އެންމެބޮޑު ޝަކުވާއަކީ ބަޖެޓް ކުޑަވުމުގެ ޝަކުވާއެވެ. މިނިވަން ކޮމިޝަންތަކުގެ ތެރެއިން އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓުގައި ހިއުމަންރައިޓް ކޮމިޝަނަށް ދިނުމަށް ކަނޑައަޅާފައިވާ ބަޖެޓުން ޤާނޫނުގައި އެކޮމިޝަނަށް މަތިކޮށްފައިވާ ކަންކަން ތަންފީޒު ނުކުރެވޭނެ ކަމުގައި އެކޮމިޝަނުންވެސް ވަނީ އިއްޔެ ބުނެފައެވެ.

އަންނަ އަހަރަށް ދައުލަތުން ލަފާ ކުރާ ބަޖެޓްގެ ގޮތުގައި މަޖިލީހަށް ހުށަހަޅާފައިވަނީ 34,787,720,151 (ތިރީސް ހަތަރު ބިލިއަން ހަތް ސަތޭކަ އައްޑިހަ ހަތް މިލިއަން ހަތް ސަތޭކަ ވިހި ހާސް އެއް ސަތޭކަ ފަންސާސް އެއް ރުފިޔާ)ގެ ބަޖެޓެކެވެ. އަންނަ އަހަރު ޚަރަދުގެ ގޮތުގައި ހިނގާނެކަމަށް ލަފާކޮށްފައިވަނީ 33.3 ބިލިއަން ރުފިޔާއެވެ. އަދި ބަޖެޓާއި ޚަރަދާއިހުރި ތަފާތުގެ ބޮޑު ބައެއް ހިއްސާކުރަނީ، ދައުލަތުގެ ދަރަނި އަދާކުރުމަށް ދައްކާ 1.5 ބިލިއަން ރުފިޔާކަމަށް ފިނޭންސް މިނިސްޓަރ ވަނީ ވިދާޅުވެފަވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.