ޔޯގާ ހަރަކާތަކީ ރާއްޖޭގެ ޤާނޫނު މަނާކުރާ ހަރަކާތެއް ކަމަށާއި، މިހަރަކާތަށް ހުއްދަދިން ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް މަޤާމުން ވަކި ކުރަންޖެހޭ ކަމަށް އިދިކޮޅު ޕީޕީއެމްގެ ހަރަކާތު ކޮމެޓީގެ ޗެއާ މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ މިއަދު ފާހަގަކުރި ބައިނަލް އަގުވާމީ ޔޯގާ ޑޭ އާއިގުޅިގެން ޔޫތު މިނިސްޓްރީއާއި، އިންޑިއާ އެމްބަސީ ގުޅިން ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތް ބަޔަކު ނިކުމެ ހުއްޓުވުމާއި ގުޅިގެން ސަރުކާރުން މިމައްސަލާގައި އަމަލު ކުރަމުންދާ ގޮތާއި ގުޅޭގޮތުން ކުރެއްވި ޓުވީޓެއްގައެވެ. މިކަމުގައި ސަރުކާރުގެ އެންމެ ބޮޑު ތުހުމަތެއް އޮތީ ޕީޕީއެމްއަށެވެ.
މިމައްސަލާގައި މުހައްމަދު އިސްމާއިލް ވިދާޅުވީ ޔޯގާ ހަރަކާތަކީ ރާއްޖޭގެ ޤާނޫނުން މަނާ ކުރާ ހަރަކާތަކަށް ވާއިރު މިހަރަކާތަށް ޖާގަ ދިނުމަކީ ކުރެވިގެންވާނެ ކަމެއް ނޫންކަމަށެވެ. މިހަރަކާތް ކުރިއަށް ގެންދިއުމަށް ހުއްދަ ދެއްވި ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް މަޤާމުން މިހާރުން މިހާރަށް ވަކި ކުރަންޖެހޭކަމަށް މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ.
ޔޯގާ ހަރަކާތަކީ ރާއްޖޭގެ ޤާނޫނު މަނާކުރާ ހަރަކާތަކާތެއް ކަމުން، އެހަރަކާތް ހިންގުމަށް ހުއްދަދިން ޔޫތު މިނިސްޓަރ ވަގުތުން މަޤާމުން ވަކިކުރަންޖެހޭ. އަދި އޭނާގެ މައްޗަށް ޤާނޫނީ އިމުގެ ތެރެއިން ހައްގު އަދަބު ތަންފީޒު ކުރަންޖެހޭ.
– މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ.
ސަރުކާރުން އިދިކޮޅު ކޯލިޝަނަށް މިހަމަނުޖެހުމުގެ ތުހުމަތު ކުރާއިރު މިހަރަކާތުގައި ފެންނަ ދިދަ ތަކަކީ ޕީޕީއެމް އޮފީހުން ދިން ދިދަތަކެއްކަމަށް ދަނީ ބުނަމުންނެވެ. ނަމަވެސް މިހަރަކާތާއި ޕީޕީއެމްއާއި އެއްވެސް ގުޅުމެއް ނެތްކަމަށް އެޕާޓީން ދަނީ ބުނަމުންނެވެ.
މިހަރަކާތް ކުރިއަށް ނުގެންދެވުމާއި ގުޅިގެން މަހުލޫފު ވިދާޅުވީ، މިއީ އިންޑިއާ އާ ދެކޮޅަށް ވަރުގަދަ ކެމްޕޭނެއް އޮޕޮޒިޝަނުން ހިންގަމުންދާ ދަނޑިވަޅަކަށްވާތީ އެކަމުގެ ނާޖާއިޒް ފައިދާ ނަގައިގެން ބަޔަކު ގަސްތުގައި ސިޔާސީ ގޮތުން ހިޔާލު ތަފާތުވެ ހިންގި ޙަރަކާތެއް ކަމަށެވެ. އެހެން ވިދާޅުވާން ޖެހުނު ސަބަބަކީ 2014 އިން ފެށިގެންވެސް އިންޓަރނޭޝަނަލް ޔޯގާ ޑޭ ރާއްޖޭގައި ފާހަގަ ކުރާތީކަމަށް މަހުލޫފު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ