ބައިނަލްއަޤްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތަށް ހުރަސްއަޅައި ހަމަނުޖެހުން ހިންގި މައްސަލަގައި ހައްޔަރުކުރި ހަ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު އިތުރުކޮށްފިއެވެ.
ޔޯގާ ހަރަކާތަށް ހުރަސްއަލައި ހަމަނުޖެހުން ހިންގި މައްސަލާގައި ދިވެހި 6 ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. މި މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރެއިން ހަތަރު މީހެއްގެ ބަންދަށް ވަނީ 60 ދުވަސް ކޯޓުން ދީފައެވެ. އަދި ދެމީހެއްގެ ބަންދަށް ވަނީ 5 ދުވަސް ދީފައެވެ.
ފަސްދޮޅަށް ދުވަސް ނުވަތަ ދެމަސްދުވަހުގެ މުއްދަތަށް ބަންދުކުރި ހަތަރު މީހުންނަކީ މުހައްމަދު ނަދީމް, ވީނަސް ކ.ތުލުސްދޫ، މުހައްމަދު މައުސޫމް, ހެޕީސައިޑް ތ.މަޑިފުށި, މުހައްމަދު ޙުސައިން, ގްރީން ހައުސް ހއ. ތުރާކުނު އަދި އަމީން އަޙްމަދު, ލިލީ ޕާކް ގދ. ރަތަފަންދޫއެވެ.
އެމީހުންގެ އިތުރުން ބަންދަށް ފަސް ދުވަހުގެ މުއްދަތެއް ދީފައިވާ ދެމީހުންނަކީ ޝާމީ ރަޝާދު އިދްރީސް, ދަފްތަރު ނަންބަރު 1105, އަދި މުހައްމަދު ޒިލްޔާން, މއ.ކަނުހުރާއެވެ.
އިއްޔެ ގަލޮޅު ދަނޑު ސަރަހައްދުގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ސީރިއަސް އެންޑް އޯގަނައިޒް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގް ކުރަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެެވެ.
މިހަރަކާތަށް ހުރަސްއަޅައި، ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާވެސް ވަނީ މިމައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެގޮތުގައި ތަހުގީކޮށް، މިކަމުގައި ޝާމިލުވާ އެންމެން ޤާނޫނުގެ ކުރިމައްޗަށް ގެންނާނެކަމަށް ވިދާޅުވެފައެވެ. އަދި ޔޯގާ ހަރަކާތަށް ހުރަސްއަޅައި ހިންގި އަމަލު ވަޒީރުންގެ މަޖިލީހުން ކުށްވެރިކޮށް އެއަމަލު ހިންގި ފަރާތްތަކުގެ މައްސަލަ ތަޙްޤީގުކޮށް ފިޔަވަޅުއެޅުމަށް ވަޒީރުންގެ މަޖިލީހުގެ ސަބްކޮމިޓީއެއް ވަނީ އެކުލަވާލައްވާފައެވެ.
ކޮމެންޓު ފޮނުވާ