ބައިނަލްއަޤްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތަށް ހުރަސްއަޅައި ހިންގި ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމުގައި ފުލުހުން ހަރަކާތްތެރިވި ގޮތާމެދު ސީރިއަސް ކަންބޮޑުވުންތަކެއް އެބަހުރިކަމަށާއި އެ މައްސަލަ ޚާއްޞަ އިސްކަމެއް ދެއްވައިގެން ބަލަމުން އަންނަކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ.
ޔޯގާ ހަރަކާތް ހިންގަމުން ދަނިކޮށް ގަލޮޅު ރަސްމީ ދަނޑަށް ބަޔަކު ދިދަތަކެއް ހިފައިގެން ވަދެ ހަމަނުޖެހުން ހިންގީ ފުލުހުން އެމީހުން ނުހުއްޓުވުމުންކަމަށް ބުނެ، ބައެއް ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވި ގޮތާމެދު ބައެއް ފަރާތްތަކުން އަންނަނީ ސުވާލު އުފައްދަމުންނެވެ.
ޔޫތު މިނިސްޓްރީއާއި، ރާއްޖޭގައި ހުންނަ އިންޑިއަން ކަލްޗަރަލް ސެންޓަރުން އިންތިޒާމްކޮށްގެން ބޭއްވި ޔޯގާ ހަރަކާތުގައިި ޔޫތު މިނިސްޓަރ އަޙްމަދު މަޚްލޫފާއި، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅަފައި ހުންނަވާ ސަފީރާއި، އެނޫންވެސް ބޭރުގެ ޑިޕްލޮމޭޓުން ތިއްބެވެ. އެ ހަރަކާތުގައި ބައިވެރިވި މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭނެގޮތަށް ބަޔަކު ވަދެ ހިންގި ހަމަނުޖެހުން ކަމާ ގުލުންހުރި އިދާރާރަކުން އަންނަނީ ތަޙްޤީޤްކުރަމުންނެވެ.
އެ މައްސަލާގައި ކަންބޮޑުވުން ފާޅުކުރައްވާ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވީ، ގިނަ ސެކިއުރިޓީތަކެއް ބްރީޗްވީގޮތާމެދު ސީރިއަސް ކަންބޮޑުވުންތަކެއް އެބަހުރިކަމަށެވެ. އެސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވި ގޮތް ބެލުމަށް ޚައްޞަ އިންޓަރނަލް ރިވިއުއެއް ހަދަމުން އަންނަކަމަށްވެސް ކޮމިޝަނަރ ވިދާޅުވިއެވެ. އަދި އެ އޮޕަރޭޝަނާއި ގުޅޭ ގޮތުން ކަމާބެހޭ އިދާރާތަކުން ހަދާ ކޮންމެ އިންކްއަރީއަކަށްވެސް ފުރިހަމަ އެއްބާރުލުން ފުލުހުންގެ އިދާރާއިން ދޭނެކަމުގެ ޔަޤީންކަން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމިދު ވަނީ ދެއްވާފައެވެ.
ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތް އިއްޔެ ހެނދުނު 06:30ގައި ފެށިއިރުވެސް އެ ހަރަކާތައި ދެކޮޅަށް ބަޔަކު ދިޔައީ ދަނޑު ބޭރުގައި އަޑު އުފުލަމުންނެވެ. އަދި ފުލުހުންވެސް އެ ސަރަހައްދުގެ ސެކިއުރިޓީ ބަލަހައްޓަމުން ގޮސްފައިވެއެވެ. ނަމަވެސް ފުލުހުންގެ ބެރިކޭޑުތަކާއި ސަފުތައް ފޫއަޅުވާލާ ދަނޑަށް ވަދެގަނެ ބައެއް ތަކެއްޗަށް ގެއްލުންދީފައިވާކަމަށް މަންޒަރު ދުށް ބައެއް ބުނެފައިވެއެވެ.
ގަލޮޅު ދަނޑު ސަރަހައްދުގައި ހިންގި ހަމަނުޖެހުންތަކާއި ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ ޔޯގާ ހަރަކާތަށް ހުރަސް އަޅައި އެހަރަކާތުގެ ބައިވެރިވި ބޭރުގެ ގައުމުތަކުގެ ސަފީރުންނާއި، ޑިޕްލަމެޓުންނާއި، އަދި އާންމުންގެ މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް އެތަނަށް ވަދެގަނެ، ބައެއް މީހުންނަށް ހަމަލަދީ ތަކެއްޗަށް ގެއްލުން ދީފައިވާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ސީރިއަސް އެންޑް އޯގަނައިޒް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގް ކުރަމުން ދާކަމަށެވެ.
މިޢަމަލު ހިންގުމުގައި ބައިވެރިވި މީހުންގެ މައްސަލަ ތަހުގީގްކޮށް ޤާނޫނީ ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތް ފުލުހުންގެ ޚިދުމަތުން ކުރަމުންދާކަމަށްވެސް ވަނީ ވިދާޅުވެފައެވެ. މިޢަމަލު ހިންގި މީހުން ބޭނުންކޮށްފައިވާ ބައެއް އާލާތްތައް ނެރެފައިވަނީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ އޮފީހުންކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ