ގަލޮޅު ދަނޑުގައި ޔޯގާ ކުރިއަށް ދަނިކޮށް ދިދަތަކަކާ އެކު ގަދަކަމުން ވަދެގަނެ މީހުންނަށް ބިރުދައްކައި އިންޒާރުދީ ހަމަނުޖެހުން ހިންގުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތް ކަން ސާބިތުވެއްޖެ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އިލެކްޝަންސް ކޮމިޝަނުން މިއަދު ދީފިއެވެ.
އެ ކޮމިޝަނުން ފިޔަވަޅު އަޅާނެ ކަމަށް ބުނެ ބަޔާނެއް ނެރުނީ ހަމަނުޖެހުން ހިންގި ބައެއް އާލާތްތައް ނެރުނީ ޕީޕީއެމްގެ އޮފީހުން ކަމަށް ފުލުހުން ބުނެފައި ވަނިކޮށެވެ. އެއްވުމަށް ދިޔަ މީހުން ހިފައިގެން ތިބި ދިދަތައް ޕީޕީއެމްގެ އޮފީހުން ރޭ ފަތިހު ނެރޭ ފޮޓޯތަކެއް ވެސް ވަނީ އާއްމުވެފައެވެ.
އިލެކްޝަންސް ކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައިވަނީ މިއަދު ކުރިއަށް ގެންދިޔަ ހަރަކާތަށް ހުރަސް އަޅައި އެ ހަރަކާތުގައި ބައިވެރިވި ބޭރުގެ ބޭރު ޤައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމެޓުންނާއި އާންމުންނާ ދެކޮޅަށް ބިރުވެރިކަން އުފެދޭގޮތަށް އެތައް ބަޔަކު ވަދެގަނެ، ހަމަނުޖެހުން ހިންގައި ބައެއް މީހުންނަށް ހަމަލާދީ ތަކެއްޗަށް ގެއްލުން ދީފައިވާތީ އެ ކޮމިޝަނުން އެކަން ކުށްވެރިކުރާކަމަށެވެ.
އަދި މި މައްސަލައިގައި އެއްވެސް ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރައްވާ ތަހުގީގުން ސާބިތުވެއްޖެނަމަ އެ ޕާޓީއަކާ މެދު ސިޔާސީ ޕާޓީގެ ގާނޫނުގެ 45 ވަނަ މާއްދާއަށް ރިއާއަތްކޮށް އެ ގާނޫނުގެ 49 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅާނެކަމަށްވެސް އިލެކްޝަންސް ކޮމިޝަންގެ ބަޔާނުގައިވެއެވެ.
މިއަދު ގަލޮޅު ދަނޑު ސަރަހައްދުގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ސީރިއަސް އެންޑް އޯގަނައިޒް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގް ކުރަމުން އަންނަކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. މިގޮތުން މިމައްސަލާގައި މިހާތަނަށް 6 މީހަކު މިހާރުވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މިހަރަކާތަށް ހުރަސްއަޅައި، ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާވެސް ވަނީ މިމައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެގޮތުގައި ތަހުގީކޮށް، މިކަމުގައި ޝާމިލުވާ އެންމެން ޤާނޫނުގެ ކުރިމައްޗަށް ގެންނާނެކަމަށް ވިދާޅުވެފައެވެ.