ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގެ ފޮޓޯ އާއި ވީޑިއޯ ހިއްސާކުރަން އެދިއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގެ ފޮޓޯ އާއި ވީޑިއޯ ހިއްސާކުރަން އެދިއްޖެ

Author
މުޙައްމަދު ޝަޒައިމް
21 ޖޫން 2022 04:50
0

ބައިނަލްއަޤްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވި ޙަރަކާތާއި ގުޅިގެން ހިންގި ހަމަނުޖެހުމާއި ގުޅޭ ވީޑިއޯ އާއި ފޮޓޯ ހިއްސާ ކުރުމަށް ފުލުހުން އެދިއްޖެއެވެ.

މިއަދު ހެނދުނު 6:30ގައި ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކަތަށް ހުރަސް އަޅައި ބޮޑެތި ހަމަނުޖެހުން ހިންގައި، މީހުންނަށާއި، މުދަލަށް ވަނީ ގެއްލުން ދީފައެވެ. މިމައްސަލައާއި ގުޅިގެން މިހާތަނަށް 6 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، މިމައްސަލަ ވަަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފުލުހުން ވިދާޅުވީ އެއިދާރާގެ ޕޯޓަލްއަށް ފޮޓޯއާއި، ވީޑިއޯ ހިއްސާ ކުރުމަށް އެދޭކަމަށެވެ. އަދި ފޮޓޯއާއި ވީޑިއޯ ހިއްސާ ކުރައްވާ ފަރާތްތަކުގެ ސިއްރު ހިފަހައްޓާނެކަމުގެ ޔަގީންކަން ފުލުހުން ވަނީ ދެއްވާފައެވެ.

މި ހަރަކާތް ހުއްޓުވިއިރު ޔޫތު މިނިސްޓަރ އަޙްމަދު މަޚްލޫފާއި، އިންޑިއާ ހައިކޮމިޝަނަރާއި ބޭރު ޖަމްޢިއްޔާތަކުން ރާއްޖެއަށް ކަނޑައެޅުއްވި ބައެއް މަންދޫބުންވެސް އެތަނުގައި ތިއްބެވިއެވެ.

އެއްވުމުގެ ބައިވެރިން ވަނީ ދަނޑަށް ވަދެ، އެ ސަރަހައްދުގައި ހުރި ބައެއް ތަކެއްޗަށް ގެއްލުންދީފައެވެ. އަދި ބައެއް މީހުންނަށްވެސް ހަމަލާދީފައިވާކަމަށް މަންޒަރުދުށް ބައެއް މީހުން ބުނެފައިވެއެވެ. ރާއްޖޭގައި 2014ވަނަ އަހަރުން ފެށިގެން ކޮންމެ އަހަކު އަންނަނީ ބައިނަލް އަޤުވާމީ ޔޯގާ ދުވަސް ފާހަގަ ކުރަމުންނެވެ. ނަމަވެސް މިހާތަނަށް މިފަދަ އެއްވެސް ހަރަކާތަކަށް މިގޮތަށް ހުރަސް އަޅާފައި ނުވާއިރު، މިއީ ވަކިމަޤުސަދެއްގައި ހިންގި އަމަލެއްކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފްވެސް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.